ކުޑަކަމުދާތަކެތި ނުދިން މީހުންގެ މައްސަލަ ތަހުގީގު ކުރަން ޕީޖީ އަންގަވައިފި

ޢާލިމް އަބްދުއްލަތީފް

SHARE
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު އިމާރާތެއްގެ މަތިން ވެއްޓުނު ޒުވާން އަންހެން މީހާއާ އެކު އެރޭ އުޅުނު މީހުންގެ ތެރެއިން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މީހުންގެ މައްސަލަ ތަހުގީގު ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަންގަވައިފިއެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދިނުމަށް އަންގައި އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ޕީޖީ އައްބާސް އަންގާފައިވާ ކަމަށެވެ.
ޕީޖީ އަންގާފައިވާ އިތުރު ބައެއް ކަންކަން
- ޖިނާއީ ތަހުގީގަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް އަމަލުކުރުން
- ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުން ނާރާނެ ގޮތަށް ހާމަކަމާއެކު ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުން
- ތަހުގީގަށް ހުރަސްއެޅޭނެ ގޮތަށް މައުލޫމާތު ހާމަނުކުރަން
އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި ހުރި ކަންބޮޑުވުންތައް އެ އޮފީހަށް ހުށަހެޅުމުން އެ ޝަކުވާތަކާ މެދު ވެސް ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ)ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
.png&w=3840&q=75)
އެ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ތަހުގީގެއް ހިންގުމާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް ތަހުގީގީ އިދާރާތަކަށް އެންގުމުގެ ބާރު ޕީޖީއަށް ލިބިގެންވާ ކަމަށެވެ.
ޖިނާއީ މައްސަލަތަކުގެ މައުލޫމާތު ފެތުރުމުގައި ނޫސްވެރިނާއި އާންމުން ވެސް މައްސަލާގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފައިވާތީ، އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ ކަމެއް އިތުރަށް ނުކުރުމަށް ވެސް ޕީޖީ ވަނީ އަންގަވާފައެވެ.