ހުވަން ލޯންޗު ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކުރި ފުލުހުންނަށް ސީޕީ ޝުކުރު އަދާކޮށްފި

މަރްޔަމް މާޙީ

SHARE
އިއްޔެ ހެނދުނު ދިގުރަށުން މާލެއަށް ދަތުރު ކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން ކަނޑުވި މީހުން ސަލާމަތްކުރުމަށް ހިންގުނު އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ގުޅުއްވައި ޝުކުރު އަދާކުރައްވައިފިއެވެ.

ފުލުހުން ބުނީ މަހިބަދޫ އާއި ދިގުރަށާ ދެމެދަށް ލޯންޗު އަޑިއަށް ދިޔަކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 7:57 ގައި ކަމަށެވެ. އެ ލޯންޗުން ދަތުރުކުރީ 45 ޕަސެންޖަރުންގެ އިތުރުން ތިން ފަޅުވެރިންނެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ވެސް ހިމެނެއެވެ.
ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ކޯލުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުންކަމުގައިވާ އިސްމާއީލް ނަވީން އަދި ފަރުހާދު ފިކުރީ ވެސް ބައިވެރިވިއެވެ.
ކޮމިޝަނާ ޝުޖާއު ވަނީ ރޯދަ މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވައި އެ މަސައްކަތާމެދު ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ އެ އޮޕަރޭޝަނަކީ ވަރަށް ނާޒުކު އޮޕަރޭޝަނެއްކަން ފާހަގަކުރައްވައި ވިދާޅުވީ, އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެ ފުލުހުންގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއްކަމުގައެވެ.
.png&w=3840&q=75)
މީގެއިތުރުން ޑެޕިއުޓީ ކޮމިޝަނާ އިސްމާއީލް ނަވީން ވަނީ ލޯންޗުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނުކަން ފާހަގަކޮށް, މި އޮޕަރޭޝަންގެ ކޯޑިނޭޝަން ވަރަށް ރަނގަޅުކަމަށް ބުނެ މަސައްކަތަށް ތައުރީފުކުރެއްވިއެވެ.
އަދި މި އޮޕަރޭޝަންގައި އެ މީހުން އަނބުރާ ދިގުރަށަށް ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑާ އެ ބޭފުޅުންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.
