މި ބުނެދެނީ ހިތްހެޔޮކަމުގެ ކުޑަކުޑަ އަމަލަކުން ވެސް އަނެކާ އުފާކޮށްދެވިދާނެކަން!

މަރްޔަމް މާޙީ

SHARE
ސޯޝަލް މީޑިއާގައި އާއްމުވި މި ވީޑިއޯ އެތައް ހާސް އިހުސާސެއް ގެނުވައެވެ. އެތައް ހާސް ވާހަކައެއް ވެސް އެބަ ކިޔައިދެއެވެ. އެތައް ހާސް މެސެޖެއް ވެސް އެބަދެއެވެ. މި ވީޑިއޯ ފެނި އެތައް ބަޔަކަށް އަސަރުކުރުވީ ވެސް އެހެންވެއެވެ.

އަހްމަދު އާޒިމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ހިއްސާކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ބިދޭސީ އަންހެނަކު ނުހަނު އޯގާތެރިކަމާއެކު ކާންދޭ މަންޒަރެވެ. އާޒިމް ބުނި ގޮތުގައި އޭރު ގަޑިން މެންދަމުން އަލިވެ 3:30 ވަނީއެވެ. މި ވީޑިއޯ އާޒިމް އާއްމުކުރުމާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ އެ އޯގާތެރި, ހިތްހެޔޮ ސްރީލަންކާ ކަނބަލަކެށެވެ. އޭނާ އެ ދައްކުވައިދިނީ. އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ ފުރިހަަމަ މިސާލެކެވެ.
ވީޑިއޯގައި ފެނުނީ ގަބޫލުކުރަން ދަތި, ނަމަވެސް އުފާވެރި މަންޒަރެކެވެ. ނުކުޅެދުންތެރިކަން ހުރި މީހަކަށް އަވައްޓެރި ސްރީލަންކާގެ އަންހެން ކަނބަލެއް ލޯތްބާއި ، އޯގާތެރިކަމާއި އެކު އެހީތެރިވެދޭ މަންޒަރެވެ. އޭނާ އެހީތެރިވެދިނީ މ. ކިނބިދޫގޭ ޚާލިދު އަބްދުﷲއަށެވެ.
ޚާލިދަކީ މާލޭގެ މަގުމަތިން ވަރަށް ގިނައިން ފެންނަ ގިނަބަޔަކަށް ދެކެފަރިތަ މޫނެކެވެ. އޭނާ ދުއްވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށް ހަދައިފައި ހުންނަ ވައްތަރުގެ ބެޓެރި ސައިކަލެކެވެ. މަގުމަތީގައި އުޅޭއިރު އަބަދުވެސް ޚާލިދަށް ގިނަ ބަޔަކު އަޅާލައި އެހީތެރިކަން ފޯރުކޮށްދެއެވެ.
ވާހަކަދެއްކުމުގައި އުނދަގޫތަކެއް ހުރިކަމުގައި ވީނަމަވެސް, ޚާލިދު އޭނާ އުމްރާއަށް ދާން އުޅޭވާހަކަ އަންހެންމީހާ ގާތުގައި ބުނާތަން ވީޑިއޯއިން ފެނެއެވެ. އުމްރާގައި 15 ދުވަސް ވާނެކަން އޭނާ ދައްކައިިދިނީ އަތާއި ފައިގެ އެހީގައި އިޝާރާތުންނެވެ. މިކަން އެނގުމާއެކު އޭނާ އަށް ހަދިޔާއެެއް ގެނެސްދިނުމަށް އަންހެންމީހާ ހީލާފައި ބުންޏެވެ.
ޚާލިދު ބުނިގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި އުމްރާއަށް ދިއުމަށް އޭނާ ފުރައެވެ. މި ވާހަކަ ބުނަމުން ފައިސާގެ އަދަދެއް އެހީތެރިވެދިން މީހާއަށް ދިއްކޮށްލާތަން ފެނެއެވެ. އެ އަންހެންމީހާ ފައިސާގައި ހިފަން ދެކޮޅުހެދުމުން ހީލައިފައި އެ ފައިސާ އޭނާގެ އަތަށް ޚާލިދު ދިނެވެ.
ކެފޭއިން ނިކުމެގެންދަމުން ޚާލިދު އެ ކެފޭގެ ހުރިހާ މުވައްޒަފުންނާ ސަލާމްކޮށް ހިތްހެޔޮކުރާށޭ ބުނާ ތަން ވެސް ވީޑިއޯގައި ފެނެއެވެ. އެއީ ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު)ގެ ކެފޭއެކެވެ.
މިއީ މުޖުތަމައެއްގައި އުފާވެރިކަން އަށަގެންނެވުމަށް މުހިންމު ކަންކަމެވެ. ހިތްހެޔޮކަމާއި އޯގާތެރިކަން އިސްކުރާ ބަޔަކަށް ވާން ދަސްކުރަން ދެވޭ މެސެޖަކަށް މި ވީޑިއޯ ފުދެއެވެ.


