ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ އިހްތިފާލަކަށް ހެދުމަށް ރައީސް އިލްތިމާސްކުރައްވައިފި
މިރާޝް މޫސާ

SHARE
ކޮންމެ އީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އީދު ދުވަހުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ޚިޠާބުގައެވެ.
ޢީދުގެ ތަޙުނިޔާ ދަންނަވައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައިވެސް އަދި ޚިޠާބުގައިވެސް އެމަނިކުފާނު ވަނީ، ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖްތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ.
"ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާ، ގާތްތިމާގެކަމާ ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާ، ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ހަގީގީ ޒީނަތްތެރިކަމެވެ." އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.
އަޟްހާ އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި، ކުލުނު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުއާދަންނަވާފައެވެ. ހަމަ އެއާއެކު، އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅައިލާ އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން މާތް ނަބިއްޔާ صلى الله عليه وسلم ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
.png&w=3840&q=75)
ރައީސްގެ ޚިތާބު ނިންމަވާލައްވާފައިވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.