ޓިއުޝަނުގެ ބަހުސް; އެއްބަޔަކަށް މަޖުބޫރު, އަނެއް ބަޔަކަށް ބޭކާރު!

މަރްޔަމް މާޙީ

ބެލެނިވެރިއަކު ދަރިން ގޮވައިގެން ދަނީ — ފޮޓޯ: ނުކުތާ
SHARE
ބޮޑު ފަތިހާ ހޭލައިގެން ދަނީ ސްކޫލަށެވެ. ނިދީގެ އަސަރު ރަނގަޅަށް ލޮލުން ނުފިލާ ހުރެއެވެ. ސްކޫލްގެ ގަޑިތައް ނިމެނީ ހަ ގަޑިއިރު ފަހުންނެވެ. އެއަށްފަހު އެ ވެފައި ހުންނަ ވަރުބައްޔާއެކު ވެސް ކުރަން ޖެހޭ ބައިވަރު ކަންކަން ހުރެއެވެ. ސްކޫލްގައި ކިޔަވާ ކޮންމެ މާއްދާއަކަށް ޓިއުޝަން ނަގަން ޖެހެއެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކަށް ދާންޖެހެއެވެ.

މުޅި ދުވަސް ނިމޭއިރު ގިނަ ދަރިވަރުން ތިބެނީ ދެވަރުން އެއްވަރު ވެފައެވެ.
ޓިއުޝަން ނެގުމަކީ މިއަދު "ޓްރެންޑެކޭ" ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރަނގަޅު ނަތީޖާއެއް ބޭނުންވާނަމަ ޓިއުޝަން ނެގުމަކީ މަޖުބޫރު ކަމެކެވެ. ފަހަރުގައި އެއީ އެ ގޮތަށް ބަޔަކު ވިސްނައިދީފައި އޮންނާތީ ކަމަށް ވެސް ވެދާނެއެވެ.
އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި ޓިއުޝަން ނެގުމަކީ ބޭކާރު ކަމެކެވެ. އެއީ ބެލެނިވެރިންގެ އަތުން ހޭދަވާ ބޭކާރު ފައިސާއެވެ. ދަރިވަރުންގެ ހަކަތައިން ވެސް ވާ ބޭކާރެކެވެ.
މިއަދުގެ ބަހުސަކީ މިއެވެ; ޓިއުޝަން ނެގުމަކީ މަޖުބޫރު ކަމެއް ހެއްޔެވެ. ނުވަތަ ބޭކާރު ކަމެއް ހެއްޔެވެ.
.png&w=3840&q=75)
ބެލެނިވެރިއަކު ދަރިވަރަކު ގޮވައިގެން ދަނީ — ފޮޓޯ: ނުކުތާ
“އަހަރެން ކިޔަވައިދެން ދިޔަ ގުރޭޑް އަށެއްގެ ކްލާހެއްގަ އުޅޭނެވަރަށް ސަކަރާތްޖަހާ ހަލަނި ކުއްޖެއް. އެ ކުއްޖާގެ ދަބަހުގަ އެއްވެސް ފޮތެއް ނޯންނާނެ.ދެން މިކަމާ ކަންބޮޑުވެގެން އަޅުގަނޑު ވެސް އޭނައާ ސުވާލުކޮށްލިން. ކީއްވެހޭ ނުކިޔަވާ ތި އުޅޭނީ. އެހެން ކުދިންނަށް އުނދަގޫ ކުރަނީ. އޭނަ ބުނީ ތިމަންނަ 8 މާއްދާއިން ޓިއުޝަން ނަަގަމޭ. ކުލާހުގަ ނުކެޔިވަސް ތިމަންނައަށް ފިލާވަލު ލިބެޔޭ. ” ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވާހަކަ ފެއްޓެވީ މިހެންނެވެ.
އޭނާ ވިދާޅުވީ ހުރިހާ މާއްދާއަކުން ޓިއުޝަން ނެގުމަކީ އެ ކުއްޖަކު ކުލާހުގައި ނުކިޔަވައި, ފޯކަސް ގެއްލެން މެދުވެރިވާ ސަބަބެކެވެ. އެހެންވެ, އެއީ ބެލެނިވެރިޔާއަށް ނޭނގި ކުއްޖާއަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ފަދަ ކުދިންގެ ސަބަބުން އެހެން ކުދިންގެ ކިޔަވުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ އެއްވެސް ޓީޗަރަކު ޓިއުޝަން ނެގުމާ ދެކޮޅު ނުހަދާނެކަމަށެވެ. އެއީ އެ ކަމުން އެމީންނަށް ލިބޭ މަންފާ ބޮޑުވީމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ހުރިހާ ކުދިން ޓިއުޝަން ބޭނުމެއްނުވޭ. މަދު ކުއްޖަކަށް އެ އިތުރު އެހީތެރިކަން ހަގީގަތުގައި ބޭނުންވަނީ. ޓިއުޝަނަކީ އާ އެއްޗެހި ދަސްކޮށް ފިލާވަޅު ނަގަންދާ ތަނެއް ނޫން. ޓިއުޝަނުގެ ބޭނުމަކީ ކުއްޖާ ސްކޫލުގަ ކިޔެވި އެއްޗެއް އޮޅުންއަރާނަމަ އެ އޮޅުން ފިލުވުން. އެ ކަން ނޭނގުން އެއީ މިހާރު ކުދިންގެ މައްސަލަ އަކީ,” އޭނާ ބުންޏެވެ.
އިތުރަށް އޭނާ ވިދާޅުވި ގޮތުގައި ޓިއުޝަން ނަގައިދިނުމުގެ ވިޔަފާރީގައި އުޅޭ ޓީޗަރުން ސްކޫލްގެ ގަޑިތަކުގައި ރަނގަޅަށް ކިޔަވައިދޭކަށް މާ ބޮޑު މަސައްކަތެއް ނުކުރެއެވެ. އެ ފަދަ ޓީޗަރުން ކުލާސްރޫމްގައި ކިޔަވައިދެނީ ވަރަށް މަދު އެއްޗެއް ކަމަށާއި އެ ކަމުގެ ސަަބަބުން ކުދިންގެ ނަތީޖާ ދަށްވާން ފެށުމުން ޓިއުޝަން ނަގަން "ރިކޮމެންޑް" ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްކޫލެއްގެ ޓީޗަރުންތަކެއް އެސެމްބްލީއެއްގައި --
“ކްލާހުގައި ޓީޗަރުން ފިލާވަޅު މަތިމައްޗަށް އަޅައިލައިފަ ދަނީ. އެ ދޭހަކޮށްދޭކަށް ނޫޅޭ. އަބަދުވެސް ބުނަނީ ޓިއުޝަން ނަގާށޭ. ދެން ގިނަފަހަރަށް ހަމަ އެ ސްކޫލުގައި ކިޔަވައިދޭ ޓީޗަރު ލައްވާ ޓިއުޝަން ނަގަނީ. އެ ކަން ވެސް ހަދާފަ އޮންނަނީ ބޮޑު ވިޔަފާރިއަކަށް މިހާރު. ބެލެނިވެރިންނަށް ވެސް ވިސްނައިދީފައި އޮންނަނީ ޓިއުޝަނާ ނުލައި ކިޔެވުން ފުރިހަމަ ނުވާނެ ކަމަށް. ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށް,” އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ބާއްވާ ޕޭރެންޓު ޓީޗާ މީޓިންތަކަކީ ޓީޗަރުން އެމީހުންގެ ވިޔަފާރި ފުޅާކުރަން ބޭނުންކުރާ ބައްދަލުވުންތަކެއް ކަމަށެވެ.
