logo

ވަޒީފާގެ މާހައުލުގައި ސްޓްރެސްވާނަމަ ކުރަންވީ ކަންކަމަކީ މިއީ

ފާތިމަތު ސާނިހާ

18 މާރިޗު 2025 - 23:00
ވަޒީފާގެ މާހައުލުގައި ސްޓްރެސްވާނަމަ ކުރަންވީ ކަންކަމަކީ މިއީ

SHARE

ވަޒީފާގެ މާހައުލުގައި ސްޓްރެސް ނުވަތަ ހާސްކަމަކާއި ކުރިމަތިލާންޖެހުމަކީ ކޮންމެ މުވައްޒަފަކަށް ވެސް ތަޖުރިބާކުރެވިފައިވާނެ ކަމެކެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ނަފްސާނީ ޕްރެޝަރަކީ ހަމައެކަނި މަސައްކަތުގެ ބުރަ ބޮޑުވުމުގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. މިއީ އަހަރެމެން ހީކުރާ ވަރަށްވުރެ މާ ބޮޑު މައްސަލައެކެވެ.

މާހައުލުގައި ކުރިމަތިވާ ނަފްސާނީ ޕްރެޝަރުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުން އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް މަގުފަހިވެއެވެ. އެހެންކަމުން، އަހަރެމެން ވަޒީފާގެ މާހައުލުގައި ސްޓްރެސްވެ، ހާސްވާ ދުވަސްތަކުގައި އެކަމުން އަރައިގަތުމަށް ބޭނުންކުރެވިދާނެ އުކުޅުތަށް ދަސްކުރުން މުހިއްމެވެ.

އެމްޕްލޯއީ ބެނެފިޓްސްގެ ޚިދުމަތްދޭ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޕާކްބޮކްސް އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ވަޒީފާގައި އުޅޭ އިނގިރޭސިވިލާތުގެ ޒުވާނުންގެ ތެރެއިން 79 އިންސައްތަ މީހުންނަށް އާންމުގޮތެއްގައި މަސައްކަތާ ގުޅުންހުރި ސްޓްރެސް ކުރިމަތިވެއެވެ. އަދި އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ސްޓްރެސް އުފެދޭ އެންމެ ބޮޑު ސަބަބަކީ ވެސް މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަން ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މި ދިރާސާއިންވެސް ހާމަވެގެން ދަނީ ދުނިޔޭގެ ފެންވަރުގައިވެސް "ވޯރކްޕްލޭސް ސްޓެރްސް" ނުވަތަ ވަޒީފާގެ މާހައުލުގައި ނުތަނަވަސްވުން އެއީ ބޮޑު މައްސަލައެއް ކަމެވެ.

މަސައްކަތުގެ މާހައުލުގައި ނަފްސާނީ ފިއްތުންތަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން، މުވައްޒަފުންގެ އުފެއްދުންތެރިކަން ދަށްވެ، ވަޒީފާއާ މެދު ނުރުހުން އުފެދެއެވެ. އެހެންކަމުން، އެފަދަ މައްސަލަތައް އުފެދޭ ސަބަބުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، މަސައްކަތުގެ މާޙައުލުގައި ނަފްސާނީ ފިއްތުން އުފެދެނީ މުސާރައާ އެކަށީގެންނުވާ ވަރަށް މަސައްކަތުގެ ޒިންމާތައް ހަވާލުކުރުން، ވަޒީފާގެ ކުރިއެރުން (ޕްރޮމޯޝަން) ނުލިބުން، އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުން އަދި މަސައްކަތުގެ މާޙައުލުގައި ފުރައްސާރަކުރުންފަދަ ކަންކަމުގެ ސަބަބުންނެވެ.

ތިރީގައި މި ހިމަނާލަނީ ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

1. އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ދެމެދުގައި ބެލެންސެއް ގެންގުޅުން

މަސައްކަތުގެ ޒިންމާތަކާއި އަމިއްލަ ދިރިއުޅުމުގެ ވަގުތު ވަކިކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މަސައްކަތު ދުވަސް ނިމުމަށްފަހު، އަމިއްލަ ނަފްސަށާއި އާއިލާއަށް ވަގުތު ކަނޑައެޅުމަށް ހާއްސަ އަހައްމިއްޔަތެއް ދޭށެވެ.

/

ޒަމާނީ ޓެކްނޮލޮޖީ އާއެކު، ކޮންމެ ވަގުތެއްގައިވެސް މަސައްކަތުގެ މުއާމަލާތްތަކަށް ވާސިލުވެވޭ ގޮތް ފަހިވެފައި ވުމަކީ ވަޒީފާގެ ނަފްސާނީ ފިއްތުން އިތުރުވާ ކަމެކެވެ. އެހެންކަމުން، މަސައްކަތު ގަޑި ނިމުމަށްފަހު ގޭގައި ހޭދަކުރާ ވަގުތުތަކުގައި މަސައްކަތުގެ އީމެއިލްތައް ބެލުމުން ދުރުހެލިވެ އާއިލާއާއެކު ހޭދަކުރާވަގުތުގައި މަސައްކަތުގެ ފޯނު ކޯލްތަކަށް ޖަވާބުދިނުމުން ދުރުހެލިވާށެވެ.

