logo

ހެންޏާ ހޭންވީ, ބިރު ވެސް ގަންނަންވީ; ބިބީ ބެލުމުން މި ދެ ކަންތައް ވެސް ވާނެ!

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

16 އޮކްޓޯބަރު 2024 - 03:20
ހެންޏާ ހޭންވީ, ބިރު ވެސް ގަންނަންވީ; ބިބީ ބެލުމުން މި ދެ ކަންތައް ވެސް ވާނެ!

ބިބީގެ ޕޯސްޓަރު --

SHARE

ބިބީއަކީ ދެރަ އެެއްޗެއް ނޫނެވެ. އެއީ ތާސްބައެއްގެ ގުލާމާއި ބައިސާއާ ދޭތެރޭ އޮންނަ ގަނޑެވެ. އަބަދުވެސް ބޭނުންތެރި ގަނޑެކެވެ. އެކަމަކު, ފިލްމަކަށް މި ނަން ކީމާ ހިތަށް އެރިއެވެ. މި ފިލްމުގައި ވާނީ ކިހިނެއް ބާވައެވެ. ކިހާވަރެެއްގެ ފިލުމަކަށް މި ފިލްމު ވާނެ ބާވައެވެެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ބިބީ ބަލަން އަހަރެން ވެސް ވަނީމެވެ. ވަނުމުގެ ކުރިން އެނގޭހާ ވެސް އެއްޗަކީ މިއީ ހޮރޯ ކޮމެޑީ ފިލުމެއް ކަމެވެ. ދެން އެނގެނީ ފިލްމުގައި އުޅޭ އެކްޓަރުންނެވެ. ފިލްމުގެ ޓްރެއިލާގެ ރިވިއުއެއް ދިނުމުގެ ފުރުސަތު ވެސް ލިބުނެވެ.

ދެން މި ވާހަކަ އަހާށެވެ. ޖަންނަތުއާއި ޒިޔާންއަކީ އެ މީހުންގެ އަލަތު ކައިވެންޏަށް ޓަކައި ފޮނި ހުވަފެންތަކެއް ދެކޭ ދެމަފިރިންނެވެ. ދެ މީހުންގެ ވަޒީފާގެ ގޮތުން ދެ މީހުން ދުރުގައި ތިބެން ޖެހުނު ނަމަވެސް ދެ މީހުން އެކުގައި ހުޅުމާލެ ބަދަލުވާން ނިންމަނީ ދެ މީހުން ވެސް އެކަކު އަނެކެއްގެ ގާތުގައި ވުމަށް އެދޭތީއެވެ.

ދެ މީހުން ބަަދަލުވުމަށް ދިޔައީ އެޕާޓްމެންޓެެއް ހޯދަމުންނެވެ. އެ މީހުންނަށް މާ ބޮޑު އުނދަގުލަކާ ނުލައި, ރަނގަޅު އަގެއްގައި ވަރަށް ރަނގަޅު އެޕާޓްމެންޓެއް ލިބުނެވެ. އެ އެޕާޓްމަންޓާ ގުޅޭ ފާޑުފާޑުގެ އަޑުތައް ވެސް އެ މީހުންނަށް އިވުނެވެ. އެކަމަކު, އެއީ ދެން މާ ބޮޑު ވާހަކަތަކެއް ކަމަށް ނުބަލާ ބަދަލު ވަނީއެވެ.

އެޕާޓްމަންޓަށް ބަދަލުވެ މާ ގިނަ ދުވަސްތަކެއް ނުވެ, ޒިޔާންގެ މަންމަ ވެސް އާދެއެވެ. އޭނާއާއި ޖަންނަތުއާ ދެމެދު ހިނގާ ނުތަނަސްވެރިކަމުގެ ކަންތައްތަކެއް ވެސް ފިލްމުގައި ދައްކުވައިދެެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ފިލްމުގެ މައިގަނޑު ޕްލޮޓަކީ އެ ގޭގެ ތެރޭގައި ހިނގާ ބިރުވެރި ކަންތައްތަކެވެ. ޖިންނި ފެނުމާއި އެކި ކަހަލަ އަޑުއިވުމާއި އެކި މީހުންނަށް އުނދަގޫވުމުގެ ފާޑުފާޑުގެ ބިރުވެރި ކަންކަމެވެ.

