ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން: ރައީސް
ސައިފުﷲ އަލީ

SHARE
ދުއާއަކީ ރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަހްމަތާއި، ނިއުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި އަރަފާތު ދުވަހު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހެނދުނު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން އެދިވަޑައިގެން ދުއާދަންނަވައި ހިއްސާކުރެއްވި މި ޕޯސްޓުގައި، ކޮންމެ ހައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރު ކުރައްވައި، ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަ ކުރެއްވުން އެދި ރައީސް ދުއާ ދަންނަވާފައިވެއެވެ. އަދި އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވައި، ދުނިޔެއާއި އާޚިރަތުގައި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު މިވަގުތު ތިއްބެވީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާގައެވެ.
ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި، އެ ވަފުދުގެ ބައެއް މެންބަރުންގެ އަނބިއަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
.png&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނެވެ.