logo

ހަގު އުމުރެއްގައި ބެޑްމިންޓަން ތަރިއަކަށް, ކިޔާން ސާބިތުކޮށްދެނީ ކިޔަވަމުން ކުޅިވަރު ކުޅެވޭނެކަން

އައިޝަތު ހިދާޔާ

11 އޮކްޓޯބަރު 2026 - 19:00
ހަގު އުމުރެއްގައި ބެޑްމިންޓަން ތަރިއަކަށް, ކިޔާން ސާބިތުކޮށްދެނީ ކިޔަވަމުން ކުޅިވަރު ކުޅެވޭނެކަން

ކިޔާން ބެޑްމިންޓަން މެޗެއްގެ ތެރެއިން --

SHARE

ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން ޖިމަށް ދެއެވެ. އެއަށްފަހު ސްކޫލު ނިންމައި ޓިއުޝަން ކްލާސްތަކަށް ދެއެވެ. ކޮންމެ ދުވަހަކު ތިން ގަޑިއިރު ބެޑްމިންޓަން ކޯޓުގައި ޕްރެކްޓިސްއަށް ހޭދަކުރެއެވެ. މިއީ އުމުރުން އެންމެ 16 އަހަރުގެ އަރަމުން އަންނަ ޒުވާން ބެޑްމިންޓަން ތަރި ކިޔާން އާދިލް މުހައްމަދުގެ ދުވަސް ހޭދަކުރާ ގޮތެވެ. ބެޑްމިންޓަން ކުޅެ ޖޫނިއާ ލެވެލް މުބާރާތްތަކުން އޭނާ ގިނަ ކާމިޔާބީއެއް ހޯދައިފިއެވެ. އަދިވެސް މުސްތަގުބަލުގައި މާބޮޑެތި ކާމިޔާބީތައް ހޯދަން ހިތުގައި ވަރުގަދަ އަޒުމެއް ވެސް އެބައޮތެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހުރިހާ ކަމެއް ކިޔާން ކުރަނީ ސްކޫލަށާއި ކިޔެވުމަށް އެއްވެސް ފަރުވާކުޑަކުރުމެއް ނެތިކަން އެނގުމުން އަހަރެންގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ. ދުވާލެއްގެ 24 ގަޑިއިރަށް ސްކޫލު ކުއްޖަކު މި ހުރިހާ ކަމެއް ފައްތާ މޮޅު ބެޑްމިންޓަން ތަރިއަކަށް ވީ ކިހިނެއް ޔެވެ؟

އުމުރުން ހަ އަހަރުގައި ބެޑްމިންޓަން ކޯޓަށް

ކިޔާންއަކީ އާމިރާ ދޮހުއްތުއާއި އާދިލް މުހައްމަދުގެ ހަމައެކަނި އަންހެން ދަރިފުޅެވެ. ދެމަފިރިން ވެސް ބޭނުންވީ ދަރިފުޅު ހަމައެކަނި ކިޔެވުމުގެ އިތުރުން ކުޅިވަރެއްގައި ވެސް ބައިވެރި ކުރުވާށެވެ.

" އަބަދު ވެސް އަހަން ކުއްޖާ ކިޔެވުމަށް މޮޅު ކުއްޖަކަށް ހަދަން ބޭނުމިއްޔާ ، ކުޅިވަރެއްގެ ތެރެއިން އެކުއްޖަކަށް ދަސްވަމުންދާ ހަރަކާތްތެރިކަން އެއީ އެކަމަށް މަގުފަހި ކުރުވާނެ މުހިންމު ކަމެކޭ. އެކަން ހިތުގަ އޮތީމަ ހިތަށްއެރީ ކުޅިވަރަކަށް ލައިގެން ކިޔެވުމާ ކުޅިވަރު އެއްަމައެއްގައި ކުރިއަށް ގެންދެވޭތޯ ބަލާނީއޭ,"

މަންމަ އާއި ބައްޕަގެ މި ނިންމުމާއެކު ކިޔާން ބެޑްމިންޓަން ކޯޓަށް އެންމެ ފުރަތަމަ ނުކުތީ އުމުުރުން އެންމެ ހަ އަހަރުގައެވެ. ކިޔާން ކުޅޭނެ ކުޅިވަރަކަށް ބެޑްމިންޓަން ހިޔާރުކުރީ އާމިރާއަކީ ވެސް ކޮންމެވެސް ވަރަކަށް ބެޑްމިންޓަން ކުޅޭ މީހަކަށް ވުމުން ދެކެފަރިތަ މާހައުލަކަށް ދަރިފުޅު ދޫކުރަން ހިތަށް ފަސޭހަވުމުންނެވެ. އެއްގޮތަކަށް ވެސް ދަރިފުޅުގެ މުސްތަގުބަލު ހުވަފެނަކުން ފެނިގެނެއް ނޫނެވެ.

