
ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ބޮޑުކުރަން އެމްޕީއެލްއާ ހަވާލުކޮށްފި

ޢާލިމް އަބްދުއްލަތީފް

SHARE
ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ.
އެ އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރާ ބަނދަރަކީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ވިޔުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރަން ހަމަޖެހިފައިވާ ބަނދަރެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވައުދުވިގޮތަށް ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް ޓެކްނިކަލް ލެވެލްގައިވެސް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. ބަނދަރުން ވިޔަފާރީގެ ނަފާ އެންމެބޮޑަށް ލިބޭނެ ގޮތްތަކާ ގުޅޭގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.


ސައީދު ވިދާޅުވީ ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ވެސް އެމްޕީއެލްއާ ވަނީ ހަވާލުކުރެވިފައި ކަމަށެވެ. އަދި އދ. މާމިގިލީގެ ބަނދަރާއި، ލ. އަތޮޅާއި އައްޑޫގަ މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު ވެސް އިތުރަށް ތަރައްގީ ކުރުމަށް އެމްޕީއެލްއާ މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގެ މަސައްކަތްތައް ބާރު ސްޕީޑުގަ ކުރިއަށްދާނެ، އެއާއެކު ދެން ހުރި ޕޯޓް ތަކުގެ މަސައްކަތްތަކުގަ ސޮއިކުރެވުމާއެއްކޮށް މަސައްކަތްތައް ކުރިއަށް ދާނެ" ސައީދު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމާޒަކީ ހއ، ހދ، ށ، ނ އަދި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ޚާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށެވެ.


އެކި ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް ކާގޯ ހޯލްޑިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާ ކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ފަދަ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ.





