ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި 129 މީހުން މަރުވެއްޖެ

މުހައްމަދު ޔަމީން

ނޭޕާލަށް އައި ބިންހެލުމުގައި ގެއެއް ފުނޑުފުނޑުވެފައި --- ފޮޓޯ/ އޭއެންއައި
SHARE
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި 129 އަށް ވުރެ ގިނަ މީހުން މަރުވެ، 100އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ބިމުގެ އެންމެ 18 ކިލޯމީޓަރު އަޑިން އައި 5.6 މެގްނިޓިއުޓުގެ އެ ބިންހެލުން އައީ ވެރިރަށް ކަތަމަންޑޫއާ 500އެއްހާ ކިލޯމީޓަރު ހުޅަނގުގައި އޮންނަ ޖަޖަރްކޮތު ޑިސްޓްރިކްޓަށް ރޭ ދަންވަރުގެ ވަގުތެއްގައެވެ. ލޮޅުމުގެ އަސަރު ކަތަމަންޑޫގެ އިތުރުން، 600 ކިލޯމީޓަރު ދުރުގައި އޮންނަ، އިންޑިއާގެ ވެރިރަށް، ނިއު ދިއްލީއަށް ވެސް ވަނީ ކޮށްފައެވެ.
ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެ ގައުމުގެ ސަލާމަތީ ބާރުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނޭޕާލް އޮންނަ ސަރަހައްދަކީ ބިންހެލުންތައް ގިނަ ހިސާބެކެވެ. މިދިޔަ މަހު ވެސް އެ ގައުމަށް ވަނީ ހަތަރު ބިންހެލުމެއް އައިސްފައެވެ. އެގޮތުން، އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ތިން ބިންހެލުމެއް އައިސްފައިވެއެވެ. އެ މަހުގެ 22ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމެއްގައި ވެރިރަށް ކަތަމަންޑޫގެ 20 ގެއަކަށް ގެއްލުން ވިއެވެ.
މީގެ ކުރިން، 2015ވަނަ އަހަރު އެގައުމަށް އައި ބޮޑު ދެ ބިން ހެލުމެއްގައި 9،000އަށް ވުރެ ގިނަ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

