މި ކިޔައިދެނީ ކެންސަރުން ދިރިއުޅުން "އެ ފުށް މި ފުށަށް" ޖަހައިލި ގޮތް!

މަރްޔަމް މާޙީ

ކެންސާ ސޮސައިޓީގެ އާޓް ސްޓޯލްގެ ތެރެއިން...
SHARE
ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ހީނުކުރާ ކަހަލަ ކަންކަމާ ކުރިމަތި ލާންޖެހެއެވެ. ބައެއް ފަހަރަށް ހިތާމައެވެ. އަނެއް ބައި ފަހަރު އުފާވެރިކަމެވެ. މިއީ ދުނިޔޭގެ އާދައެވެ. މިފަދަ ހާދިސާތަކަކީ އެތައް ފިލާވަޅެއް އުނގަންނައިދޭ ކަންކަމެވެ. އެތައް ދަތި ވޭނަކާ އުނދަލެއް ތަހައްމަލު ކުރަން ޖެހެއެވެ. ދެކެމުން އައި އެތައް ގިނަ ހުވަފެންތަކެއް ވިއްސިވިހާލިވެގެން ދެއެވެެ. އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދުތައް ވެއްޔާ މޮޑެވެއވެ. ދިރިއުޅުމަކީ އެއީއެވެ. މިއަދު ހެޔޮހާލުގައި ހުރުމަށްފަހު, މާދަން ބަލި އެނދުގައި އޮންނަން ޖެހިދެއެވެ.

މި ކިޔައިދެނީ މިފަދަ ހިތްވަރުގަދަ ބައެއްގެ ވާހަކައެވެ. ކެންސަރުގެ ވޭންހުރި ބަލި ތަހައްމަލުކުރި, އަދި މިހާރުވެސް ކުރަމުންދާ މީހުންގެ ވާހަކަތަކެވެ. އެ ވޭނުގައި ލޯބިވާ މީހުން އުޅުނު ހާލު އެންމެ ގާތުން ދުށް މީހުންގެ ވާހަކައެވެ. އެމީހުންގެ ދިރިއުޅުން ކެންސަރުގެ ސަބަބުން "އެ ފުށް މި ފުށަށް" ޖަހައިލި ގޮތެވެ.
އަނީގާ އަދުނާން: ކެންސަރު ހަޔާތުގެ މިސްރާބު ބަދަލުކޮށްލި
ވޭތުވެދިޔަ ފަންސަވީހަކަށް އަހަރުތެރޭ އޭނާ އަބަދުވެސް އަމިއްލަ ނަފްސާ ކުރަމުން އައި ސުވާލެކެވެ. އެކި ދުވަހު ލިބެނީ އެކި ޖަވާބެވެ. ވޮޑޭ ދުވަހެކެވެ. ގިރާދުވަހެކެވެ. އުފާވެރިކަން އިހުސާސް ކުރެވޭ ދުވަހެކެވެ. ހިތާމައިން ފުރިފައިވާ ދުވަހެކެވެ. ކެންސަރުގެ ތޫނު ވަކިތައް އޭނާގެ އާއިލާގައި ވަކިހިއްޕާލިއެވެ. ދިރިއުޅުމާއި މުސްތަގުބަލަށް ރޭވިރޭވުންތައް ވިއްސިވިހާލިކޮށްލިއެވެ. ދިރިއުޅުން އެކޮޅުކޮޅުން ޖަހާލިއެވެ.
.png&w=3840&q=75)
އަނީގާ ބުނީ އޭނާގެ ކުޑަކުޑަ އާއިލާ ދިރިއުޅެމުން ދިޔައީ ބޭރުގައުމެއްގައި ކަމަށެވެ.
"އަހުލެއް ވަހުލެއް, ދަންނަ ނުވަތަ ދެކެ ފަރިތަ މީހަކުވެސް ނެތް, މުޅިން ބީރައްޓެހި ތަނެއްގަ އުޅުނީ. އަޅުގަނޑުގެ ހާލަތުނިޔާކުރީ ވަރަށް ގިނަ ބަލި މީހުންގެ އެހީތެރިއެއްގެ ގޮތުގައި އުޅުމަށް,"
އަނީގާ ބުނީ އޭނާއަކީ ފައިސާގެ ގޮތުން މާބޮޑު އެހީތެރިކަމެއް ދެވޭނެ ފިޔަވަޅެއްގައި ހުރި މީހެއް ނޫންކަަމަށެވެ. ނަމަވެސް އެ ބަލި މީހުންނަށް ޓަކައި އޭނާގެ ވަގުތާއި އެހީތެރިކަން ދެގޮތެއްނެތި ފޯރުކޮށްދިންކަމަށް ބުންޏެވެ.
އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން އެފުށް މިފުށަށް ޖަހާ ލޮޅުން އަރުވާލީ ކެންސަރު އޭނާގެ އެ ލޯބިވާ ކުޑަކުޑަ އާއިލާއަށް އޭގެ މޫ ފޯރުވި ހިސާބުންނެވެ.

"މިކަން ދިމާވީ ކިހިނެއްވެގެންތޯ އެއީ އަޅުގަނޑުގެ ހިތަށް ކުޑަހިނދުކޮޅަަށް ވެސް އެރި ސުވާލެއް ނޫން. އަސަރުކުރި. ރޮވުން. ކެއިންބުއިމަކީ އުނދަގޫ ކަމަކަށްވި," އަނީގާ ބުންޏެވެ.
އޭނާ ގަބޫލުކުރާގޮތުގައި ކެންސާ ކެއާގިވާއަކަށް އުޅެން އޭނާއަށް މެދުވެރިކުރެއްވީ ތަޖުރިބާތަކެއްލިބުމަށެވެ. އޭގެ އަލީގައި ކެތްތެރިކަމާއެކު އާއިލާއަށް އެ ދިމާވި ކެންސަރުގެ ދަތުރާ ކުރިމަތިލުމަށްް ތައްޔާރުކޮށްދިނުމަށެވެ.
"މުސްތަގުބަލް ކިތަންމެ ބަނަކޮށް އަލުގަނޑަށް ފެނުނު ކަމުގައި ވީނަމަވެސް ސަބަބުގައި ހިފާ الله އަށް ވަކީލުކޮށް އިރާދަފުޅާއެކު ކުރިއަށް ދިއުމުގެ ހިތްވަރު ލިބުނު. ޝިފާދެއްވުމަށް އެދި الله ގެ ހަޟްރަތުގައި ދުއާ ދަންނަވައި ކުރިއަށް ދިޔައީ, ފަރުވާގެ ނަތީޖާ އެއީ އަޅުގަނޑުމެންގެ އަތްމަތީގައިވާ ކަމެއް ނޫން ކަން ދެނެހުރެ,"
އަނީގާ ބުނީ ކެންސަރު އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިކަމަށެވެ. އަދި ކެންސަރު އޭނާގެ ހަޔާތުގެ މިސްރާބު ބަދަލުކޮށްލިކަމަށެވެ.
ނަސްރާ މުހައްމަދު: ކެންސަރަކީ ލިބުނު ހަދިޔާއެއް
ނަސްރާއަކީ ކެންސަރުގެ ވޭން ތަހައްމަލު ކުރި ހިތްވަރުގަދަ މީހެކެވެ. ނަސްރާ ބުނީ އޭނާއަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަށް ކެންސަރު ޖެހުނީ ޑިޕްރެޝަނަށް ބޭސްކުރަމުން ދަނިކޮށް ކަމަށެވެ.
"ކެންސަރު ހުރިކަން އެނގުނު ހިސާބުން އެކި ދިމާލުން އިވެމުން ދިޔައީ ބިރުވެރިކަން އުފެއްދި ވާހަކަތަކެއް. އިވެމުން ދިޔައީ ކެންސަރު ބައްޔަކީ މަރުބައްޔެއް ކަަމަށް. އަދި އަހަރެންގެ ކުރު އުމުރު ހޭދަކުރަން ޖެހެނީ ބަލީގެ ވޭނުގައި ކަމަށް," ނަސްރާ ބުންޏެވެ.
" ސްޓޭޖު ހަތަރެއްގެ ކެންސަރު ޖެހިފައި ހުރުމަކީ އަހަރެންގެ އަޖަލުހަމަވީ ކަމުގައި ބަލަންވީ ހެއްޔެވެ. އެއަށްވުރެ އަހަރެންގެ އަޒުމާއި ކެތްތެރިކަން އިރާދަކުރެއްވީތީ މާވަރުގަދަ. ފަރުވާއާ މެދު ކަންބޮޑެއް ނުވޭ,"
ނަސްރާ ގަބޫލުކުރަނީ ކެންސަރަކީއޭނާއަށް ލިބުނު ހަދިޔާއެއް ކަމުގައެވެ. އަދި އެއީ އޭނާގެހަޔާތަށް ލިބުނު އަލިކަމެއް ކަމަށެވެ. އަދި ކެންސަރު އޭނާގެ ދިރިއުޅުން އެކޮޅުކޮޅުން ޖަހާލައި, ކުރިއަަށްވުރެ ހިތްވަރު ގަދަ, ކެތްތެރި މީހަކަށް އޭނާ ހަދައިދިނީ ކެންސަރުކަމަށް އޭނާ ގަބޫލުކުރެއެވެ.
ނަސްރާ މުހައްމަދު ... ފޮޓޯ: ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
މުހައްމަދު ރާޝިދު: ކެންސަރު އަހަރެންގެ ވިސްނުން ފުރިހަމަ އިންސާނީ ވިސްނުމަކަށް ތިރިކޮށްލާ
ރާޝިދު ބުނީ އޭނާ އެންމެ ފުރަތަމަ ކެންސަރާއި ކުރިމާތިލީ ދެބެންގެ ދެދަރި ކުއްޖަކަށް ލޭގެ ކެންސަރު ޖެހުމުންކަމަށެވެ. ރާޝިދަކީ ކެންސަރުގެ ހިތިކަން އެކި ގޮތްގޮތުން ތަހައްމަލުކުރި މީހެކެވެ. އޭނާގެ ލޯބިވާ އަނބިމީހާގެ ބައްޕަ އާއި މަންމަ ވެސް ކެންސަރު ބަލީގައި ދުނިޔެ ދޫކުރިއެވެ. އެންމެ ފަހުން ރާޝިދު ވެސް ކެންސަރަށް ފައްސިވެ, އޭގެ ވޭން ތަހައްމަލު ކުރަން ޖެހުނެވެ. އެއީ 2023 ވަނަ އަހަރުގައެވެ.
'އަޅުގަނޑުގެ އޮޕަރޭޝަނާއި ފަރުވާއަށް ފަހު މާލެ އައިސް ކެންސާ ސޮސައިޓީއާ ގުޅުނީ. އެތަކެއް ބައްދަލުވުންތަކަށްފަހު މިއަދު މިވަނީ ދިރިއުޅުން ގާތްގަނޑަކަށް ވަރަށް ބޮޑަށް ބަދަލުވެފަ. ކުރިން ނިދަން ބޭނުންކުރި މެޝިން މިހާރު ބޭނުންކުރާކަށް ނުޖެހޭ," ރާޝިދު ބުންޏެވެ.
ރާޝިދު ގަބޫލުކުރާގޮތުގައި ކެންސަރުގެ ސަބަބުން އޭނާގެ ވިސްނުމަށް ވަަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަދި ކެތްތެރިކަން ވެސް އިތުރުވިއެވެ.
އޭނާ ބުނީ ދުއާ ކުރެވޭ ކޮންމެ ފަހަރަކު ހުރިހާ ބަލި މީހުން އޭނާގެ ދުއާގައި ޝާމިލްކުރެވެން ފެށުނު ކަމަށެވެ. އަދި އެންމެނަށް ވެސް ހެޔޮ އެދެވޭކަމަށާއި ދިރިއުޅެން ދަސްވި ކަމަށެވެ. އޭގެ އިތުރުން ރާޝިދު ބުނީ އޭނާއަށް ލިބިފައި ހުރި ނިއުމަތްތަކަށް އަބަދާއި އަބަދު ޝުކުރުވެރިވެވޭ ކަމަށެވެ.
"މިއީ ދައްކާކަށް ވެސް އަޑުއަހާކަށް ވެސް ފަސޭހަ ވާހަކަތަކެއް ނޫން. އެކަމަކު ދައްކަންޖެހޭ, އަޑު ވެސް އަހަންޖެހޭ ވާހަކަތަކެއް," ރާޝިދު ބުންޏެވެ.
"އެހެން މީހެއްގެ މިފަދަ ވާހަކަތަކުގެ އަޑުއިވޭ ކޮންމެ ފަހަރަކީ އަހަރެންގެ ވިސްނުން ފުރިހަމަ އިންސާނީ ވިސްނުމަކަށް ތިރިކޮށްލާ ފަހަރެއް. ހަމަ ކޮންމެ ފަހަރަކީ އަހަރެންގެ ލޮލުން ކަރުނަ ފާއްދާލާ ފަހަރެއް," ރާޝިދު ބުންޏެވެ. މުހައްމަދު ރާޝިދު... ފޮޓޯ: ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް