ކަނޑުމަގުން ގެންނަ މުދަލުގައި ޑްރަގް ހުރިތޯ ބަލާނެ މެޝިނެއް ހޯދަނީ

ޢާލިމް އަބްދުއްލަތީފް

SHARE
ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ކަނޑުމަގުން ރާއްޖެ އެތެރެކުރާ މުދަލުގެ ތެރޭގައި މަސްތުވާތަކެތި ހުރިތޯ ޗެކްކުރާނެ މެޝިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ކޮންޓެއިނާ ސްކޭން މެޝިން ހޯދުމުން ކަނޑުމަގުން ގެންނަ މުދަލާއެކު މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނެ ކަމަށެވެ.
"ސީ ކާގޯގައި މިހާރު މި އަންނަ ކޮންޓެއިނާތައް ސްކޭނުކުރުމަށް ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އެހާ ހިސާބުން ސީ ބޯޑަރުން [މަސްތުވާތަކެތި] އެތެރެވުން ހައްލު ކުރެވޭނެ،" އިހުސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ޕޯސްޓުން އަންނަ ޕެކޭޖުތަކާއި ވައިގެ މަގުން އަންނަ ޕެކޭޖްތައް ޚާއްސަ އިސްކަމެއްދީގެން ބަލަމުން އަންނަ ކަމަށެވެ.
މަސްތުވާތަކެތި އެތެރެކުރާ ގޮތްތަކަށް ޒަމާނާއެއްގޮތަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ. އެގޮތުން ބަދިގޭގައި ބޭނުންކުރާ ސާމާނުގެ ތެރެއަށް ލައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
.png&w=3840&q=75)
މަސްތުވާތަކެތި ފަހައި ދުވުމަށްވުރެ ސަރުކާރުން އިސްކަންދެނީ އެތަކެތި ސަޕްލައިކުރުން ހުއްޓުވަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިސާލަކަށް އަވަންތަކުގެ ތެރޭގައި، މިކްސަރުތަކުގެ ތެރޭގައި، މެޓަލް ބޮޑީ ހުންނަ އެޕްލަޔަންސްތަކުގެ ތެރޭގައިި މި ކަން ކުރަމުން އަންނަކަން. އެހެންމާ މި މީހުން ފަހައި، ޓެކްޓިކްސް ފަހައި ދުވެގެންނެއް މިކަން ނެތް ވާކަށް. އަޅުގަނޑުމެން މިހާރު މި ދަނީ އެ މީހުން ގެންގުޅޭ ފައިސާއާ މަސްތުވާތަކެތީގެ ވިޔަފާރި ފަހައި. އެ ގޮތަށް މިކަން ކޮށްގެން ނޫނީ ހައްލެއް ނުވާނެ،" އިހުސާން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް އިހްސާން ވަނީ އެ ފޯރަމްގައި ހިއްސާކުރައްވާފައެވެ. އެގޮތުން މިވެރިކަމުގައި މިހާތަނަށް 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ މަގުމަތީ އަގުން ބަލާ ނަމަ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ މާލެ އާއި ރަށްރަށަށް ބަނގުރާ އެތެރެކުރުން ހުއްޓުވުމަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިވެރިކަމުގައި 9،000އަށް ވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.