“ޕޭޕަރު އަތަށް ނުލިބޭ ކިރިޔާ ޕޭޕަރުން ދަށް ވެލާއިރަށް ބުނާނެ ޓިއުޝަން ނަގާށޭ,” އޭނާ ވިދާޅުވިއެވެ
އާންމުކޮށް ރާއްޖޭގައި ޕްރައިވެޓް ޓިއުޝަންގެ އަގު އުޅެނީ 3000 ރުފިޔާ އާއި 4500 ރުފިޔާއާ ދެމެދުގައެވެ. ޓީޗަރުންގެ މުސާރަ ކުޑަކަމަށް ބުނާތީ އަބަދުވެސް އަޑުއިވެއެވެ. އ ެކަން އެންމެން ވެސް ގަބޫލުކުރެއެވެ. ނަމަވެސް އެކަން މަތިއަޅުވައި ބެލެނިވެރިން އަތުން އިންތިހާއަށް ފައިސާ ނެގުމަކީ އެ ކަމުގެ ހައްލުކަމަކަށް ތައުލީމީ ދާއިރާއަށް ލޯބިކުރައްވާ ބޭފުޅުން ގަބޫލެއް ނުކުރައްވައެވެ. ޓީޗަރުން އެ މީހުންގެ ހައްގުތަކުގެ ވާހަކަ ތަންމިނަށް ދައްކާއިރު, އެ އަރައިގަނެވެނީ ބައެއްގެ ހައްގަކަށް ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.
ޓީޗަރަކަށް އާންމުކޮށް އަސާސީ މުސާރައިގެ ގޮތުގައި މިހާރު ލިބޭ 17000-18000 ރުފިޔާގެ ދެގުނަ ތިން ގުނަ ޓިއުޝަނުން ނަގައެވެ. މި ރިފޯޓު ލިޔުމަށް މައުލޫމާތު އެއްކުރުމަށް ދެތިން ޓީޗަރުންނާ ވާހަކަދައްކާލީމެވެ. އޭގެތެރެއިން ބިދޭސީ ޓީޗަރަކު ކިޔައިދިން ގޮތުގައި އޭނާ ކިޔަވައިދެނީ ޕްރައިވެޓް ސްކޫލެއްގައެވެ. އޭނާ ބުނިގޮތުގައި ގުރޫޕަކަށް ހަފްތާއަކު ތިން ގަޑިއިރު ޓިއުޝަން ނަގައިދެނީ މަހަކު 4500 ރުފިޔާއަށެވެ. ސްކޫލުގައި ކިޔަވައިދޭ ހަ ގަޑިއިރަށްފަހު އޭނާ ރޭގަނޑު 11 ޖަހަންދެން ޓިއުޝަން ފުލުފުލުގައި ނަގައިދެއެވެ. އެއީ ޖުމުލަ 12 ގުރޫޕް މުޅި ހަފްތާއަށް ބަހައިލައިގެންނެވެ.
އަދިވެސް އުފެދޭ ސުވާލެއް އެބައޮތެވެ. މި ކިޔައިދިން ބިޒީ ޝެޑިއުލުގައި ޓީޗަރު ކިޔަވައިދޭއިރު އެ ޓީޗަރަށް ދަރިވަރަށް ރަނގަޅަށް އެއްޗެއް އޮޅުންފިލުވައި ދެވޭނެ ހެއްޔެވެ.
"ހެނދުނު 6:45އިން ރޭގަނޑު 10 ޖަހަންދެން ސްކޫލު ޔުނިފޯމް ލައިގެންމި އުޅެނީ. އަސްލު ޕޭރަންޓްސް އަށް އަންޑަސްޓޭންޑެއް ނުވޭ އެހާ ބިޒީކޮށް އުޅޭއިރު މެންޓަލީ އަސަރު ކުރާވަރު. ސްކޫލު ނިމޭގޮތަށް ޓިއުޝަން. ޓިއުޝަންތައް އަނެއްކާ ނިމޭނީ ސްކޫލު އެކްސްޓްރާ ގަޑިއަށް ހަމަ. އަނެއްކާ ދެ ގަޑިއިރު ސްކޫލުގަ އުޅެފަ ޓިއުޝަނަށް. ނިދަން ނޫނީ ގެއަށް ނުވަދެވޭ ނުވައެއް ދިހައެއް ގަ އުޅޭއިރު,” މި އަހަރު އޯލެވެލް ހަދަން ތައްޔާރު ވަމުން އަންނަ ދަރިވަރަކު ކިޔައިދިނެވެ.
