ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ނެގި އެޗްޑީސީގެ ކުރީގެ މުވައްޒަފެއްގެ މައްސަލަ ޕީޖީއަށް
ފާތިމަތު މިޝްކާ

SHARE
ހުޅުމާލެއިން ބިމެއް ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި އެޗްޑީސީގެ ކުރީގެ މުވައްޒަފެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައި ވަނީ މ. ސީވިންޑް، ފުތިހަ ޝާކިރުގެ މައްޗަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަގާމުގައި ކުރިން ހުރި ފުތިހަ ޝާކިރު 2022 ވަނަ އަހަރު ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ތައްޔާރުކޮށް، އެ ސްލިޕްތައް ބޭނުން ކޮށްގެން އަމިއްލަ މީހެއްގެ އަތުން 550،000 ރުފިޔާ ހޯދާފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.
އެ ކޮމިޝަނުން އެދިފައި ވަނީ ފުތިހަ ޝާކިރުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ. އަދި އޮޅުވާލައިގެން ފުތިހަ ޝާކިރު ހޯދި 550،000 ރުފިޔާ އަނބުރާ ހޯދައި ދިނުމަށް ވެސް އެދިފައިވެއެވެ.