ކުއްޖާއަށް އަނިޔާކުރި މީހުން ވަޒީފާއިން ވަކިކޮށް، ތަން ބަންދުކޮށް، މައްސަލަ ފުލުހަށް
ފާތިމަތު މިޝްކާ

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން- ފޮޓޯ: ދަޕްރެސް
SHARE
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރަނިކޮށް ސީސީޓީވީ ފްޓޭޖުން ފެންނަ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.

ފިޒިއޯ ކްލިނިކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަނިޔާކުރިކަން އެނގުނު ހިސާބުން ފިޔަވަޅުތައް އަޅަން ފެށި ކަމަށެވެ. އެގޮތުން އެކަމުގައި ޝާމިލްވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އެ ކްލިނިކް މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އެ ކްލިނިކުން ބުނީ އެކަމާ ގުޅިގެން ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެ ކްލިނިކުން ގެންގުޅޭ އަޚްލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ޚިލާފަށް ހިންގާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ކްލިނިކުން އަންނަނީ ފުލުހުންގެ ތަހުގީގަށް ވެސް ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އެގޮތުން އެކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންނަށް މިހާރު ވަނީ ދީފައެވެ.
.png&w=3840&q=75)
އެ ކްލިނިކުގެ އެންމެ މުހިންމު ޒިންމާއަކީ ޚިދުމަތް ހޯދާ ކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިހުތިރާމް ލިބޭ އަދި އެހީތެރިކަން ލިބޭ މާހާއުލެއް ގާއިމްކޮށްދިނުން ކަމަށް އެ ބަޔާނުގައިވެއެވެ.
ތެރަޕީ ދޭ ކޮޓަރިތައް ލައިވްކޮށް މޮނިޓާ ކުރުމަކީ އެ ކްލިނިކުގެ އާންމު ހިންގުމުގެ އުސޫލުތަކުގެ ބައެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"އަޅުގަނޑުމެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގަން. އަދި ކުރިއަށް އޮތް ތަނުގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދީ، ރައްކާތެރިކަމާއި ޒިންމާދާރުކަން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެން،" އެ ބަޔާނުގައިވެއެވެ.
އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައީ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ. އެ ހާދިސާ ހިނގިއިރު، އިތުރު މުވައްޒަފަކު ވެސް އެތަނުގައި ހުއްޓެވެ. އަދި އިތުރު ކުއްޖަކު ވެސް އެތަނުގައި ހުރި މޭޒު ކައިރީގައި އިންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.