logo

ތެރަޕީ ނަގަން ދިޔަ ކުއްޖާއަށް އަނިޔާކުރި ދެ މީހުން ހައްޔަރުކޮށްފި

މިރާޝް މޫސާ

12 މޭ 2025 - 12:01
ތެރަޕީ ނަގަން ދިޔަ ކުއްޖާއަށް އަނިޔާކުރި ދެ މީހުން ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް --- ފޮޓޯ: ހުރިހާ

SHARE

ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރި ދެ މީހުން ހައްޔަރުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ދިޔަ ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ ފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ދެ އަންހެނުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެެވެ.

ފިޒިއޯ ކްލިނިކުން ނެރުނު ބަޔާނެއްގައި ވަނީ އަނިޔާކުރިކަން އެނގުނު ހިސާބުން ފިޔަވަޅުތައް އަޅަން ފެށި ކަމަށެވެ. އެގޮތުން އެކަމުގައި ޝާމިލްވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މީގެއިތުރުން އެ ކްލިނިކް މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އެ ކްލިނިކުން ބުނީ އެކަމާ ގުޅިގެން ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެ ކްލިނިކުން ގެންގުޅޭ އަޚްލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ޚިލާފަށް ހިންގާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ކްލިނިކުން އަންނަނީ ފުލުހުންގެ ތަހުގީގަށް ވެސް ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އެގޮތުން އެކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންނަށް މިހާރު ވަނީ ދީފައެވެ.

އެ ކްލިނިކުގެ އެންމެ މުހިންމު ޒިންމާއަކީ ޚިދުމަތް ހޯދާ ކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިހުތިރާމް ލިބޭ އަދި އެހީތެރިކަން ލިބޭ މާހާއުލެއް ގާއިމްކޮށްދިނުން ކަމަށް އެ ބަޔާނުގައިވެއެވެ.

/

ތެރަޕީ ދޭ ކޮޓަރިތައް ލައިވްކޮށް މޮނިޓާ ކުރުމަކީ އެ ކްލިނިކުގެ އާންމު ހިންގުމުގެ އުސޫލުތަކުގެ ބައެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"އަޅުގަނޑުމެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގަން. އަދި ކުރިއަށް އޮތް ތަނުގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދީ، ރައްކާތެރިކަމާއި ޒިންމާދާރުކަން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެން،" އެ ބަޔާނުގައިވެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައީ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ކްލިނިކުގެ މުވައްޒަފަކު އެ ކުއްޖާގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނެއެވެ. އެ ހާދިސާ ހިނގިއިރު، އިތުރު މުވައްޒަފަކު ވެސް އެތަނުގައި ހުއްޓެވެ. އަދި އިތުރު ކުއްޖަކު ވެސް އެތަނުގައި ހުރި މޭޒު ކައިރީގައި އިންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/