ސިޔާސީ މުވައްޒަފަކު ފުލުހުންނަށް ނުފޫޒު ފޯރުވައިފިއްޔާ ވަކި ކުރާނަން: ރައީސް

މަރްޔަމް މާޙީ
.jpg&w=3840&q=75)
SHARE
ސިޔާސީ މުވައްޒަފަކު ފުލުހުންނަށް ނުފޫޒު ފޯރުވައިފި ނަމަ މަގާމުން ވަކި ކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނުކުތާ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ފޯރުވަން ފުރުސަތު ނުދޭނެ ކަމަށެވެ.
"ސިޔާސީ ނުފޫޒެއް ނުފޯރުވޭނެ. ފޯރުވާކަން އަޅުގަނޑަށް އެނގޭ ހިސާބުން އެ ނުފޫޒު ފޯރުވާ މީހާ ޖެހޭނީ ގެއަށް ދާން," ރައީސް ވިދާޅުވިއެވެ.
އެއާއެކު ފުލުހުންގެ މުއައްސަސާއަށް އިތުބާރު ގެންނަން ޖެހިފައިވާކަނަ ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތުގެ މައްސަލަތައް ހައްލުކުރަން ބަލާއިރު ކެޕޭސިޓީގެ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިސާލަކަށް އިންވެސްޓިގޭޝަންތައް ހިންގުމުގައި ކެޕޭސިޓީތައް ގާއިމްކުރަން އެބަޖެހޭ. އެކަމަށް ޓްރެއިންޑް މީހުން ވެސް ބޭނުންވޭ، އަދި ވަސީލަތްތައް ވެސް ބޭނުންވޭ," ރައީސް ވިދާޅުވިއެވެ.
.png&w=3840&q=75)
ރައީސް ވިދާޅުވީ މިހާރުވެސް ފުލުހުންގެ އިންވެސްޓިގޭޝަން ޔުނިޓު ތަރައްގީ ކުރަން މަގުފަހިކޮށްދޭން ފިނޭންސް މިނިސްޓަރަށް ދަންނަވައިފައިވާނެ ކަމަށެވެ.
އަދި މީގެ ކުރިން ފުލުހުންނަށް ނުފޫޒު ފޯރުވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށް އެ މަގު ބަންދުކުރަން ޖެހޭ ކަމަށެވެ. އަދި ފުލުހުންނަށް އޮންނަ އިތުބާރު އިއާދަކުރަން ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އެ ހުރިހާ ކަމަކާ އެއް ވަރަށް ފުލުހުންގެ މަސައްކަތްތަކަށް މަގުފަހިކޮށް ދިމުނުގެ މުހިންމުކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ ގާނޫނުގައި ފުލުހުންގެ ޒިންމާތައް ވަރަށް ބޮޑަށް ލިޔެވިފައިވާތީ ކަން ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮންމެ ކަމެއްގައި ވެސް އާންމުންނަށް ތެދުވެރިކަމާއެކު މައުލޫމާތު ދިމުނުގެ މުހިންމުކަމަށް ވެސް ރައީސް އަލިއަޅުވައިލެއްވިއެވެ.
