SHARE
ރަމަޟާން މަހަކީ ނަފްސު އިސްލާހުކޮށް، ރޫހާނީ ގޮތުން އާރޯކަން ހޯދުމުގެ މުހިންމު މައްސަރެކެވެ. މި މަހުގައި ކެއިންބުއިމުން ދުރުހެލިވެ، އަޅުކަމަށް ހާއްސަ ސަމާލުކަމެއް ދެވޭއިރު، މި މާތް މައްސަރަކީ ސިނގިރޭޓު ބުއިން ފަދަ ހަށިގަނޑަށް ގެއްލުންދެނިވި އާދަތަކުން މިންޖުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން 2022 ވަނަ އަހަރު ޝާއިއުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ދިވެހިރާއްޖޭގައި 15 އަހަރުން މަތީގެ އާބާދީގެ 26.6 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. މީގެ ތެރެއިން ފިރިހެނުންގެ ނިސްބަތް 43.6 އިންސައްތައަށް އަރާއިރު، އަންހެނުންގެ ނިސްބަތް 3.7 އިންސައްތައިގައި ހުރިކަން ފާހަގަކުރެވެއެވެ.
މި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ދުންފަތުގެ ވަބާއަކީ އަޅުގަނޑުމެންގެ ޤައުމުގައިވެސް ފުޅާވަމުންދާ މައްސަލައެކެވެ. އެހެންކަމުން، މި ނުރައްކާތެރި އާދައިން ދުރުހެލިވުމަށް މިއަހަރުގެ ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރެވޭތޯ ބަލާށެވެ.
ސައިންޓިފިކް ދިރާސާތަކުން ހާމަކޮށްދޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މީހާގެ އުމުރު ކުރުކޮށްލުމުގެ އިތުރުން، ދިރިއުޅުމުގެ ފެންވަރަށްވެސް ނޭދެވޭ އަސަރުކުރާ ކަމެކެވެ. އަދި މީގެ ސަބަބުން ކެންސަރު، ހިތުގެ ބަލި، އަދި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވެގެންދެއެވެ.
ރޯދަހިފުމުގެ އެންމެ މުހިންމު އެއް ފައިދާއަކީ އިންސާނާގެ ސުލޫކާއި އަޚްލާގަށް އަންނަ އެދެވޭ ބަދަލުތަކެވެ. މީގެއިތުރުން، އިންސާނާގެ ހަށިގަނޑަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އަމާނާތެއް ކަމުގައިވާތީ، ދުންފަތުގެ އިސްތިޢުމާލު ފަދަ ގެއްލުންދެނިވި އަމަލުތަކުން ދުރުހެލިވުމަށް ކީރިތި ގުރުއާނުގައި އަމުރުކުރައްވާފައިވެއެވެ.
.png&w=3840&q=75)
ﷲ ތަޢާލާ ދެއްވާފައިވާ ހަށިގަނޑު ރައްކާތެރިކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި، ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ:
وَأَنْفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ وَأَحْسِنُوا ۛ إِنَّ اللَّهَ يُحِبُّ الْمُحْسِنِي
މާނައީ: ﷲ ގެ މަގުގައި ތިއަބައިމީހުން ހޭދަކުރާށެވެ! އަދި ތިއަބައިމީހުންގެ އަތްތަކުން ތިއަބައިމީހުންގެ ނަފްސްތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ! އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 195)
މި އާޔަތުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ އަމިއްލަ ނަފްސަށް ގެއްލުންދޭ ކަންކަމުން ދުރުހެލިވެ، ހެޔޮކަންތައްތައް ކުރުމަށެވެ. އެހެންކަމުން، ރަމަޟާން މަހުން ލިބޭ. ފުރުސަތުގެ ބޭނުން ހިފައި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުބައި އާދަތަކުން ދުރުހެލިވެ، ހަށިގަނޑާއި ރޫޙު ދުޅަހެޔޮކަމާއެކު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ސިނގިރޭޓަށް ދެވިހިފާފައިވާ މީހުން އޭގެ އިސްތިޢުމާލު ހުއްޓާލުމުން ރުޅިއައުމާއި ކެތް މަދުވުން ފަދަ އަލާމާތްތައް ފެނުމަކީ އާންމު ކަމެކެވެ. މި ކަންކަމާ ކުރިމަތިލުމަށް އެންމެ މުހިންމު ކަމަކީ އަމިއްލަ ހިތްވަރާއި އަޒުމެވެ. ހަނދާންބަހައްޓަންވީ ކަމަކީ، ސިނގިރޭޓު ބޯން ބޭނުންވާ އިހުސާސް ދެމިގެންދަނީ އެވްރެޖްކޮށް ފަސް މިނެޓު ވަންދެން ކަމެވެ.
ރޯދަވީއްލުމަށްފަހު ސިނގިރޭޓު ބުއިމަށް އާދަވެފައިވާ ނަމަ، ރޯދަވީއްލާ ނިމުމުން ވަގުތުން މަޣްރިބު ނަމާދު އަދާކުރުމަށް މަސައްކަތްކުރާށެވެ. އަޅުކަމުގައި ވަގުތު ހޭދަކޮށް، ނަފްސު މަސްއޫލުކުރުމަކީ ސިނގިރޭޓު ބުއިމުގެ ވިސްނުމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ސިނގިރޭޓު ބޯހިތްވާކަމުގެ އިހުސާސްވާ ހިނދު، އޭގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި އެއްޗެއް ބޭނުންކުރެވޭތޯ ބަލާށެވެ. މިސާލަކަށް ސިނގެރޭޓުގެ ބަދަލުގައި ޗުއިންގަމް ކެއުން ނުވަތަ މޭވާފަދަ ފައިދާހުރި ކާއެއްޗެއް ކާލާށެވެ. މީގެއިތުރުން،
ދުންފަތުގެ އިސްތިއުމާލުކުރުމުން އަމިއްލަ ނަފްސަށާއި އާއިލާއަށް ކުރިމަތިވެދާނެ ގެއްލުންތައް ހަނދާންކޮށްދިނުމަކީ މި ނުބައި އާދައިން އަރައިގަތުމަށް ލިބޭ ހިއްވަރަކަށް ވާނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ކުރެވޭ މަސައްކަތުގައި ކެތްތެރިކަމާއި އަޒުމާއެކު ދެމިހުރުމަކީ މުހިންމު ކަމެކެވެ. އަދި މިކަމުގައި އާއިލާއާއި އެކުވެރިންގެ އެހީތެރިކަން ހޯދުމަކީ މިކަމުން އަރައިގަތުމަށް ފަސޭހަ ވާނެ ކަމެކެވެ.
ރަމަޟާން މަހުގެ ބަރަކާތްތެރިކަމާއި ރޫޙާނިއްޔަތުގެ ބޭނުންހިފައި، އަޅުގަނޑުމެންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމާ ހިނގާށެވެ.
މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަމިއްލަ ނަފްސަށާއި މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ދިރިއުޅުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.