މާލޭ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ ޓިއުޝަން ނަގަނީ ބެލެނިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަމެއްގެ ސަބަބުން ކަމަށެވެ. އެއީ އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކު މޮޅުކުރުމަށް އޮންނަ ރޭޙެެއްގެ ތެރެއިން ބެލެނިވެރިން ކުރާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބެލެނިވެރިންނަށް މިހާރު ހީވަނީ އެއް ކުއްޖަކަށް ވުރެ އަނެއް ކުއްޖާގެ ނަތީޖާ ރަނގަޅު ކުރެވޭނީ ޓިއުޝަން ދީގެންނޭ. މޮޅު ކުއްޖާ އެއަށް ވުރެ މޮޅުކުރަން ޓިއުޝަން އެބަ ނަގާ. ކްލާހުން ކިޔަވައިދީގެން ޓިއުޝަން ނުނަގާ ރަނގަޅު ނަތީޖާއެއް ހޯދާ ކުދިންނަށް ޓިއުޝަން ދިނުމަކީ ރަނގަޅު ކަމެއް ނޫން," އޭނާ ވިދާޅުވިއެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުލާހުގައި އެންމެ ދަށް ކުއްޖާއަށް ގޭތެރޭގައި މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށް ނުދެވޭނަމަ ދެން ޓިއުޝަން ނަގައިގެން ވިޔަސް އެ ކުދިންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ރަނގަޅު ކަމެކެވެ.
އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އެސެމްބްލީއެއްގައި -- ފޮޓޯ: ޕީއެސްއެމް ނިއުސް
އެ ޕްރިންސިޕަލް ކިޔައިދިން ގޮތުގައިކޮންމެ ކުއްޖަކަށް ވެސް ޓިއުޝަން ނަގަން އެ ކުއްޖާގެ ބެލެނިވެރިން ބޭނުންވެއެވެ. އެއީ ކުދިންގެ ތެރޭގައި ނުވަތަ ބެލެނިވެރިންގެ ތެރޭގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަދި އެއް ކުއްޖަކަށް ވުރެ އަނެއް ކުއްޖަކު މޮޅުކުރަން ބޭނުންވުމުގެ ސަބަބުން ޓިއުޝަން ނަގާ ކުދިން ވެސް އުޅޭކަމަށް ބުންޏެވެ.
"ހަގީގަތަށް ބުނާ ކަމުގައި ވާނަމަ ސްކޫލެއްގަ ރަނގަޅަށް ކިޔަވައިދޭ ކަމުގައި ވާނަމަ ޓިއުޝަން ބޭނުމެއް ނުވާނެ," އޭނާ ވިދާޅުވިއެވެ.
އިތުުރަށް, އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ސްކޫލެއްގެ ކޮންމެ ކުލާހެއްގައި ވެސް މައިގަނޑުގޮތެއްގައި ތިން ކެޓަގަރީއަކަށް ކުދިން ބަހާލެވޭނެއެވެ. އެއީ ކުލާހުގައި ތިބޭ ވަރަށް ދަށް ކުދިންނާއި, އެވްރެޖް ކުދިންނާއި މޮޅު ކުދިންނެވެ. އޭނާ ވިދާޅުވީ ފަަހަރުގައި އެންމެ ދަށް ކުއްޖާއަށް ކުލާހުގައި ކިޔަވައިދޭ އެއްޗެއް ފަހުމް ނުވެދާނެކަމަށެވެ. އަދި އެކުދިންނަށް އިތުރު އެހީގެ ގޮތުގައި މީހަކު ލައްވާ މަސައްކަތެއް ކޮށްދެވިދާނެކަމެވެ.
ޕްރިންސިޕަލް ގަބޫލު ކުރައްވާ ގޮތުގައި މިހާރު ޓިއުޝަނަކީ ޓީޗަރުގެ ޑިމާންޑަށް ބަލައި ރޭޓު ކަނޑައަޅާ ބޮޑު ވިޔަފާރިއެވެ.
"ޓިއުޝަނަކީ މިއަދު ބަޔަކު ހަގީގަތުގަ ބޮޑު އާމްދަނީ އެއް ހޯދާ ކަމަކަށް މިވަނީ ވެފަ. އެ ޓީޗަރުގެ ޑިމާންޑަށް އެ ޓީޗަރު ރޭޓު ކިޔާ އުސޫލުން މި ކަން އޮންނަނީ. މިސާލަކަށް އެ ޓީޗަރަކީ އޯލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖަ ހޯދައިފަ ހުރި ޓީޗަރެއް ވިއްޔާ އޭނަގެ ޑިމާންޑަށް މި އަގު ހަދަނީ," އޭނާ ވިދާޅުވިއެވެ.
ޓިއުޝަން ދިނުމާ ދެކޮޅަށް ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވާހަކަ ދެއްކެވިޔަސް, މިހާރު ޚިދުމަތުގައި ތިބި ޓީޗަރުން މި ކަމާ ދެކޮޅެވެ. އެ މީހުން ދެކޭ ގޮތުގައި ޓިއުޝަން ނެގުމަކީ ކޮންމެހެން ވެސް ވަރަށް މުހިންމު ކަމެކެވެ.
"މިހާރު ކުލާހުގަ ކުދިން ތިބޭ އަދަދާ ބަލާފަ 45 މިނެޓް ތެރޭގައި ކުލާހުުގައި އެ އުޅޭ ތިން ކެޓަގަރީގެ ކުދިންނަށް ކިޔަވައިދިނުމަކީ ފަސޭހަކަމެއް ނޫން," ޓިއުޝަން ނެގުން ދިފާއުކުރަމުން އޯލެވެލް އަށް ކިޔަވައިދޭ ޓީޗަރަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ 45 މިނެޓު ތެރޭގައި ކުދިންނަށް ކިޔަވައިދޭ އެއްޗަކުން ރަނގަޅު ނަތީޖާއެއް ނުނެރެވެެއެވެ. އެހެންވެ, ބައެއް ފަހަރަށް ވަކިވަކިން ކުދިންނަށް ޓިއުޝަން ނަގައިދޭން ޖެހެއެވެ. އަދި ޓީޗަރުން އުޅޭ ބިޒީ ޝެޑިއުލާއި ހޭދަކުރާ ވަގުތަށް ބަލައި ޓިއުޝަން ނަގައިދޭ އަގަކީ ބޮޑު އަގެއްކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ. އެކަމަކު, މިއީ ޓިއުޝަން ނަގައިދޭ ޓީޗަރުންގެ ހިޔާލެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ ޓިއުޝަނަކީ ދަަރިވަރުންނަށް މަންފާއެއް ހޯދައިދުމަށް ކަމަށް ބުނެ ބެލެނިވެރިންގެ ލޮލުގައި އަޅުވާ އަނދުނެެއްކަމަށެވެ.
“ޓީޗަރުން ޓިއުޝަން ނަގާދެނީ ވިޔަފާރި އުސޫލުން. މީހުން ބުނޭތާ ލިބޭތާ ލިބިގަންނާށޭ. ހަމަ އެހެން އެ ހަދަނީ,” އޭނާ ވިދާޅުވިއެވެ.
