logo

ޓީޗަރުންގެ ކިބައިން ލިބޭ އަނިޔާ؛ ދަރިވަރެއްގެ މުޅި ތައުލީމު ހަރާބު!

މަރްޔަމް މާޙީ

މަރްޔަމް މާޙީ

20 ޖެނުއަރީ 2025 - 15:01
ޓީޗަރުންގެ ކިބައިން ލިބޭ އަނިޔާ؛ ދަރިވަރެއްގެ މުޅި ތައުލީމު ހަރާބު!

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް ސްކޫލް ތެރޭގައި -- ފޮޓޯ: ޕީއެސްއެމް ނިއުސް

SHARE

އަތޮޅުތެރޭގެ ރަށެއްގެ އިސްކޫލެއްގައި ޓީޗަރަކު ދަރިވަރަކަށް ހަނގާކޮށް މަލާމާތްކޮށް ހެދިއެވެ. ކުލާސްތެރޭގައި ކަނެއްގައި ބަހައްޓައިގެން އަދަބުދީ އެންމެ ފަހުން އެ ކުއްޖާ ކުލާހުން ބޭރު ވެސް ކޮށްލީއެވެ. އެ ވަރަކުން ފުއްދައެއް ނުލައެވެ. އެ ކުއްޖާގެ ބެލެނިވެރިޔާއަށް ގުޅައި, ދަރިފުޅު ދެން ސްކޫލަށް ފޮނުވާނެކަމެއް ނެތޭ ވެސް ބުނީއެވެ. އެ ވަރުން ނުވެގެން ދަރިވަރަށް މަގުމަތިން ވެސް ދިމާކޮށް މަލާމާތް ކުރީއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިއީ ހުރިހާ ޓީޗަރުންގެ ހާލަތަށް ނުވެދާނެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ޓީޗަރުންގެ ބޮޑު އާބާދީއަކީ ދަރިވަރުންނަށް ވަރަށް އޯގާތެރިކޮށް ހިތާ ބައެކެވެ. އެކަމަކު, ޓީޗަރުންގެ ސްލޫކީ މިންގަނޑުތަކާ ޚިލާފުވެ ދަރިވަރުންނާމެދު "ހިތުހުރިހާ ގޮތަކަށް" ކަންތައް ކުރާ ޓީޗަރުން ވެސް އުޅޭކަން މިއަދު ގަބޫލުކުރާން އެބަ ޖެހެއެވެ.

ބުނާތީ އަޑު އިވެއެވެ. ސްކޫލަކީ އިސްކޫލަކީ ދަރިވަރުންގެ ދެވަނަ ގެއެވެ. މުދައްރިސުންނާއި ކުލާސްމޭޓުންނަކީ ދަރިވަރުންގެ ދެވަނަ އާއިލާއެވެ. ގޭތެރޭގައާއި ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއް އެ އާއިލާއާ ހިއްސާކުރެވެއެވެ. "ފިލްޓަރެއް ނެތި" ޓީޗަރުންނާ ހަޔާތުގެ ސޮފުހާތައް ހިއްސާކުރާ ކުދިން ވެސް އުޅެއެވެ. މި ބުނީ އެހާ ވެސް ގާތް ވާހަކައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދީ މަތީގައި މި ބުނި ވާހަކައާ އެހާ ރައްޓެހި ވާހަކައެއް ނޫނެވެ. ޓީޗަރަކު ނުކުޅެދުންތެރިކަން ހުންނަ ދަރިވަރަކަށް އަނިޔާކުރި ވާހަކައެވެ. އޭގެ ފަހުން މި އެނގުނީ އެ ޓީޗަރު ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްލި ވާހަކައެވެެ. -- މިހައި ހިސާބުން އެނގެނީ ރާއްޖޭގެ ސްކޫލްތަކުގައި ކޮންމެވެސް ވަަރަކަށް މި މައްސަލަ އެބައޮތްކަމެވެ.

