ގިނަ ގައުމުތަކަށް ހަނދު ނުފެނުނު ނަމަވެސް، ސައުދީން އީދު އިއުލާނުކުރުމުގެ ފުރުސަތު އެބައޮތް
ސައިފުﷲ އަލީ

ހުޅެވި ހަނދެއް -- ދުނިޔޭގެ ގިނަ ގައުމުތަކަށް މިއަދުގެ ހަނދު ނުފެންނާނެ
SHARE
މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ މަސައްކަތް އިސްލާމީ ގިނަ ގައުމުތަކުން މިއަދު ފަށާއިރު، ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކަށް މިއަދުގެ ހަނދު ފެނުމަކީ ނާދިރު ކަމެކެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ޝައްވާލު މަހުގެ ހަނދު އުފަންވަނީ ރާއްޖެ ގަޑިން މިއަދު މެންދުރުފަހު 15:57ގައެވެ.
އާ ހަނދު އުފަންވާ ކަމަށް ބަލަނީ ދުނިޔެ ވަށާ ހަނދު ޖަހާ ބުރުތަކުގެ ތެރެއިން ބުރެއް ފުރިހަމަކޮށް، އިރާއި ދުނިޔެއާއި ދެމެދަށް ހަނދު ވަދެ، ހަނދުގެ އަލިކަން އެއްކޮށް ގެއްލޭ ވަގުތުން ފެށިގެންނެވެ. ދުނިޔޭގައި ހުންނަ މީހެއްގެ ނަޒަރުން ވިސްނާނަމަ، އިރާއި ހަނދު އެ ވަގުތު ދަތުރު ކުރާނީ އެކުއެކީއެވެ.
މިއަދުގެ އިރު ރާއްޖެ ގަޑިން 18:14ގައި މާލެއަށް އޮއްސޭއިރު، އާ ހަނދު އުފަންވުމަށް ފަހު އިރު ފަހަނައަޅާ ނުދާނެއެވެ. އެހެންކަމުން، އިރާއި ހަނދު މިއަދު ރާއްޖެއަށް އޮއްސޭނީ އެއް ގަޑިއަކަށެވެ.
މާލެއަށް މިއަދު އިރާއި ހަނދު އުދަވެ، އޮއްސޭނެ ގޮތް ފެންނަ ޗާޓެއް
.png&w=3840&q=75)
ރާއްޖޭގެ އިރުމައްޗަށް ހުރި ގައުމުތަކަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެއެވެ. ރާއްޖޭގެ ހުޅަނގަށް ހުރި، މެދުއިރުމައްޗާއި، ޔޫރަޕް އަދި އުތުރު އެފްރިކާގެ ގައުމުތަކަށް އިރު އޮއްސުމަށް ފަހު، ވަގުތުކޮޅަކަށް ހަނދު ފެނުން މަތީ ހުންނާނެއެވެ.
އެގޮތުން، ސައުދީ އަރަބިއްޔާގެ ރިޔާޒަށް މިއަދުގެ ހަނދު އޮއްސޭނީ އިރު އޮއްސުމަށް ފަހު އަށް މިނެޓު ފަހުންނެވެ. އަދި، މޮރޮކޯގެ ރަބާތަށް ހަނދު އޮއްސޭނީ އިރު އޮއްސުމަށް ފަހު 20 މިނެޓު ފަހުންނެވެ. (މޮރޮކޯއިން ރޯދަމަސް ފެށީ މީލާދީގޮތުން މާޗު މަހުގެ ދެވަނަ ދުވަހު ކަމުން، އެ ގައުމުގައި ހަނދު ބަލާނީ މާދަމާއެވެ.)
ނަމަވެސް، އެ ހުރިހާ ގައުމުތަކަށް އިރު އޮއްސޭއިރު، ހުޅެވި ހަނދު ހުންނާނީ ވަރަށް ޅަ ކޮށެވެ. އެހެންކަމުން، ހަނދު ފާޅުވުމަށް ބޭނުންވާވަރުގެ އައްޔެއް ހަނދުގައި ނުހުންނާނެއެވެ. ސައުދީ އަށް އިރު އޮއްސޭއިރު، ހަނދުގެ އުމުރުން އަދި ފާއިތުވެފައިވާނީ އެންމެ ފަސް ގަޑިއިރެވެ. އެހެންކަމުން މިއަދުގެ ހަނދު ޓެލެސްކޯޕުން ބަލައިގެން ވެސް ސައުދީީއަށް ފެނުމަކީ މުސްތަހީލު ކަމެއް ކަމަށް ބައެއް ފަލަކީ އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ފަހުދު ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އަފްނާން އަލް މަލްހަމް މިއަދު ވިދާޅުވި ގޮތުގައި އެ ގައުމަށް މިއަދުގެ ހަނދު އެއްވެސް ގޮތަކުން ފެނުމަކީ މުސްތަހީލު ކަމެކެވެ.