undefined

އުމުރުން އެންމެ ހަ އަހަރުގައި ކޯޓަށް ނުކުމެ ހިފެއްޓި ރެކެޓުން ކިޔާން އަދި ވެސް ދުލެއް ނުކުރެއެވެ. މި ކުޅިވަރަށް އޭނާގެ ހިތް ދޫވިލެއް ބޮޑުކަމުން ކިޔަވަމުން ވެސް ބެޑްމިންޓަން ކުޅެން ކިޔާން އަޒުމް ކަނޑައެޅިއެވެ. އެގޮތުން, ގަވާއިދުން ބެޑްމިންޓަން ޕްރެކްޓިސްތަކަށް ދާން ފެށިއެވެ. އަދި (ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް) ވައިޑީޕީގައި ބައިވެރިވެ ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުން ބައްޓަން ކުރަން ފެށިއެވެ.

"ދެން ކުޅޭ ހިތްވެގެން ޕްރެކްޓިސްކުރަން ފެށީމަ އަބަދު ވެސް ޕޮޒިޓިވް މެންޓާލިޓީއެއް އިންނަނީ. އަބަދު ވެސް ބޭނުންވޭ މުބާރާތްތަކުގައި ކުޅެ ވަނަތައް ހޯދަން," ކިޔާން ބުންޏެވެ.

މުބާރާތް އިއުލާނު ކުރުމުގެ މާކުރިން އޭނާ މުބާރާތުގައި ވާދަކުުރުމަށް ޕްރެކްޓިސް ފަށައެވެ. އަދި އެ މުބާރާތުގައި ވާދަކުުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފަށައެވެ. 2022ވަނަ އަހަރުން ފެށިގެން ކިޔާން އަންނަނީ ކޮންމެ އަހަރަކު ވެސް މުބަރާތްތަކުގައި ގަވާއިދުން ވާދަކޮށް ވަނަތައް ހޯދަމުންނެވެ.

ކިޔާންގެ ހިތްވަރާއި ނުގުޑާފަދަ އަޒުމާއެކު ވަނީ ރާއްޖޭގެ އަންޑާ 17 ގާލްސް ސިންގަލް ރޭންކް އެކަކަށް އަރާފައެެވެ. 50ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ސެމީގައި ކިޔާން ވާދަކުރީ އެންމެ ބޮޑު "އިންސްޕިރޭޝަން"އެއް ކަމަށް ބަލާ ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއެވެ.

undefined

ކިޔާން ބްރޮންޒް މެޑަލްއާއެކު -- ފޮޓޯ/ ގާފު ސްޕޯޓްސް

"ނަބާހާއާއެކު ބެޑްމިންޓަން ކޯޓާއި, ނެޝަނަލް ޕޯޑިއަމް ޝެއާކޮށްލުމުގެ ފުރުސަތު ލިބުމަކީ ލެވެލްގައި ހިފައްޓަން އިތުރަށް މަސައްކަތް ކުރުމަށް ލިބުނު މޯޓިވޭޝަނެއް," މިއަހަރު ބޭއްވި 50ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލް ބްރޯންޒް މެދަލް ހޯދި ކިޔާން ބުންޏެވެ.

ކިޔާން ސާބިތުކޮށްދެނީ ކިޔަވަމުން ކުޅިވަރު ކުޅެވޭނެކަން

ކިޔާންއަކީ މިއަދު ރާއްޖޭގައި ފާހަގަކޮށްލެވޭ, ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއާ ޕޫލްގައި ހިމެނޭ ޖޫނިއާ ބެޑްމިންޓަން ތަރިއެކެވެ. ކިޔެވުމާއި ސްކޫލުގެ ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަނީ ކިޔާން އަމިއްލައަށް ކަމަށް އާމިރާ ބުންޏެވެ. ފިލާވަޅުތައް ހެދުމަށް ވަކި ގަޑިއެއް ކަނޑައަޅާ ފިލާވަޅު ދަސްކުރަން ވެސް ވަކި ގަޑިއެއް ކަނޑައަޅާ އެގަޑިއެއްގައި ކިޔާން އެކަމެއް ކުރެއެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކަށް ވެސް ކިޔާން ވަގުތު ހުސްކުރެއެވެ.

"އެ އުމުރުގެ ކުއްޖަކާ ބަލާފަ އަސްލު ކިޔާން ހަމަ ހުރިހާ ކަމެއް ބެލެންސް ކުރަނީ ވަރަށް ރަނގަޅަށް. ވަގުތަށް ކަމެއް ނުވެގެން ޝަކުވާ ކުރާނެ ފުރުސަތެއް ނުދޭ," އާމިރާ ބުންޏެވެ.

