354 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަ ތަހުގީގު ކުރަން ބެލިއިރު، ލިޔުންތައް ގެއްލިއްޖެ

ޢާލިމް އަބްދުއްލަތީފް

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލުހުންގެ ފްލެޓްތައް
SHARE
ހުޅުމާލޭގައި ފުލުހުންނަށް ޚާއްސަކޮށްގެން ފްލެޓް އެޅުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަން ބެލިއިރު، އެ މައްސަލައިގެ އެންމެ މުހިންމު ލިޔުންތައް ގެއްލިއްޖެއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއެވެ.
އެ މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފަށާފައެވެ. ތަހުގީގަށް ބޭނުންވާ ލިޔުންތައް ހޯދުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ އޮފީހަށް މި މަހުގެ ތިން ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ވަދެފައެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ ޕޮލްކޯގެ އޮޑިޓް ހެދުމަށްޓަކައި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރުމުން އެކަމާ ގުޅޭ މުހިންމު ލިޔުންތައް ގެއްލިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އެ ލިޔުންތައް ގެއްލިފައި ވަނީ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ޕޮލްކޯގެ ވެރިން މައުލޫމާތު ދީފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
.png&w=3840&q=75)
އެހެންވީމާ ހަގީގަތުގައި އަޅުގަނޑުމެންނަށް ބިޑު ކުރުމާއި އިވޭލުއޭޓްކުރުމުގެ ކަންތައް ގޮސްފައި އޮތް ގޮތެއް އެންމެ ރަނގަޅަކަށް ނެތް ސާފުވާކަށް
ނިޔާޒީ ވިދާޅުވީ އޮޑިޓް ނިމުނު ފަހުން އެކަމާ ގުޅޭ ބައެއް ލިޔުންތައް ފުލުހުން ހިއްސާކުރި ކަމަށެވެ. ނަމަވެސް އެ ލިޔުންތަކުން ވެސް ބިޑް ކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތް ސާފުނުވާ ކަމަށް ވިދާޅުވިއެވެ.
ޕޮލްކޯއިން 2013 ވަނަ އަހަރު ހިންގި އެ މަޝްރޫއުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެން ޕޮލްކޯއިން 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ 13 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ހަވާލުކުރީ 580 މިލިއަން ރުފިޔާއަށެވެ. އެކަމަކު އެ މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް އޮފީހުން ލަފާކުރާގޮތުގައި އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާ އާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އިތުރަށް ޚަރަދުވެފައިވެއެވެ.
އެ ފްލެޓްތައް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑިއާއެވެ. އިއުލާންނުކޮށް އަދި ޓެންޑާ ވެސް ކުރުމެއްނެތި ނޫމަޑިއާ ހަވާލުކުރުމަށްފަހު ފަހުން ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އެ މަޝްރޫއުގެ ސަބަބުން ދައުލަތަށް ފައިދާވުމުގެ ބަދަލުގައި ފައިދާވީ އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަދި ނޫމަޑީގެ ރިޕްރެޒެންޓޭޓަރަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.