ކޮންމެހެން ގޭގައި ހުރެގެން މަސައްކަތެއް ކުރަންޖެހޭނަމަ، އެކަމަށް ވަކި ވަގުތެއް ކަނޑައެޅުމަކީ މުހިންމުކަމެކެވެ. އެކި މީހުން މަސައްކަތާއި އާއިލީ ޒިންމާތައް އެއްކޮށްލުމުގައި ގެންގުޅޭ އުސޫލުތައް ތަފާތުވި ނަމަވެސް، މި ދެކަމުގެ ދެމެދުގައި ވަކި ހައްދުތަކެއް ކަނޑައެޅުމަކީ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ތެރޭގައި އުފެދޭ ނަފްސާނީ ބުރަ މަދުކޮށްދޭނެ ކަމެކެވެ.

2. ޗުއްޓީގެ ބޭނުން ރަނގަޅުގޮތުގައި ބޭނުންހިފުން

ހަފުތާގެ ބުރަ މަސައްކަތަށްފަހު ވަރުބަލިކަން ފިލުވާލާ، އަލުން ހަކަތަ ލިބިގަތުމަށް އިންސާނާގެ ހަށިގަނޑަށް ވަގުތު ބޭނުންވާނެއެވެ. މިކަން ހާސިލްކުރުމަށްޓަކައި ވަޒީފާއިން ޗުއްޓީ ލިބޭދުވަހު މަސައްކަތާ ގުޅުންހުރި އެއްވެސް ކަމެއް ނުކޮށް ދުވަސް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާށެވެ.

އެގޮތުން މަސައްކަތާމެދު ނުވިސްނާ ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކޮށް، އަމިއްލަ ނަފްސަށް ވަގުތު ދީ، މަސައްކަތަށް އަނބުރާ ނުކުންނަންވާނީ އާ ހިތްވަރަކާއެކު، އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެފަދަ މައިންޑް ސެޓެއްގައެވެ. ޗުއްޓީ ނެގެން ނެތް ހާލަތެއްގައި، މޯބައިލް ފޯނު ނިއްވާލައި، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މަސައްކަތާ ގުޅުމެއް ނެތް ކަންކަމަށް ވަގުތު ހޭދަކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ.

3. ވަޒީފާގެ މާހައުލުގައި ހުންނަ ގޮންޖެހުންތަކާއި މެދު ސުޕަވައިޒަރާއި ވާހަކަދެއްކުން

މުވައްޒަފުންގެ ސިއްހަތަކީ މަސައްކަތުގެ މާހައުލުގައި އުފެއްދުންތެރިކަމާ ގުޅިފައިވާ ކަމެއް ކަމުން މުވައްޒަފުންގެ ދުޅަހެޔޮކަމަށް މަގުފަހިވާ ފަދަ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް މިހާރު ގިނަ ކުންފުނިތަކުން ބާރުއަޅައެވެ. އެހެންކަމުން، ސުޕަވައިޒަރާއެކު ހާމަކަން ބޮޑު މަޝްވަރާއެއް ކުރުމަކީ މުހިންމު ކަމެކެވެ.

އެގޮތުން ވަޒީފާގެ މާހައުލުގައި ދިމާވާ ނަފްސާނީ ބުރަތައް ހައްލުކުރެވޭނެ ރަނގަޅު ޕްލޭނެއް އެކުލަވާލައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެވޭނެ ގޮތްތަކެއް ހޯދާށެވެ. މި ޕްލޭންގައި ވަގުތު ބެލެހެއްޓުމުގެ ހުނަރު ތަރައްޤީކުރުން ފަދަ ކަންކަން ހިމެނިދާނެއެވެ.

މީގެއިތުރުން، އެހެން މުވައްޒަފުންގެ އެހީތެރިކަން ހޯދުމާއި، ޝައުގުވެރި ގޮތަކަށް މަސައްކަތް ބައްޓަންކުރުމާއި، މަސައްކަތްކުރާ ތަނުގެ މާހައުލަށް ބޭނުންވާ ބަދަލުތައް ގެނައުމަކީވެސް މަސައްކަތުގެ ބުރަ ލުއިކޮށްދިނުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

4. ހަމަނިދި ހޯދުން

ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކުގެ ސަބަބުން ރޭގަނޑު އަރާމުކޮށް ނިދުމަށް ދަތިތަކެއް ދިމާވެއެވެ. މިފަދަ ދަތިތަކުގެ ސަބަބުން ނިދި މަދުވެ، އިންސާނާގެ ވިސްނުމާއި މިޒާޖަށް ނޭދެވޭ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ފުރިހަމަ ނިދުމެއް ލިބުމަށްޓަކައި، ކޮންމެ ދުވަހަކުވެސް އެއް ވަގުތެއްގައި ނިދުމަށް މަސައްކަތްކޮށް، އެއް ގަޑިއެއްގައި ހޭލުމަށް އާދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަމައެހެންމެ، ނިދުމުގެ ކުރިން ކެފެއިން އެކުލެވޭ ތަކެތި ބޭނުންކުރުމުން ދުރުހެލިވުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނިދުމުގެ ކުރިން މޯބައިލް ފޯނު، ޓެބްލެޓް އަދި އެހެނިހެން އިލެކްޓްރޯނިކް ސްކްރީންތަކުން ފޮނުވާ ނޫ އަލިން ނިދުމަށް މުހިންމު ހޯމޯން ކަމުގައިވާ މެލަޓޯނިން އުފެއްދުމަށް ހުރަސްއެޅޭތީ، މިފަދަ ވަސީލަތްތައް ބޭނުންކުރުން ވީހާވެސް މަދުކުރަން ޖެހެއެވެ.

މި ނުކުތާތަކާއި އެތްގޮތަށް އަމަލުކުރުމުން ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ ނަފްސާނީ ފިއްތުން ކުޑަކުރެވި، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީވެދެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/