ކިޔާން ބުނީ އޭނާ އެންމެ އިސްކަމެއް ދެނީ ކިޔެވުމަށް ކަމަށެވެ. ތާޖުއްދީން ސްކޫލުގެ ނޭޗާ ކެއާ ކްލަބުގެ ކެޕްޓަންގެ ޒިންމާތައް ވެސް ކޮނޑުގައި އަޅައިގެން އެކަމަށް ވެސް ވަގުތު ދެނީ އެހެންވެއެވެ.

ސްކޫލު ބަންދުވާ ދުވަސްވަރު އެންމެ ބޭނުންތެރި ގޮތުގައި ހިފުމަށް ރާއްޖެއިން ބޭރުގައި އޭނާގެ ބެލެނިވެރިންގެ ރޭވުންތެރިކަމާއެކު ސްކިލް ޑިވެލޮޕްމަންޓް ޓްރެއިނިން ނަގަމުން, އޮންލައިންކޮށް ޓިއުޝަން ނެގޭނެ މަގު ފަހިކޮށްދެމުން ގެންދެއެވެ. ސްކޫލު ބަންދަކީ ވެސް ކިޔާންއަށް ހިންދެމިލައި އަމިއްލަ ނަފުސަށް ވަގުތުދޭން ލިބޭ ޗުއްޓީއެއް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. ކޮންމެ ޗުއްޓިއެއްގައި ވެސް އޭނާގެ ބެލެނިވެރިން އޭނާ ގެންދަނީ ރާއްޖެއިން ބޭރުގެ އެކެޑަމީތަކުން އިތުރު ތަމްރީނު ހޯދާށެވެ.

undefined

"އަސްލު ހުރިހާ ކަމެއް ބެލެންސްކުރުމަކީ އުނދަގޫކަމެއް ނޫން އެކަމެއް ކުރަން ބޭނުންވަންޏާ. އަމިއްލައަށް އަޒުމް ކަނޑައަޅަން ޖެހޭނީ މިކަންކަން މިހެން ކުރާނަމޭ. އެއްވެސް ފޫއްސެއް ވަރުބަލިކަމެއް ނުހުރޭ އެއް ޝެޑިއުލައެއްގައި ކޮންމެ ދުވަހަކު އުޅޭކަން. އެހެންވެގެން ކަންނޭންގެ ޕްރެކްޓިސްތަކަށް ވެސް ފަރުވާކުޑަ ނުކުރެވެނީ," ކިޔާން ބުންޏެވެ.

މޮޅު ބެޑްމިންޓަން ކުޅުންތެރިއަކަށްވެ ކިޔެވުމުގެ ކަންކަން މިކަމާ ބެލެންސްކުރުމަކީ ޖާދުލެއް ނޫންކަމަށް ކިޔާން ބުންޏެވެ. މިކަމުގައި އެންމެ މުހިންމީ ހިތުގައި ކަނޑައަޅާ އަޒުމެވެ.

ބެޑްމިންޓަން ކުޅެ އަދިވެސް ހޯދަންބޭނުންވާ ކިތަންމެ ކާމިޔާބީއެއްކި ޔާންގެ އެބަހުއްޓެވެ. ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށް ގައުމަށް ރީތި ނަން ހޯދައިދިނުމަކީ އޭނާ ދެކޭ އެންމެ ބޮޑު ހުވަފެނެވެ. ނަމަވެސް, ކިޔާން މަތީ ތައުލީމު ވެސް ހާސިލްކުރަން ބޭނުންވެއެވެ. މުސްތަގުބަލުގައި ވެސް ކިޔެވުން ދޫކޮށްނުލާނެކަމަށް ކިޔާން ބުންޏެވެ.

undefined

މި ކާމިޔާބީގެ ފަހަތުގައި ކިޔާންއަށް ހިތްވަރުދޭ އެންމެންގެ އަތެއްވާކަން އޭނާ ޝުކުރާއެކު ފާހަގަކުރިއެވެ. ހާއްސަކޮށް ބެޑްމިންޓަންގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ, އެކްސްޓްރީމް ފިޓްނަސް އާއި ވުޑް ހެވަންގެ ނަން ކިޔާން ފާހަގަކުރެއެވެ.

ކިޔާން ސާބިތުކޮށްދެނީ ކޮންމެ ދަރިވަރަކީ ވެސް ކިޔަވަމުން އިތުރު ކަންކަމަށް ވަގުތު ދެވޭނެ ކުދިންކަމެވެ. އޭނާ ސާބިތުކޮސްދެނީ ހަގު އުމުރެއްގައި ކާމިޔާބީ ހޯދިދާނެކަމެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d