ފަސް ރަށެއްގައި ހޮސްޕިޓަލް އަޅަން އެމްޓީސީސީ އާއި އާރްޑީސީއަށް
ފާތިމަތު މިޝްކާ

ކ. ތުލުސްދޫ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް
SHARE
ފަސް ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީ އާއި އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމަށެވެ. އެއީ ށ. މިލަންދޫ، ކ. ތުލުސްދޫ، އއ. ރަސްދޫ އަދި ގއ. ވިލިނގިއްޔެވެ.
މިލަންދު އާއި ތުލުސްދޫގައި ހޮސްޕިޓަލް އެޅުމަށް ކޮންމެ ހޮސްޕިޓަލަކަށް 110 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ރަސްދުއާއި ވިލިނގިލީ ހޮސްޕިޓަލް އެޅުމަށް ކޮންމެ ހޮސްޕިޓަލަކަށް 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.
މީގެއިތުރުން ނ. ވެލިދޫގައި ހޮސްޕިޓަލެއް އެޅުމަށް ވެސް މިރޭ ވަނީ އާރްޑީސީއާ ހަވާލުކޮށްފައެވެ. ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލް އެޅުމަށް 108 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
.png&w=3840&q=75)
ރޭ ސޮއިކުރި އެއްބަސްވުންތަކުގައިވާގޮތުން މި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމަންޖެހެނީ 2027 ވަނަ އަހަރުއެވެ.
މީގެއިތުރުން ފަސް ރަށެއްގެ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ފެނަކަ ކޯޕަރޭޝަނާއި އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި ވަނީ ބ. ކުޑަރިކިލާއި ގއ. ކޮނޑޭގެ އިތުރުން ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށެވެ. އެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ އެއް އަހަރު ދުވަހެވެ.
އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ހަވާލުކުރީ އާރްޑީސީއާއެވެ. އެ މަސައްކަތް ނިންމަން ދިނީ ވެސް އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ސިއްހީ ޚިދުމަތްދޭނެ އެކަށީގެންވާ ޖާގަހުރި އިމާރާތްތައް ނެތުން ކަމަށެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން އެފަދަ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.