logo

މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ އިންސާފުގެ މަގަށް: ރައީސް

ފާތިމަތު މިޝްކާ

27 އޭޕްރީލު 2025 - 16:07
މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ އިންސާފުގެ މަގަށް: ރައީސް

SHARE

މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެއްވެސް ރައްޔިތަކާ މެދު ތަފާތުކުރުމެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ އިމާރާތެއްގެ މަތިން ޒުވާނަކު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވަނީ ގިނަ ބާރުތަކަކާއެކުގައި ކަމަށެވެ. އެގޮތުން އެ ކޮމިޝަނަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކޮމިޝަނެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެ ކޮމިޝަނުން ހަގީގަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ. އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.

އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ގައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

"ކުށްކުރި ފަރާތަކީ ކޮބައިތޯ ބަލައި އެފަރާތްތަކަށް، އެއީ ކޮންމެ ފަރާތެއްވިޔަސް، އެފަރާތަކަށް ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިން، އޮންނަ އަދަބެއް ދިނުން، ނޫނިއްޔާ އޮންނަ ގޮތަކަށް އެކަމެއް ކުރުން. އެއްވެސް މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން، އެ އިންސާފު ޤާއިމު ކުރުމުގައެއް، ރޫލް އޮފް ލޯ އެސްޓެބްލިޝް ކުރުމުގައެއް." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އެއްވެސް ރައްޔިތަކާއިދޭތެރޭ ތަފާތުކުރުމަކީ އަދި އަނިޔާވެރިވުމަކީވެސް މިއަދާއި ހަމައަށް އައިއިރުގައިވެސް އަދި ކުރިއަށް އޮތްތާނގައިވެސް، އެ މަނިކުފާނުގެ ހަމައެއް ނުވަތަ އުސޫލެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.

މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައި ވެސް އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ގެންގުޅުއްވާ އުސޫލަކީ މިކަމުގެ ހަގީގަތް ހޯދައި، އިންސާފު ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތާއެކު ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލައި ނިމި، އެއްވެސް މީހަކަށް ތަފާތު ނުކުރެވޭކަން ކަށަވަރު ކުރެވި، ހުރިހާ ސުވާލެއްގެ ޖަވާބު ލިބި، ކަންކަން ސާފުވާން އުންމީދުކުރައްވާކަން ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ގައުމުގައި ހަމަޖެހުމާއި އިންސާފާއި އަދާލަތު ގާއިމުވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިއުމުން އެކަނި ނޫން ކަމަށާއި، ހުރިހާ ދާއިރާއެއްގައި ވެސް އެ އިންސާފާއި ގާނޫނުގެ ވެރިކަމާއި ސުލްހައާއި ހަމަޖެހުން، ހުރިހާ ވަގުތެއްގައިވެސް އޮތުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމުގައި ވިދާޅުވިއެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/