ސޯޝަލް މީޑިއާގައި ބޭއަދަބީ ވާހަކަދައްކައި، ބަރަހަނާވާ މައްސަލައިގެ ޝަކުވާތަކެއް މަޖިލީހުން ބަލަނީ

މަރްޔަމް މާޙީ

ފޮޓޯ: މަޖިލިސް
SHARE
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބޭއަދަބީ ވާހަކަދައްކައި، ބަރަހަނާވާ މައްސަލައިގެ ޝަކުވާތަކެއް ލިބެމުންދާތީ އެ މައްސަލަ މަޖިލީހުން ބަލަން ފަށައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބަރަހަނާވެ، ބޭއަދަބީ އަމަލުތައް ހިންގަމުންދާ ކަމަށާއި، އެކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާނެކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ މިންގަނޑު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދޭތީ އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށެވެ.
މި ކޮމިޓީ ބައްދަލުވުމުގައި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން އެންސީއައިޓީގެ އިންފްރާސްޓްރަކްޗާ މެނޭޖަރު ހުސެއިން މުހައްމަދު ވިދާޅުވީ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަކީ އެންސީއައިޓީގެ ދައުރެއް ނޫންކަމަށެވެ. އަދި އެކަން ކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ވުމާއެކު މި މައްސަލައިގެ މަޝްވަރާގައި ކޮމިއުނިކޭޝަން އޮތޯރިޓީ ވެސް ބައިވެރިކުރަން ނިންމައި، އެ މައްސަލާގައި ދެން އޮންނަ ބައްދަލުވުމަކަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
.png&w=3840&q=75)