ބިބީގެ ޕްލޮޓް ކިޔަައިދޭ ހިތް އޮތީ މި ވަރަށެވެ. ދެން ކިޔައިދޭން އުޅެފިނަމަ ކޮންމެވެސް ގޯހެއް ހެދިގެން ކުރިމަރައި ލެވިދާނެއެވެ.

ފިލްމުގައި މަޖާ ކަންތައްތައް ވަރަށް ގިނައިން ހިނގައެވެ. ގިނަ ބައެއްގެ ހިނިގަނޑު ފަޅައިގެން ގޮސް , މުޅި އޮލިޕްމަހުގައި ބައެއް ފަހަރަށް ހުނުމުގެ އަޑު ގުގުމާލައެވެ. އެންމެ ސަޅި ކަމަކީ, ވަރަށް މަޖާ ތަންކޮޅަކަށްފަހު, ހަމަ ފަޅި ސިކުންތެއްގައި ބިރުން ގޮސް ސިއްސައިގެންދާ ފަދަ މަންޒަރެއް ފެނުމެވެ. ހޮރޯ ކޮމިޑީއެއްގެ ހަގީގީ ރަހަ އެކުލެވޭ ކަމުގެ އިހުސާސް އެ ކަމުގެ ސަބަބުން އިހުސާސްވިއެވެ.

ފިލްމު ބަލަމުންދިޔައިރު ދެން އެންމެ ފާހަގަވީ ކަމަކީ, ފިލްމުގެ ސަސްޕެންސް ހިފަހައްޓައިފައިވާ ގޮތެވެ. ފިލްމުގެ ބްރޭކަށް ނުކުމެގެން ދިޔައިރު ވެސް އެ ގޭތެރޭގައި އަސްލު އެ ވަނީ ކީއްކަން ކޮންމެވެސް ވަރަކަށް "ގެސް ކޮށްލަން" އެނގުނެވެ. އެކަމަކު, އަސްލު އެ ބިރުވެރި ކަންކަން އެ ހިނގަނީ ކީއްވެގެން ކަމެއް ނޭނގެއެވެެ.

/

ފިލްމުގައި ކަންކަން ނިއުޅެމުން އައީ, ކަމަކަށްފަހު ކަމެކެވެ. މުޅި ވާހަކަ ނިއުޅިގެން އައި އިރު, ހުރިހާ ކަމެއް ވެސް ހަމަޖެހެއެވެ. އެއް ކަމެއް ކަމަކާ ގުޅި, މުޅި ވާހަކަ ފުރިހަމަވެއެވެ. ފިލްމު ނިމެންދެން ވެސް އެ ސަސްޕެންސް ތެރޭގައި ބެލުންތެރިން ބޭތިއްބިއެވެ.

އެކްޓިންއަށް މާ ބޮޑު ފާޑެއް ކިޔަން އަހަންނަށް ނޭނގިދާނެއެވެ. އެކަމަކު, ވާހަކައަކަށް ފާޑުކިޔަން އެނގޭނެކަމަށް ގަބޫލުކުރެވެއެވެ. މި ފިލްމު ބަލައިފައި, މި ފިލްމު ރީތިވުމުގެ އެންމެ ބޮޑު ކްރެޑިޓެއް އަހަރެން ދޭނެ އެކަކީ ފިލްމުގެ ޑައިރެކްޓަރު ޝަހުދާ މަހްމޫދު (ޝަހޫ)އަށެވެ. މިއީ އޭނާގެ ފުރަތަމަ ފިލުމެވެ.މި ފިލްމަށް އޭނާ ކޮށްފައިވާ ބުރަ މަސައްކަތް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. އައްސަރިބަހާއި ސާބަހެވެ.