ނަން ނުޖަހާ ގޮތަށް ދަރިވަރަކު ކިޔައިދިން ގޮތުގައި ސްކޫލުތެރޭގައި ތަފާތުކުރުންތަކާ ވެެސް ކުރިމަތިލާން ޖެހެއެވެ. ވަކި މީހެއްގެ ދަރިއަކަށްވުމުން ނުވަތަ ވަކި އާއިލާއެއްގެ ކުއްޖަކަށްވުމުން ތަފާތުކުރުންތައް ގެންގުޅެއެވެ. އަދި, ކިޔަވަން މާ މޮޅު ނުވުމުން ނުވަތަ ޓެސްޓުން ދަށްވުމުން ކުލާހުގައި ބާކީ ކޮށްލައެވެ. އޭނާ ކިޔައިދިން ގޮތުގައި މުބާރާތްތަކަށް އޮޑިޝަނުގައި ބައިވެރި ނުވިޔަސް ހޮވޭ ކުދިން އުޅެއެވެ. އަދި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވެސް ކިޔައިދިނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

"ކިތަންމެ ދުވަހަކު އަޅުގަނޑު ދިމާލަށް ބުނެފަ އެބަހުރި ސްކޫލުން ކެނޑިގެން ދާށޭ. ކިތަންމެ ފަހަރަކު ރައްޓެހިން ދިމާލަށް އެންމެން ކުރިމަަތީ ކްލާހުގެ ބުނެލާ ފާހެއް ނުވާނޭ. ބޭކާރު މީހެއް މި ކުލާހުގަ އިންނާނެ ކަމެއް ނެތޭ. އަސްލު މިއީ ވެސް އަނިޔާއެއް. ވަރަށް ދެރަވޭ, ވަރަށް އަސަރުކުރޭއެ ދަރިވަރު ކިޔައިދިނެވެ.

މިއީ އެންމެ ދަރިވަރެއްގެ ހިތުގެ އުދާހެއް ނޫނެވެ. މި ރިޕޯޓަށް ވާހަކަ ދެއްކި ގިނަ ދަރިވަރުން ފާހަގަކުރީ ހަމަ މި ފަދަ މައްސަލަތަކެވެ. ބައެއް ފަހަރަށް ހަމުގެ ކުލައަށް ބަލާ ވެސް ނުވަތަ ބުރުސޫރައަށް ބަލާ ވެސް ޓީޗަރުންގެ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. ނިސްބަތްވާ އާއިލާއެއްގެ ސަބަބުން ވެސް އެފަދަ ކަންތައްތަކާ ކުރިމަތިލާން ޖެހެއެވެ.

undefined

/

ވަކިން ހާއްސަކޮށް, އަތޮޅުތެރޭގެ ރަށްތަކުގައި އޮންނަ ކުދި އާބާދީތަކުގައި އެކަކު އަނެކަކަށް ވަރަށް ދެކެފަރިތަ ވާނެއެވެ. އޭގެ ތެރެެއިން, ޒާތީ ހަަސަދައިގެ ކުޅިގަނޑު ވެސް ބައެއް ފަހަރަށް ދަރިވަރުންނާ ހިސާބަށް ފޯރައިފައި އެބަހުއްޓެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މުދައްރިސަކު ވިދާޅުވީ މި ހުރިހާ ކަމެއްގެ ވެސް އަސްލަކީ ޓީޗަރުން އެ މަސައްކަތް މަޖުބޫރުވެގެން ކުރުން ކަމުގައެވެ. ހަމައެކަނި ލިބޭ މުސާރައަށް މަސައްކަތްކުރާތީ ކަމަށެވެ.

“ކިޔަވައިދިނުމަކީ ހަމައެކަނި ވަޒީފާއަކަށް ވެގެން ނުވާނެ. ޓީޗިން އަކީ ޕެޝަންއެއް. އެއީ ކިޔަވައިދޭހިތުން އެކަމަށް ލޯބި އޮވެގެން ކުރެވޭނެ, ކުރަންޖެހޭ ކަމެއް” އޭނާ އިތުރަަށް ވިދާޅުވިއެވެ..

