ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި 600 މީހުން މަރުވެ 2500 އަށްވުރެ ގިނަ މީހުން ގެއްލިފައި
ފާތިމަތު މިޝްކާ
SHARE
ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި 600އަށްވުރެ ގިނަ މީހުން މަރުވެ 2500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފި އެވެ.

ނޭޕާލް އަދި ޗައިނާގެ ޓިބެޓު ބޯޑަރު ކައިރިން ފަރުބަދަތަކެއްގެ ބައިތަކެއް ވެއްޓި ބިންގަނޑު ކަނޑައިގެން ގޮސް ހިނގައިދިޔަ ފެންބޮޑުވުމުގެ ހާދިސާއަށް މުޅި ދުނިޔޭގެ ނަޒަރު ވަނީ ހުއްޓިފަ އެވެ.
ގެއްލުނު މީހުންގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. މީގެ އިތުރަށް ވެސް، އެކި ވަރުގެ އަނިޔާތައް މީހުންނަށް ލިބުމުގެ ސަބަބުން ހޮސްޕިޓަލުތަކުގައި އެ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. ގާތްގަނޑަކަށް 2300 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަކަމަށް ނޭޕާލުގެ ފުލުހުންނާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި ދެ ގައުމު ގުޅޭ ހިސާބުގެ ބޯޑަރު ކައިރީގައި ސަލާމަތުން ތިބި ބަޔަކު މިހާތަނަށް ފެނިފައިނުވާ ކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެ އެވެ. ބައެއް ހިސާބުތައް ފެންބޮޑުވުމުގެ ސަބަބުން އެކީ ނެތިގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އެހީ ބޭނުންވާކަން ނޭޕާލުން ހާމަކުރެ އެވެ.
ބައެއް ގައުމުތަކުން މިހާރުވެސް ވަނީ ނޭޕާލަށް މިވަގުތަށް ބޭނުންވާނެ އެހީ ފޮނުވައި އަދި އެހީ ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އިތުރަށް ފެން ބޮޑުވުމުގެ ހާދިސާތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ވެސް ނޭޕާލުގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

