
SHARE
މާލޭގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަކިކުރަން އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި، މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމަށް ފާހެއްނުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ނެގި ވޯޓުގައި މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށް ވޯޓު ދީފައިވަނީ 11 މެންބަރުންނެވެ. އަދި ދެކޮޅަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
މި މައްސަލަ މަޖިލީހަށް ހުށައަޅައިފައިވަނީ އެމްޑީޕީގެ 12 މަޖިލިސް މެންބަރުންގެ ސޮޔާއެކުއެވެ. މައްސަލަ ހުށައެޅުމަށްފަހު, އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ އެ މައްސަލަ ހުށަހެޅި ސަބަބުތައް ކިޔައިދެއްވާފައެވެ.
އޭގެތެރެއިން އެއް ސަބަބަކީ ފުލުހުން އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ފޯނުން ގުޅުއްވުމެވެ. އެއީ ތަހުގީގަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. ނަމަވެސް އަމީން މީގެކުރިން ވިދާޅުވެފައި ވަނީ އެވަގުތު ޝުޖާއުއަށް ގުޅުއްވީ ކޯޓް އަމުރެއް ނެތި ވެސް އެގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަމީންގެ ގޭގެ ސީސީޓީވީ ކެމެރާތަކުގެ ފްޓޭޖް ހޯދަން ދިޔުމުން ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ، އެކަމަށް ފުރުސަތު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.
.png&w=3840&q=75)
މި މައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީން ވަނީ ބައިވެރިވެ ވަޑައިގެން އެމްޑީޕީން އޭނާއަށް ކޮށްފައިވާ ހުރިހާ ތުހުމަތަށް ވަކިވަކިން ޖަވާބުދާރީވެވަޑައިގެންފައެވެ. މިނިސްޓަރު އަމީންގެ މައްޗަށް ހަތް ތުހުމަތެއް އެމްޑީޕީން ކުރައްވައެވެ.
އެގޮތުން މި ތުހުމަތުތަަކަށް ޖަވާބުދާރީވަމުން މއ. މާންދޫގޭދެކުނުގެ އަކީ އޭނާ އާއި އޭނާގެ އެއްބަނޑު ތިން މީހެއްގެ ނަމުގައިވާ ތަނެއް ކަން ފާހަގަކޮށް މިނިސްޓަރު އަމީން ވިދާޅުވީ އެންމެން ތަނެއްގައި ހިނގާ ކަމެއްގެ ޒިންމާ ވަކި މީހަކު ނަގަން ޖެހޭނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ފުލުހުންނަށް ނުފޫޒު ފޯރުވައިފައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އެމްޑީޕީން ކުރާ އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.