ރާއްޖޭގެ ތައުލީމީ ގާނޫނުގެ 34ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބައޮތެވެ. ކިޔަވާކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް, އެ ޙައްޤުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ހަމަ ކޮންމެ ޓީޗަރެއްގެ މައްޗަށް ލާޒިމުކަމެކެވެ. އަމާންއަދި ރައްކާތެރި މާހައުލެއް ސްކޫލުގެގައި ދެމެހެއްޓުމަށް ޓަކައި ކުރާންޖެހޭ ކޮންމެ ކަމެއް ކުރުމަށް ވެސް ޓީޗަރުންނަށް މި ގާނޫނުގައި ލާޒިމުކޮށްފައި އޮވެއެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު މުހައްމަދު މިކަމާ ގުޅިގެން ވިދާޅުވީ މިކަހަލަ ކަންކަމަކީ ޓީޗިން ކޯޑް އޮފް ކޮންޑަކްޓާ މުޅިން ހިލާފު ކަންކަން ކަމަށެވެ.

އެއްގޮތަަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން އެއީ. ޓީޗަރެއްގެ އެތިކްސް ނެތީ އޭ ބުނެވޭނީ. އެފަދަ ކަމެއް ކޮށްފިނަމަ އެއީ ޓީޗަރެއް ނޫންފާތުމަތު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަދަ އަމަލުތައް ގިނައިން ފެންނަނީ ބޭރު ޓިޗަރުންގެ ފަރާތުން ކަމަށެވެ. އެ ޓީޗަރުން ވަޒީފާއަށް ވައްދަނީ އާންމުކޮށް އޮންލައިންކޮށް އިންޓަވިއު ކޮށްގެން ކަމަށެވެ. އަދި އިންޓަވިއުއަށް ފަހު ޓީޗަރު ކިޔަވައިދޭން އަންނަނީ ވަޒީފާގެ ބަޔާނުގައި އޮންނަ ގޮތަށް ތިން މަހުުގެ ޕްރޮބޭޝަންއަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

ދެން އެ ކަހަލަ ގޯސް ކަމެއް ޓީޗަރު ސްމާޓިއްޔާ ނުދައްކާނެ, އޭނަގެ ޓެންޕާ އެއްވެސް. “ ފާތިމަތު ވިދާޅުވިއެވެ.

ދެން ސުވާލަކީ ރާއްޖެއަށް ބޭރު ޓީޗަރުން ގެންނަން ޖެހެނީ ކީއްވެގެން ހެއްޔެވެ. ހަގީގަތުގައި އެއީ އެހެން ރިޕޯޓެއް ލިޔަން ޖެހޭ މައުލޫއެކެވެ. އެހެން ނަމަވެސް, މި ކަމަށް ކުޑަކޮށް އަލިއަޅުވާލާނަމަ, ފާހަގަކުރެވޭ ބައެއް ނުކުތާތައް އެބަހުއްޓެވެ.

ޓީޗަރެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި, ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ގިނަ ޓީޗަރުންތަކެއް ފާއިތުވެދިޔަ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދާއިރާ ދޫކޮށް ގޮސްފިއެވެ. އެ ކަމުގައި ސަބަބުތައް ވެސް އެބަހުއްޓެވެ. އެއް ސަބަބަކީ, މި ފަހަކާ ޖެހެންދެން ޓީޗަރުންގެ މުސާރައަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަބުރުވެރި ދިރިއުޅުމެއް ޓީޗިން ދާއިރާއިން ލިބޭ އެއްޗަކުން ހަގީގަތުގައި އުޅެވޭނެއެކޭ އަޅުގަނޑު ނުބުނާނަން. އެ ފަދަ ގޮތަކަށް ޓީޗަރުންގެ ވަޒީފާ އޮތްނަމަ އަޅުގަނޑު މާދަމާ ވެސް އެނބުރި ޓީޗިންއަށް ދާނަން," އޭނާ ވިދާޅުވިއެވެ.

