މުންޑޫ ސްކޫލަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގައިފައިވާ މައްސަލައެއް

މަރްޔަމް މާޙީ

SHARE
ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައެއްް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެއޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ހުށައަޅައިފައިވަނީ، މި މިހުގެ 18ވަނަ ދުވަހުއެވެ. ދައުވާ ކޮށްދިނުމަށް ހުށައަޅައިފައިވަނީ ލ.މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި އޭރު ހުރި ޢަލީ އާދަމް (ހިޔާވެހި / ލ.މުންޑޫ) ގެ މައްޗަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، އޭނާ ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ޝީޓު ފޮނުވާފައިވާ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެ މުވައްޒަފުގެ ނަމުގައި ވަނީ މުސާރަ ނަގައިފައެވެ.
"މި މައްސަލައިގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ," އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.
އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ޖުމުލަ 28,317.99 ގެ ގެއްލުން ވެފައިވާކަން އެ ކޮމިޝަނުން ހާމަ ކުރިއެވެ. އަދި މި ފައިސާ އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ވަނީ ލ.މުންޑޫ ސްކޫލަށް އަންގާފައި ކަމަށް ވެސް ބުންޏެވެ.
.png&w=3840&q=75)