ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެެއް ހަދާފައެއް ނެތް: އިހްސާން

ޢާލިމް އަބްދުއްލަތީފް
SHARE
މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އެއްވެސް ގޯހެއް ހަދާފައިނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޔުމްނު ވެއްޓިފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށެވެ. ލިބުނު އަނިޔާތަކަށް ޔުމްނުއަށް މިހާރު ފަރުވާދެމުން އަންނަނީ މެލޭޝިޔާގެ ހޮސްޕިޓަލެއްގައެވެ.
"އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އިހްސާން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ގޯހެއް ހަދާފައިވާކަން ފާހަގަވެފައިނުވާ ކަމަށެވެ. އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އެކަން ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެފަދަ ކަމެއް އަންނަ ދުވަހަކުން އަޅުގަނޑުމެން އެފަދަ ކަމެއް ބަލާނަން. ބަލާފައި ފިޔަވަޅު ނާޅަފިއްޔާ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެއީ އަޅުގަނޑާ ދެތޭރޭގައި ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް،" އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ޔުމްނުއަކީ ރޭޕްކޮށް އިމާރާތެއްގެ މަތިން ވައްޓާލި މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރި ކަމަށެވެ. ނަމަވެސް ސީސީޓީވީ ފްޓޭޖްތައް ބެލުމުން އެއީ ހަގީގަތެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
.png&w=3840&q=75)
ޔުމްނު ވެއްޓުނު ރޭ އޭނައާއެކު އުޅުނު ރައުދު އަހްމަދު ޒިލާލް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައި ވަނީ ރައުދުގެ ފަރާތުން މިހާރު ތަހުގީގަށް އެއްބާރުލުންް ލިބެމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި މީޑިއާތަކަށް މައުލޫމާތު ދެމުން ޔުމްނުގެ ދައްތަ ބުނެފައި ވަނީ އަމިއްލައަށް އިމާރާތުން ފުންމާނުލާ ކަމަށް ޔުމްނު ކިޔައިދީފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ކިޔައިދީފައެއްނުވެއެވެ.
ޔުމްނުގެ ދައްތަ ބުނީ އެ ހާދިސާ ހިނގި ރޭ ހ. ފެންޓެނޯއީ ގޭގެ ތެރޭގައި އިތުރު ބަޔަކު ވެސް އޭނައާ އެކު އުޅުނު ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަން ސީސީޓީވީ ފްޓޭޖުން ހާމަވެއެވެ.
ޔުމްނުގެ ދައްތަގެ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ޔުމްނުގެ ބަޔާން ނެގުމަކީ އެންމެ ފުރަތަމަ ދުވަހު ވެސް ތަހުގީގުން ބޭނުންވި ކަމެއް ކަމަށެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ބަޔާން ނެގޭނެ ގޮތެއް އަދި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް ބަޔާން ދީފައިވާ މީހުން ދީފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޒުވާނުން ކުރި މުޒާހަރާތަކުގައި ޑިމާންޑު ކުރިގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުގެ ރައީސް ކަމަށް ހަމަޖެއްސެވީ ޑރ. މުހައްމަދު މުނައްވަރެވެ.
އެ ކޮމިޝަނުން ވެސް އަންނަނީ ކަންހިނގިގޮތް ބެލުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރަމުންނެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް ތަހުގީގު ނިންމަން އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.