ދެ ދުވަސް ތެރޭ ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތްތައް ފޮނުވައި ނިމޭނެ: މިނިސްޓްރީ
މިރާޝް މޫސާ

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް --- ފޮޓޯ: މިހާރު
SHARE
ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ފޮނުވައި ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ ގްރޭޑް 4،5 ގެ ޓެކްސްޓް ފޮތްތައް ފިޔަވައި އެހެން ހުރިހާ ގްރޭޑެއްގެ ޓެކްސްޓް ފޮތްތައް ފޮނުވައި ނިމިއްޖެ ކަމަށެވެ. އަދި މިހާރު ނުފޮނުވި ހުރި ފޮތްތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ހުރިހާ ސްކޫލަކަށް ފޮނުވާލެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ދިރާސީ އަހަރު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ހަމަނުވާ ކަމުގެ ކަންބޮޑުވުން ބައެއް ބެލެނިވެރިން ފާޅުކޮށްފައިވެއެވެ.
އެކަމާ ގުޅޭގޮތުން އޮފިޝަލް ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ސްކޫލަކަށް ފޮތްތައް ހަމަޔަށް ފޮނުވައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"ކުޑަ ލަސް ކަމެއް އެބައުޅޭ ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ފޮތްތައް ފޮނުވުމުގައި. އެކަމަކު މިހާރު ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަށް ސިޓީ އަދި ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ފޮތްތައް ފޮނުވުމަށް ބޯޓުތަކަށް އަރުވާފައި. އެހެންވީމަ ލަސްތަކެއް ނުވެ އެ އަތޮޅުތަކަށް ވެސް ފޮތްތައް ލިބޭނެ،" އޮފިޝަލް ވިދާޅުވިއެވެ.
.png&w=3840&q=75)
އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ މި އަހަރު ފޮތްތައް ފޮނުވާއިރު، ކޮންމެ ދަރިވަރެއްގެ ފޮތްބައި ހަމަކުރުމަށްފަހު ފޮނުވުމަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަހަރު ފަށަނީ އަންނަ ހޯމަ ދުވަހުއެވެ. އަދި ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.