ޓީޗަރުންގެ ތެރޭގައި މަސައްކަތްކުރި މީހުންގެ ތެރެއިން ބަޔަކު ސިޔާސީ ދާއިރާށް ވެސް ހިނގައްޖެއެވެ. ސަބަބަކީ ޓީޗިންގެ ދާއިރާއިން ލިބޭ މުސާރައާއި ސިޔާސީ ދާއިރާގައި މަސައްކަތްކޮށްގެން ލިބޭ މުސާރަ މާ ބޮޑަށް ވެސް ނުބައްދަލުވީމައެވެ.

މި ސަބަބުތަކާ ހެދި ޓީޗިންގެ ދާއިރާގައި ހަރުލާ ދިވެހީންގެ އަދަދު މަދެވެ. މި ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ މީހުން ވެސް މަދެވެ. ގައިމު ވެސް މި ފަހަކާ ޖެހެންދެން ޓީޗިންގެ ދާއިރާއިން މީހުން މަތީ ތައުލީމު ހާސިލުނުކޮށްގެން އެ ކަމުގެ ކަންބޮޑުވުންތައް ރާއްޖޭގެ ނޫސްތަކުގައި ލިޔެފައި އެބަހުއްޓެވެ. -- ބޭރު ޓީޗަރުން ގެންނަން ޖެހޭ ސަބަބު ކިޔައިދޭން އެ ވަރުން ފުއްދާލާނީއެވެ.

undefinedއަމީނިއްޔާ ސްކޫލްގެ އިވެންޓެއްގައި އެ ސްކޫލްގެ ޓީޗަރުންތަކަކާއި ދަރިވަރުންތަކެއް -- ފޮޓޯ: ޕީއެސްއެމް ނިއުސް

ހެދި ބޮޑުވަމުން އަންނަ ދަރިވަރަކަށް އެންމެ ބޮޑު ރޯލްމޮޑެލްއަކަށް ވާން ޖެހޭނީ އެ ކުދިންނަށް ކިޔަވައިދީ ތައުލީމް އުނގަންނައިދޭ ޓީޗަރުންނެވެ. ދަރިވަރުން ބޮޑުވަމުން އަންނައިރު އެކުދިން އެންމެ ގިނަ ވަގުތު ހޭދަކުރަނީ އެ ޓީޗަރުން ގާތުގައެވެ. އެކުދިން އެންމެ 'ލުކް އަޕް' ކުރާ ބަޔަކީ ވެސް ހަަމަ އެ ޓީޗަރުންނެވެ. އެކަމަކު, އެ ކަން ބައެއް ޓީޗަރުން މިއަދު ނުދަތުމަކީ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

މި ކަމާ ގުޅިގެން ވާހަކަ ދައްކައިލި ބައެއް ބެލެނިވެރިން ވެސް ތިބީ ވަރަށް ކަންބޮޑުވެފައެވެ. މިދިޔަ ހަފުތާގައި އެ ފެނުނު ހެޑްލައިނާއި އާއްމުކޮށް ވެސް ސްކޫލްތަކުގައި ބައެއް ޓީޗަރުންގެ ކިބައިން ފެންނަ އަމަލުތަކުގެ ސަބަބުން ބައެއް ބެލެނިވެރިންގެ މެދުގައި ހާސްކަން އެބައޮތެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނި ގޮތުގައި, ޓީޗަރެއްގެ މައްސަލަ ދަރިފުޅު ޖައްސައިގެން އެ ޓީޗަރާ އޭނާ ވާހަކަ ދެއްކުމުން އޭގެ ފަހުން އެ ޓީޗަރު ވަނީ އެ ދަރިވަރަށް އުނދަގޫވާ ގޮތަށް ބައެއް ކަންކަން ކޮށްފައެވެ. އެ ދަރިވަރާ ޖައްސާލައި, ޖެއްސުންކޮށް ދިމާކުރި ކަމަށް އެ ބެލެނިވެރިޔާ ކިޔައިދިނެވެ.

އެހެން ބެލެނިވެރިން ވެސް ދެއްކީ ދާދި އެއްކަހަލަ ވާހަކައެވެ. ބައެއް ޓީޗަރުންނާ ވާހަކަ ދެއްކުމަކީ އުނދަގޫކަމަކަށް ވާއިރު, ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާ ހަމައަށް ރީޗްވުން އުނދަގޫކަން ވެސް ފާހަގަކުރިއެވެ.

"ދަރިފުޅު ބުނާނެ ސްކޫލް ޓީޗަރުންނަކީ އޭނަގެ ސޭފް ސްޕޭސް އޭ. މިހާރުވެސް ކޮންމެ ކަމެއް ވިޔަސް އޭނަ ބޭނުންވާނީ ޓީޗަރާ ވާހަކަދައްކަން. އެކަމަކު އިއްޔަ އެ ހަބަރު ފެނިފަ ދަރިފުޅު ބުނި ހަމަ އެކަހަލަ ޓީޗަރުން ވެސް އުޅޭހޭ. އަސްލު އަޅުގަނޑުމެން ދަރިން ބަލަނީ ބުރަ މަސައްކަތުން ނުހަނު ލޯބިން. އެ ދަރިން ކޮންމެ ދުވަހަކު ޓީޗަރުންގެ އަތްމައްޗަށް ފޮނުވަނީ ވަރަށް އިތުބާރު ކޮށްފަ. މިކަހަލަ ކަންކަން ވީމަ ހިތް ނުތަނަވަސް ވޭ. އެކަމަކު އެނގޭ އެންމެން އެއްގޮތެއް ނުވާނެކަން ވެސް,ސާނަވީ ގުރޭޑެއްގައި ކިޔަވަމުން އަންނަ ދަރިވަރެއްގެ ބެލެނިވެރިއެއް ކިޔައިދިނެވެ.

ދިރިއުޅުމަށް ކުއްޖާ ތައްޔާރު ކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އެ ކުދިން ސްކޫލުގައި އެ ހޭދަކުރާ 10 އަހަރެވެ. އުމުރުން އެންމެ ހަ އަހަރުން ފެށިގެން 16 އަހަރާ ހަމައަށް އެ ކުއްޖާގެ ދިރިއުޅުމުގެ ގިނަ ވަގުތުތައް ހޭދަކުރާނީ ސްކޫލުގެ މާހައުލުގައެވެ.

މަތީ ސާނަވީއަށް ކިޔަވާ ދަރިވަރަކު ބުނި ގޮތުގައި އޭނާގެ ހުރިހާ ކަމެއް ބައެއް ޓީޗަރުންނާ ހިއްސާކުރެވެއެވެ. މަތީ ސާނަވީގެ އުމުރަކީ ފުރާވަރުގެ ކުދިން އުޅޭ އުމުރުކަމަށް ވާއިރު, އޭނާ ބުނި ގޮތުގައި ބައެއް ޓީޗަރުންނަކީ "ބެސްޓު ފްރެންޑުން" ކަހަލަ ބައެކެވެ.

ޓީޗަރުންނަކީ އަޅުގަނޑުމެންގެ ރޯލްމޮޑެލްސް. އެންމެ އިތުބާރު ކުރާ ބަޔަކީ އެ މުދައްރިސުން. އެއީ ހަމަ ދެވަނަ މައިންބަފައިންމިހާރު އޭލެވެލް ހަދަމުން އަންނަ ދަރިވަރަކު ކިޔައިދިނެވެ.

އޭނާ ބުނީ އެންމެ ދެތިން ޓީޗަރެއްގެ މިފަދަ އަމަލުތަކުގެ ސަބަބުން ޓީޗަރުންގެ ނަން ހުތުރުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި ބައެއް ފަހަރު ދިމާވާ ކަންކަމުގެ ސަބަބުން ޓީޗަރުންނަށް އިތުބާރުކޮށް ދެވަނަ ފަހަރަށް ވާހަކައެއް ބުނަން ފަސްޖެހެވޭކަން ވެސް އޭނާ ފާހަގަކުރިއެވެ.

undefinedއިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އެސެމްބްލީއެއްގައި --

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ތައުލީމު ދިނުމާ ތަރުބިއްޔަތު ދިނުމަކީ މުޅިން ތަފާތު ދެކަން ކަމަށެވެ. އަދި ކޮންމެ މީހަކަށް ވެސް ކިޔަވާދެވިދާނެ ކަމަށާއި, ނަމަވެސް ކޮންމެ މީހަކަށް ތަރުބިއްޔަތު ނުކުރެވިދާނެ ކަމަށެވެ.

"ޓީޗަރުންނަކީ ދަރިވަރުންނަށް އަހްލާގު ދަސްކޮށްދޭ ބައެއް. ވެލިއުސް އެންޑް އެތިކްސް ދަސްކޮށްދޭނީ ޓީޗަރުން,"އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ބުނީ މިހާރު ރާއްޖޭގައި ޓީޗަރުން އުނގަންނައި ދިނުމާއި, ތަރުބިއްޔަތު ކުރުމާއި, އުފެއްދުމުގެ ފެންވަރު ވަަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި ޔުނިވާސިޓީ ތަކުގެ ސުލޯގަން އަަކަށް "އޭސް ލޯންގް އޭސް ޔޫ ޕޭ ދަ ފީ, ޔޫ ވިލްބީ އެވޯޑެޑް އަ ސެޓްފިކެޓް" ހަދައިފައިވާހެން ހީވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މިތިބީ ޓީޗަރުންނެއް ނޫން. މިހާރު މިތިބީ ސަނަދުވެރިން. ޓީޗަރުންގެ އަސްލު ބޭނުމަކީ ފޮތުގަ ހުރި ފޮތުގެ އިލްމު ކިޔަވައި ދިނުމެއް ނޫން. ތަހުޒީބު ތަންތަނުގައި އެމީހުން ކިޔަވައިދެނީ ފޮތުގަ ހުރި އެއްޗެއް ނޫން. ޖަޕާން ސިންގަޕޫރު ފަދަ ތަންތާނގައި ކިޔަވައިދެނީ ފޮތުގެ އިލްމެއް ނޫން ފުރަތަމަ. ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެނީ ކޮރެއާގަ ވެސް" އޭނާ ވިދާޅުވިއެވެ.

މި މައުލޫއަށް ތައުލީމީ ދާއިރާގެ ގިނަ ބަޔަކަށް ވަރަށް ދިގުކޮށް ވާހަކަ ދެއްކިދާނެއެވެ. ޓީޗަރުންގެ ކުޑަ އާބާދީއެއްގެ ތެރޭގައި އޮތް ސިފައެއް ނަމަވެސް, މިއީ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ.

ޓީޗަރުންގެ ކިބައިން ދަރިވަރުންނަށް ބޭނުންވަނީ ލޯތްބާއި އަޅާލުމެވެ. ދަރިވަރުންނަށް ކުށް ކުރެވުމުން ބައެއް ފަހަރަށް އަދަބު ދޭން ވެސް ޖެހެއެވެ. އެކަމަކު ކުއްޖާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާވާ ފަދަ ކަމަކަށް އެ "އަދަބު" ވެގެން ނުވާނެއެވެ.

މިއީ ދަނޑިމާރު އަޅައިގެން އެއްވެސް ކަމެއް އެއްވެސް ބަޔަކު ލައްވާ ކުރެވޭނެ ޒަމާނެއް ނޫނެވެ. ގައުމު ބިނާކުރުމުގެ ބޮޑު ޒިންމާ ކޮނޑު އަޅައިގެން ތިބި ޓީޗަރުންނަށް މި ކަން ވިސްނެން ޖެހެއެވެ.

ޓީޗަރުން ވިސްނާށެވެ. ޓީޗަރެއްގެ ކިބައިން ލިބޭ ކުޑަކުޑަ އަނިޔާއެއްގެ ސަބަބުން ދަރިވަރެއްގެ މުޅި ތައުލީމީ ހަޔާތް ބަރުބާދުވެދާނެއެވެ. ހަރާބުވެދާނެއެވެ. -- އެ ވާނީ ދިގު ދެމިގެންދާ ގެއްލުމަކަށެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/