logo

ގެއްލުނީ މާވަށުގެ ޖަވާހިރެއް, މުޅި ރަށް ހިމޭންކަމުގައި!

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

3 އޭޕްރީލު 2025 - 06:21
ގެއްލުނީ މާވަށުގެ ޖަވާހިރެއް, މުޅި ރަށް ހިމޭންކަމުގައި!

އަލީ މުޝްފިގް ޝަރީފް --

SHARE

“އެ ގެއްލުނީ މާވަށު ހަމައެކަނި 'މީހެއް' ނޫން، އެއީ މާވަށުގެ ޖަވާހިރެއް” މިއީ މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ, ރޭ މާވަށުން ފުރައިގެން މާލެ އައި ބޯޓުން ގެއްލުނު އަލީ މުޝްފިގް ޝަރީފް ސިފަކޮށްދިން ގޮތެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މާވަށުން ފުރައިގެން މާލެއަށް ދަތުރުކުރި އެ ބޯޓުގައި ރޭ ގާތްގަނޑަކަށް 9:07 ހާއިރު ރޯވީ މައުލޫމާތު ލިބޭ ގޮތުގައި ޖަނަރޭޓަރަށް ދިމާވި މައްސަލައެއްގައެވެެ.

އެ ބޯޓުގައި ތިބީ 18 މީހުންނެވެ. އޭގެ ތެރެއިން 17 މީހުން ހެޔޮހާލުގައި ފެނުނުއިރު, މުޝްފިގް ވަނީ ގެއްލިފައެވެ.

މުޝްފިގް ދަތުރުކުރީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއާއެކުގައެވެ. އޭނާގެ ކޮއްކޮއާ ހަވާލާދީ މާވަށު ކައުންސިލްގެ ރައީސް ކިޔައިދެއްވި ގޮތުގައި ބޯޓުގައި ރޯވާން ފެށުމާއެކު ދެ މީހުން ވެސް ލައިފް ޖެކެޓެއް އަތު ޖެއްސިއެވެ. އެހެން ނަމަވެސް, ހަމަ ކުއްލިއަކަށް މުޅި ބޯޓުގައި އަލިފާން ރޯވީއެވެ. އެ ކަމަށް ދެ މިނެޓެއް ހާއިރު ވެސް ނުވާނެއެވެ.

މުޝްފިގްގެ އަތުގައި އޮތް ލައިފް ޖެކެޓް މޫދަށް ފުންމާލަން ދިޔަ އެހެން މީހަކު ދަމައިގަތީ ކަމަށް އޭނާގެ ކޮއްކޮ ކިޔައިދެއެވެ. އަދި ކޮއްކޮގެ އަތުގައި އޮތް ލައިފްޖެކެޓާއެކު ދެ މީހުން މޫދަށް ފުއްމައިލީ އަތުގައި ހިފައިގެން ކަމަށް ކިޔައިދެއެވެެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ނަސީބު ކަންދިމާކުރި ގޮތުން ފުއްމައިލެވުނީ ބޯޓުގެ ވައިދަށް ފަރާތަށެވެ. ބޯޓު ދިޔައީ ގަދަ އޮޔެގައި އެ މީހުންނާ ދިމާއަށް އަންނަމުންނެވެ.މުޝްފިގްއަށް ރަނގަޅަށް ފަތަން ނޭނގުމާއެކު ދިޔައީ ކޮއްކޮގެ ގައިގައި ހިފައި ސަލާމަތްވާން މަސައްކަތްކުރަމުންނެވެ. ކުއްލިއަކަށް ބޯޓު އައިސް ދެ މީހުންގެ ގައިގައި ޖެހެން ކައިރިވުމުން މުޝްފިގްގެ ކޮއްކޮ ބޯޓުގައި ފައި ވިއްދާ ކޮއްޕާލީއެވެ.

އެ ހިސާބުން އޭނާއަށް ބޭބެ ގެއްލުނީއެވެ. އޭގެ ފަހުން ބޭބެގެ ހިލަމެއް ނެތެވެ.

މުޝްފިގް ގެއްލުމުގެ ހިތާމަ މުޅި މާވަށުގައި ވެސް އެބައޮތެވެ. އޭނާގެ ބައްޕައަކީ އެ ރަށު ބޮޑު މިސްކިތު އިމާމެވެ. އަހްމަދު މޫސާ ވިދާޅުވި ގޮތުގައި ފުރަން އޮތް ދުވަހު ވެސް އަސުރު ނަމާދު ޖަމާއަތުގައި ކުރީ މުޝްފިގްއެވެެ.

undefined

/

"އޭނާ ފުރަން އޮތް ދުވަހު ވެސް އަޅުގަނޑުމެން އަސުރު ނަމާދު ޖަމާއަތުގައި ކުރީ އޭނާއާއެކުގައި," އަހްމަދު މޫސާ ވިދާޅުވިއެވެ.

އޭނާއަކީ ތަޖުވީދުގެ ހަމަތަކަށް ރީއްޗަށް ގުރުއާން ކިޔަވާ ޒުވާނެކެވެ. އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރި މީހެކެވެ. މާވަށުގެ އެންމެންނަށް ފަރިތަ މޫނެކެވެ.

މުޝްފިގް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވެސް ދަނީ ކުރަމުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ގާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް އެބަ ކުރާ ކަމަށް ބުނެއެވެ.

މުޅި މާވަށުގައި މިއަދު އޮތީ މޮޅިން މޮޅި ސާލު ލައިފައެވެ. މުޝްފިގް ގެއްލުމުގެ ހިތާމައިގައި ހިމޭންވެފައެވެ. އުންމީދާއެކު މިއަދު ވެސް އެ މީހުން ދުއާކުރަނީ މުޝްފިގް ހެޔޮހާލުގައި ފެނުމަށެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/