ޒުވާނުންގެ ލަފާދޭ ކޮމިޓީ އިން އިތުރު ތިން މެންބަރުން އިސްތިއުފާދީފި

މަރްޔަމް މާޙީ

SHARE
ޒުވާނުންނާ ގުޅުންހުރި ކަންކަމުގައި ލަފާ ހޯދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިން އިތުރު ތިން މެންބަރުން އިސްތިއުފާދީފި އެވެ.

މިއަދު އެ ކޮމިޓީ އިން އިސްތިއުފާ ދީފައި ވަނީ ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އާމިނަތް ރަބާބްގެ އިތުރުން ޒުވާނުން ބާރުވެރިކުރުވާ އެންޖީއޯގެ ދާއިރާއިން އެ ކޮމިޓީގައި ހިމެނޭ ފާތިމަތު ރާޔާ ޝަރީފް އަދި ނިމާލް ހަމީދެވެ. އަދި މި ކޮމިޓީ އިން މަޝްހޫރު ޕްރެޒެންޓާ ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) ވެސް ވަނީ އިއްޔެ އިސްތިއުފާ ދީފައެވެ.
އެ ކޮމިޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓެޓްޖީގެ ދާއޫދު އަހްމަދަކީ ވެސް އެ ކޮމިޓީގެ މެންބަރެކެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ޕާޓީ ކުރުމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް އޭނާ އިސްތިއުފާ ދިނުމަށް ހުށައެޅުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޓީގެ ރައީސްކަމުން އޭނާ ވަކިކުރައްވާފައެވެ. އަދި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.