އިނގިރޭސި ސަރުކާރުގެ ފަލަކީ އިދާރާ "ހިޒް މެޖެސްޓީސް ނޯޓިކަލް އަލްމަނަކް އޮފީސް" އިން އާންމުކޮށްފައިވާ ހިސާބުތަކުން ވެސް ދައްކާ ގޮތުގައި ޓެލެސްކޯޕުގެ އެހީއާ އެކުގައި ވެސް، ދުނިޔޭގެ ގިނަ ހިސާބުތަކަށް މިއަދުގެ ހަނދު ނުފެންނާނެވެ. ހަނދު ފެނުމުގެ ފުރުސަތު އޮތީ އުތުރު އެމެރިކާ ބައްރުގެ އެންމެ ހުޅަނގު ހިސާބުތަކަށެވެ. އަދި ޕެސިޕިކް ކަނޑުން ޑޭޓް ލައިންއާއި ކައިރިން، އެންމެ އިރުއުތުރަށްވާ ސަަރަހަށްދަށެވެ.
މިއަދުގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ގައުމުތައް ދައްކުވައިދޭން އިނގިރޭސި ވިލާތުގެ ފަލަކީ އިދާރާއިން އާންމުކުރި މެޕް
ޔޫއޭއީގެ އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރުން އާންމުކޮށްފައިވާ ރިޕޯޓުގައި ވެސް ބުނެފައިވާ ގޮތުން، މެދު އިރުމައްޗަށް މިއަދުގެ ހަނދު ފެނުމަކީ މުސްތަހީލު ކަމެކެވެ.
ކަން މިހެން ހުރި ނަމަވެސް، ސައުދީ ސަރުކާރުން މާދަމާ އަކީ އީދު ކަމަށް ކަނޑައެޅުމުގެ ފުރުސަތުު ވަރަށް ބޮޑެވެ. ފަލަކީ ހިސާބުތަކަށް ބިނާކޮށް ސައުދީން އެކުލަވާލާ އުންމުލް ޤުރާ ކަލަންޑަރުގައި ފިތުރު އީދުގެ ގޮތުގައި ކަނޑައަޅާފައިވަނީ މާދަމާއެވެ.
މި ފަހަކަށް އައިސް ސައުދީން ވަނީ މިފަދަ ހާލަތްތަކުގައި އެ ގައުމުން ކަލަންޑަރު އެކުލަވާލާފައި އޮންނަ ގޮތަށް ދުވަސްތައް އިއުލާނު ކުރުމުގެ އުސޫލެއް ހިފަހައްޓާފައެވެ. އެގޮތުން، 1444/ 2023 ވަނަ އަހަރުގެ ފިތުރު އީދުގެ ހަނދު ފެނުނު ކަމަށް ސައުދީން އިއުލާނު ކުރީ ވެސް ގިނަ ފަލަކީ އިލްމުވެރިން އެ ދުވަހު ހަނދު ނުފެންނާނެ ކަމަށް ބުނެފައި ވަނިކޮށެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޙައްޖު މަސް ފެށުނު ކަމަށް އެގައުމުން އިއުލާނުކޮށްފައިވަނީ ވެސް އެފަދަ ހާލަތެއްގައެވެ. އަދި، މިފަދަ ހާލަތްތަކުގައި ރާއްޖެއާއި، މެދުއިރުމަތީގެ ބައެއް ގައުމުތަކުން އަމަލުކޮށްފައިވާ ތަން ފެންނަން އޮތީ ސައުދީގެ ނިންމުމާ އެއްގޮތަށެވެ.
އުންމުލް ޤުރާ ކަލަންޑަރުގައި މާދަމާ އަކީ އީދު ކަމަށް ކަނޑައަޅާފައިވަނީ އެ ގައުމަށް މިއަދުގެ އިރު އޮއްސުމަށް ފަހު ހަމަ ލޮލަށް، އަދި ޓެލެސްކޯޕަށް ވެސް ހަނދު ފެނުމުގެ ފުރުސަތެއް ނެތް ނަމަވެސް، ހަނދު ފެނުން މަތީގައި ހުންނާނެތީއެވެ.
އެހެންކަމުން ރާއްޖެއަށް ވެސް މިއަދުގެ ހަނދު ފެނުމުގެ ފުރުސަތު ނެތް ނަމަވެސް، މާދަމާއަކީ އީދު ކަމަށް ކަނޑައެޅުމުގެ ފުރުސަތެއް އެބައޮތެވެ.