logo

ސަޢޫދީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ސައިފުﷲ އަލީ

6 ޖުލައި 2025 - 07:12
ސަޢޫދީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

SHARE

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސްއާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށާއި އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ އަގުހުރި ޚިދުމަތްތަކަށާއި، ޙައްޖު އަދި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެކި ފަސޭހަތަކާއި ކުރިއެރުންތަކަށް އެމަނިކުފާނު ތަޢުރީފުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން، ރައީސް އާއި ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވަމުންނެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/