އެކަމަކު, ފާހަގަވި އެއްކަމެއް އެބައޮތެވެ. ފިލްމު ބަލައި ނިންމައިފައި ހިތަށް އެރިއެވެ. މި ފިލްމުގައި މި ހިނގާ ކަންކަން މިއަށްވުރެ ކުޑަ ތަންކޮޅެއް ކުރުކޮށް ގެނެސްދެވުނީހެވެ. އެކަމަކު, މި ހިޔާލާ އަހަންނާއެކު ފިލްމަށް ދިޔަ ބައެއް މީހުން ދެބަސްވިއެވެ. އެއް ބަޔަކު އެއްބަސްވިއެވެ. އެހެންވީމާ, އެ ކަމުގައި އެއީ އެ މީހެއްގެ ޕާސަނަލް ޕްރިފަރެންސްކަމަށް ނިންމީއެވެ.

ފިލްމުގެ ލީޑުން ފެންނަ ޝަރަފް އަބްދުالله (ޒިޔާން)އާއި މަރިޔަމް މަޖުދާ (ޖަންނަތު)ގެ އެކްޓިން މޮޅެވެ. ދެ މީހުންގެ ރޯލު ވެސް ވަރަށް ރަނގަޅަށް ގެނެސްދީފައިވާއިރު, މަޖާ ސީންތަކުގައި ވެސް އެހާމެ ކުޅަދާނައެވެ. މިއީ ޝަރަފްއަށް ކޮންމެ ގޮތެއް ވިޔަސް ވާނީ ހާއްސަ ޕްރޮޖެކްޓަކަށެވެ. އޭނާގެ އަންހެނުން, ޝަހޫގެ ވާހަކައެެއްގެ މައްޗަށް އަދި ޝަހޫ ޑައިރެކްޓްކުރާ ފިލްމެކެވެ. ގައިމު ވެސް, ޝަރަފްގެ އެކްޓިންއިން މި ފިލްމު އޭނާއަށް ހާއްސަވަރު ފެނެއެވެ.

މަޖީޫއަކީ އާއްމުކޮށް, ބިރުވެރި އަދި މަޖާ ރޯލުތަކުން ފެންނަ ތަރިއެއް ނޫނެވެ. ހާއްސަކޮށް ބިރުވެރި ރޯލުތަކުން އޭނާ ނުފެނެއެވެ އެކަމަކު, މި ފިލްމުގައި އޭނާ ސާބިތުކޮށްދިނީ ބިރުވެރި ކެރެކްޓާއެއް ކުޅެން ވެސް މަޖޫއަކީ ހަމަ މޮޅު ތަރިއެއް ކަމެވެ. އޭނާގެ އެކްޓިން ހަގީގަތުގައި ވެސް ވަރަށް މޮޅެވެ.

ދެން ފާހަގަވީ ޝަރަފް (ޒިޔާން)ގެ މަންމަގެ ރޯލުން ފެންނަ ޝީލާގެ އެކްޓިންއެވެ. ޝީލާގެ ބައެއް ސީންތަކުގައި ހީހީ ބިނދެއެވެ. ހީހީ ހަލާކުވެއެވެ. ބިރުވެރިކަން މޫނުމަތިން އެ ދައްކާ ގޮތް ވެސް އެހާމެ ފުރިހަމައެވެ.

ބިބީއަކީ ހިތްހަމަޖެހިލައިގެން ބަލާ ނިންމައިލެވުނު ފިލްމެކެވެ. މޮޅު ފިލުމެކެވެ. އޮލިލްމަހަށް އާ ރަހައަކަށް ވިޔަސް, ބެލުންތެރިންނަށް މި ފިލްމު ކަމުގޮސްފިއެވެ.

ތާސްބައިގެ ބިބީ ނޫނަސް, ޑާކްރެއިންގެ ބިބީ ވެސް ހަމަ ވަރަށް ވަރުގަދައެވެ.

މިހާރު ވިއްކަމުންދަނީ ބިބީގެ ވަދާއީ ޝޯތަކުގެ ޓިކެޓުތަކެވެ. އަންނަަ އާދީއްތަ ދުވަހާ ހަމައަށް ބިބީއަށް ވަނުމުގެ ފުރުސަތު އެބައޮތެވެ. ފިލްމުގެ ޓިކެޓް ހޯދުމަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެެރިކޮށް 911229 އަށް މެސެޖެއް ކޮށްލާށެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/