ހިޔާ ފްލެޓްތައް ކައިރީ އިމާރާތްކުރާ ދެވަނަ ސްކޫލަށް ކުދިން ވައްދަން ނަންނޯޓްކުރަން ހުޅުވާލައިފި
ފާތިމަތު މިޝްކާ

ހިޔާ ފްލެޓްތައް ކައިރީ އިމާރާތްކުރަމުންދާ ދެވަނަ ސްކޫލް
SHARE
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީ އިމާރާތްކުރާ ދެވަނަ ސްކޫލަށް ކުދިން ވައްދަން ނަންނޯޓް ކުރުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ހުންނަނީ ސާނަވީ ތައުލީމާ ހަމައަށް ކިޔަވައިދޭ އެންމެ ސްކޫލެކެވެ. އެއީ ސަލާހުއްދީން ސްކޫލެވެ. ހިޔާ ފްލެޓްތައް ކައިރީ ދެވަނަ ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
އާރްސީސީއާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ އެ ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެެކެވެ. އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށޭ އާ ދިރާސީ އަހަރާއެކު އެ ސްކޫލްގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެހެންވެ އެ ސްކޫލަށް ވައްދަން ބޭނުންވާ ކުދިން ނަންނޯޓް ކުރުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ސްކޫލުން ޖާގަ ދިނުމުގައި ހިޔާ ފްލެޓްގައި ދިރިއުޅޭ ކުދިންނަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ހުޅުމާލެއިން ފްލެޓެއް ލިބިގެން ނުވަތަ އެނޫންވެސް ގޮތަކަށް ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށް ވެސް އެ ސްކޫލަށް ބަދަލުވެވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
.png&w=3840&q=75)
"ތަފްސީލުކޮށް ސިޓީއަކުން ވެސް މިނިސްޓްރީގައި އެދެވިދާނެ އެހެން ސްކޫލެއްގައި ކިޔަވާ ދަރިވަރަކު އާ ސްކޫލަށް ބަދަލުކޮށްދޭން،" އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލޭގެ ސްކޫލްތަކުން ޖާގަ ނުލިބިގެން 900 އަށްވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލްތަކަށް ދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން ފޭސް ދޭއްގައި މިވަގުތު ހުރި ހަމައެކަނި ސްކޫލް ކަމަށްވާ ސަލާހުއްދީން ސްކޫލުން ޖާގަ ނުލިބިގެން 300 އަށްވުރެ ގިނަ ދަރިވަރުން ފޭސް އެކެއްގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ފޭސް އެކެއްގައި އެއް ސްކޫލް އަދި ފޭސް ދޭއްގައި އެއް ސްކޫލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.
