މަސްވެރިކަން ކުރިއަރުވަން މިފްކޯއިން ބޮޑު ލޯނެއް ނަގަނީ
ފާތިމަތު މިޝްކާ

މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު
SHARE
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ހިންގާ ބައެއް މަޝްރޫއުތައް ކުރިއަށްގެންދަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ބޮޑު ލޯނެއް ނަގަން ނިންމައިފިއެވެ.

މިފްކޯއިން ބުނީ އެ ލޯނު ނަގަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)އަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެއްބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ލޯނެކެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ އެހީއާ އެކު 64.65 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދަން އައިޑީބީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 997 މިލިއަނެއްހާ ރުފިޔާއެވެ.
އެ ލޯނުގެ ފައިސާއިން ކުރިއަށްގެންދާނެ ކަންތައްތައް
- ހއ. އިހަވަންދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރުން
- އައްޑޫ ސިޓީގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރުން
- ކަނޑުއޮތްގިރީގައި ހުރި ފެސިލިޓީއަށް 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓެއް ގާއިމުކުރުން
- ފެލިވަރުގައި 250 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރުން
- ކޫއްޑޫގައި 100 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރުން
.png&w=3840&q=75)
އެ ލޯނުން ކުރަން ނިންމާފައިވާ އެހެނިހެން ކަންތައްތަކުގެ ތެރޭގައި މިފްކޯގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ނާޒުކު މަސްވެރިކަމުގެ 10 އަހަރުގެ ބިޒްނަސް ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.
މިހާރު އޮތް މަސް ފިނި ކުރުމުގެ ކެޕޭސިޓީ 25،000 މެޓްރިކް ޓަނަށް މަތިކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިވަގުތު މިފްކޯގައި ހުރި މަސް ފިނިކުރުމުގެ ކެޕޭސިޓީއަކީ 8،500 ޓަނެވެ.