މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ހުޅުމާލޭގައި ގަހެއް އިންދައިފި
ސައިފުﷲ އަލީ

SHARE
މިއަދު ރާއްޖެ އައި މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ހުޅުމާލޭގައި ގަހެއް އިންދައިފިއެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގްއެވެ. ކާޖަލް ސިންގް މިއަދު ރާއްޖެ އައިސްފައިވަނީ އިންޑިގޯގެ ފްލައިޓް 6E 1131 ގައި މެންދުރު 12:55 ގައެވެ.
މިއީ ކާޖަލް ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. އޭނާ ރާއްޖެ ޒިޔާރަތްކުރީ ހަނީމޫނަށް މަލަހިނި ކުޑަ ބަނޑޮސްއަށެވެ.
އޭނާ ރާއްޖެއަށް އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ އިތުރުން އެމްއޭސީއެލް ގުޅިގެންނެވެ.
މިއީ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަހަރު ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރެވެ. މިކަން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައެވެ.
.png&w=3840&q=75)
އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ.
ކާޖަލްއަށް ވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވާފައިވާ 'ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ. އެގޮތުން، ކާޖަލް ވަނީ ހުޅުލޭގައި މި ޕްރޮގްރާމްގެ ދަށުން ގަހެއް އިންދާފައެވެ.
މި ހަފްލާގައި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ، އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ކާމިޔާބަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމުގެ ހެއްކެއް ކަމަށެވެ.

"ސިނާއަތުގެ ހުރިހާ މަސްލަހަތުވެރީންނާއެކު މި މުހިންމު ކާމިޔާބީ ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކާމިޔާބީ ހޯދުމުގައި އެބޭފުޅުންގެ ހިތްވަރާ ބުރަ މަސައްކަތް އަގު ނުކުރެވޭހާ މުހިންމު ދައުރެއް އަދާކުރޭ. އަޅުގަނޑުމެންގެ އަޒުމު މިހިސާބުން ނިމުމަކަށް އައީކީ ނޫން. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށާއި، ސަނީ ސައިޑް އޮފް ލައިފް އަކީ އަބަދުވެސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ ފަތުރުވެރިން އެންމެ ދާން ބޭނުންވާ މަންޒިލުގެ ގޮތުގައި ކަށަވަރުކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދާނަން،" ޝިއުރީ ވިދާޅުވިއެވެ.