ޓިއުޝަން ނެގުމާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ, ދައްކާ އެއް ވާހަކައެއް އޮވެއެވެ. ޓިއުޝަން ނަގާ ކުދިންގެ ނަތީޖާ ރަނގަޅު ވާހަކައެވެ. ނަމަވެސް ޓިއުޝަން ނަގާ ކުދިންގެ ނަތީޖާ ރަނގަޅުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހެއެވެ.
މި ކަމާ ގުޅިގެން މި ރިޕޯޓަށް ވާާހަކަ ދެއްކި ގިނަ ދަރިވަރުން ބުނީ ދާދި އެއްވާހަކައެވެ. ސްކޫލުގައި ނުކިޔަަވައިދޭ އުކުޅުތަކާއި ގޮތްތައް ޓިއުޝަނުގައި ކިޔަވައިދޭތީއެވެ.
“ސްކޫލުގަ ވެސް ޓިއުޝަނުގަ ވެސް ހަމަ އެކަކު ކިޔަވާދެނީ. އެކަމަކު ކްލާހުގަ ނުކިޔަވަދޭ ކިތަންމެ އެެއްޗެއް ޓިއުޝަންގަ ކިޔަވަދޭ. ތަފާތު ފަސޭހަ މެތަޑްސްތައް މެތްސް ގަ ވެސް ކިޔައިދޭ. ދެން އެކަން އެހެން ކުދިންނަށް އެނގުނީމަ އެކުދިން ވެސް ބޭނުންވޭ އަޅުގަނޑުމެންނާ އެއްކޮށް ޓިއުޝަން ނަގަން. އިތުރުވާ ކޮންމެ ކުއްޖަކީ 1000 ރުފިޔާ,”މިހާރު އޭލެެވެލްއަށް ކިޔަވާ ދަރިވަރަކު ކިޔައިދިނެވެ.
މާލެއާއި ރާއްޖެތެރޭގައި ވެސް ޓިއުޝަން ނުނަގާ ރަނގަޅު ނަތީޖާ ހޯދާ ކުދިން ބައިވަރެވެ. މޮޅު ކުއްޖަކަށް ވުމަށް ބޭނުންވަނީ ގަދަ ހިތްވަރާއި އަޒުމެވެ. ސްކޫލުގައި ކިޔަވަދޭ ޓީޗަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމެވެ. ދަރިވަރަށް ފިލާވަޅު ފަހުމްކޮށްދީ, ފަހުމްވާކަން ޔަގީން ކުރުމަކީ ކޮންމެ ޓީޗަރެއްގެ ޒިންމާއެކެވެ.
ޓީޗަރު އެ ކިޔަވައިދޭ އެއްޗެއް އަމިއްލައަށް ދެނެގަތުމަށް މަސައްކަތްކޮށް ފިލާވަޅު ލިބިގަތުމަކީ ދަރިވަރުގެ ޒިންމާއެކެވެ. ދެބައި މީހުން ވެސް އެމީހުންގެ ޒިންމާ އަދާ ކުރާނަމަ ޓިއުޝަނުގެ ބޭނުމެއް މަދު ކުއްޖަކަށް މެނުވީ ނޯންނާނެއެވެ. ރަނގަޅު ނަތީޖާ ވެސް ނެރެވޭނެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.
ޓިއުޝަނުގެ މި ބަހުސަކީ ނިމުމެއް ނެތް ބަހުސެކެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މި ކަމުން ވާ ފައިދާއެއް ހަމަ ހަރާމެވެ. އަނެއް ބަޔަކު ބުނާ ގޮތުން ވިއްޔާ ރަނގަޅު ނަތީޖާއެއް ކުއްޖާއަށް ހޯދޭނީ ޓިއުޝަން ނަގައިގެންނެވެ.
ޔަގީންވާ އެއްކަމެއް އެބައޮތެވެ. މާލޭގެ މި އަގުބޮޑު ދިރިއުޅުމުގައި ޓިއުޝަަނަކީ ބެލެނިވެރިންގެ އަތުން ހާހުން ހޭދަވާ ފައިސާއެވެ.