މީހެއްގެ ގަޔަށް ކުލަ ފާޓާ އެއް އަޅައިލި މައްސަލަ ފުލުހުން ބަލަން ފަށައިފި

މަރްޔަމް މާޙީ

SHARE
ކ. މާފުށީގައި ކޮފީފުޅިތަކެއް ވަގަށް ނެގި ކަމަށް ބުނެ މީހެއްގެ ގަޔަށް ބަޔަކު ކުލަ ފާޓާއެއް އެޅި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަ ގޮތުން މީހަކަށް ވައްކަން ކުރިކަމުގެ ތުހުމަތު އަޅުވައި އެމީހާ މަގުމައްޗަށް ނެރެ, އަމިއްލަ ގައިގައި ކުލަ ހާކަން މަޖުބޫރު ކުރުވާ މަންޒަރު ފެނެއެވެ. އަދި ކުލަ ހާކަމުން ދަނިކޮށް މީހަކު އައިސް އޭނާގެ ގަޔަށް އެ ކުލަ ފާޓާ އަޅައިލާ މަންޒަރު ފެނެއެވެ. އަދި އޭނާ މޫދަށް ގޮސް ގޮނޑުދޮށުގައި އިނދެ ގައިން ކުލަ ދުއްވަން މަސައްކަތް ކުރަނިކޮށް ފުލުހުން އައިސް އޭނާ ހައްޔަރުކުރިއެވެ.
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން.ވެސް ވަނީ މި އަމަލާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝާން (އެޗްއާރުސީއެމް) އިން ވެސް ވަނީ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގަން އެދިފައެވެ. އަދި ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން އެކަންކަން ބެލުމަސް ވެސް އެޗްއާރުސީއެމުން އިލްތިމާސް ކޮށްފައިވެއެވެ.
ފުލުހުން އަންނަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.