މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް ގެނެސްފި
މިރާޝް މޫސާ

SHARE
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް ގެނެސްފިއެވެ.

މިއީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި އޭޓީއާރު މަރުކައިގެ 5 ވަނަ މަތިންދާ ބޯޓެވެ. އޭޓީއާރްގެ ބޯޓުތައް މޯލްޑިވިއަނުން ގެންނަނީ އެ އެއާލައިންގެ ފްލީޓު ޒަމާނީކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި މަތިންދާ ބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ވަނީ ކޮށްފައެވެ. އަދި ބޯޓު ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއް ދިނެވެ.
މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހީމާއި، އައިލެންޑްއޭވިއޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްއާއި، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=3840&q=75)
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގު ވިދާޅުވީ، މޯލްޑިވިއަންނަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އުއްމީދަކީ މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ފެށުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މޯލްޑިވިއަންއިން މިހާރުވެސް ދަނީ ރާއްޖޭގެ ތިން ސަރަހައްދަަކަށް ޑައިރެކެޓް ފްލައިޓްތައް ބާއްވަމުުން. އަދި ޔޫރަޕްފަދަ ޕޮޕިއުލާ މަންޒިލްތަކަށް ދަތުރުތައް ބޭއްވުމަށް ސަރުކާރާ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން. މިގޮތަށް މަސައްކަތް ކުރެވިއްޖެކަމަށް ވަންޏާމު 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމުގެ އުންމީދު ބޮޑު." ތޯރިގު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭޓީއާރުގެ ސަބަބުން އެއާލައިނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
"މި ބްރޭންޑް ނިއު މަތިންދާބޯޓު ގެނެވެމުން އަޅުގަނޑުމެންގެ ޓެކްނިކަލް ރިލައިބިލިޓީ މިވަނީ މިހާރު ވަރަށް ބޮޑަށް އިމްޕްރޫވްކުރެވިފައި. އެއާއެއްކޮށް އަޅުގަނޑުމެންނަށް އޮންޓައިމް ޕާފޯމެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ. މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކެބިންއެއްކަމަށް ވުމުން ދަތުރުކުރާ ފަސިންޖަރުންގެ އެކްސްޕީރިއެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ،" އިޔާސް ވިދާޅުވިއެވެ.
ޑޭޝް 8 އަދި އޭޓީއޭއާރުގެ ޗީފް ޕައިލެޓް އަބްދުﷲ ނާފިޒް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް އާ އޭޓީއާރެއް ގެނައުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
"މި އެއާކްރާފްޓް ގެނައުމުގަ އަޅުގަނޑުގެ ހިއްސާއެއް އޮތީމަ ވަރަށް ބޮޑަށް އުފާވޭ. ކުުންފުނި ކުރިއަށްދިއުމުގައި ވަރަށް ބޮޑު މައިލްސްޓޯނެއްކަމަށް އަޅުގަނޑު ދެކެނީ،" ނާފިޒް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.