
ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗް ކުޅުނު ސްޓޭޑިއަމްގައި ރާއްޖޭގެ އިޝްތިހާރުތައް ޖަހާފައި
SHARE
އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކްލަބް ކަމަށްވާ ލިވަޕޫލް އެފްސީގެ ޓޫރިޒަމް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން މިރޭ އިފްތިތާހުކޮށްފިއެވެ.

މި ކެމްޕޭން މިރޭ ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި ފޯރިގަދަ މެޗް ކުޅެމުންދިޔަ ސްޓޭޑިއަމްގައި ވަށައިގެން ހަރުކޮށްފައިވާ ޑިޖިޓަލް ސްކްރީންތަކުން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ބެނާތައް ދައްކާފައެވެ.
ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފެށި މި ކެމްޕޭން ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާނެއެވެ.
މި ކެމްޕޭންގެ ސަބަބުން މުޅި ދުނިޔޭގައި ރާއްޖެ ޕްރޮމޯޓްވެގެންދާނެއެވެ. ސަބަބަކީ ލިވަޕޫލް އެފްސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބުމެވެ. އެ ކްލަބްގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުން ތިބެއެވެ. ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސް އެ ކަލްލަބުން ކުޅޭ މެޗްތަކަށް ލިބެއެވެ.
އެމްއެމްޕީއާރްސީން ބުނީ ލިވަޕޫލާއެކު ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވޭކަމަށް އެ ކުންފުނިން ބުނެއެވެ.
.png&w=3840&q=75)
ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗް ކުޅުނު ސްޓޭޑިއަމްގައި ރާއްޖޭގެ އިޝްތިހާރުތައް ޖަހާފައި
އެމްއެމްޕީއާރުސީ އާއި އެލްއެފްސީ ގުޅިގެން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން އައުޓްޑޯ ކެމްޕޭންތަކެއް ފަށަން ވަނީ ނިންމާފައެވެ.
އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އިޝްތިހާރުތަކާއި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރާނެއެވެ.
އެމްއެމްޕީއާރްސީން ބުނީ އެ ކެމްޕެއިންގެ މަގުސަދަކީ އެލްއެފްސީގެ މަގްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުން ކަމަށެވެ.

އެ ކެމްޕެއިންގެ ދަށުން 100އަށް ވުރެ ގިނަ ޓެކްސީތަކާއި ލަންޑަންގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކަން ވަނީ ހަމަޖެހިފައެވެ. އަދި އަންޑަގްރައުންޑްގައި ވެސް އިޝްތިހާރުކޮށް، ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ރީތިކަން ދައްކާލުމަށް ހަމަޖެހިފައިވެއެވެ.