ދިއްގަރު ފަޅުގައި 150 ކޮޓަރީގެ ޓޫރިޒަމް ޒޯނެއް ހަދަނީ

މުހައްމަދު ޔަމީން

ދިއްގަރު ފަޅުގައި ފަށާ ޓޫރިޒަމް މަޝްރޫއުގެ މޮކަޕެއް
SHARE
މ. ދިއްގަރު ފަޅު ހިއްކައިގެން 150 ކޮޓަރީގެ ޓޫރިޒަމް ޒޯނެއް ހެދުމަށް އެ ރަށު ކައުންސިލުން ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިން ޕްރައިވެޓް ލިމިޓެޑާއެވެ. ދެ އަހަރާއި، ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން، އެ ރަށު ފަޅުގެ 10 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާން ވިދާޅުވީ، ޓޫރިޒަމް ޒޯން ތަރައްގީ ކުރުމާއެކު އެ ކައުންސިލުގެ ބަޖެޓަށް އަހަރަކު 12 މިލިއަން ރުފިޔާ ވަންނާނެ ކަމަށެވެ.
" އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ދިއްގަރު ރައްޔިތުން ބޭނުންވާ ގޮތަށް ދިއްގަރު ތަރައްގީ ކުރުން. އެގޮތުން ދިއްގަރުގެ ބަޖެޓް އެބަޖެހޭ ބޮޑުވާން. ރަނގަޅު އާމްދަނީއެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އަހަރެއްގެ މައްޗަށް ތިންލައްކަ ރުފިޔާ ވެސް އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ނުވަދޭ،" އޭނާ ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ އެ ރަށުގެ 150އަށް ވުރެ ގިނަ ޒުވާނުން މިހާރު ވެސް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ކަމަށެވެ. މި މަޝްރޫއާއެކު، އެ ކުދިންނަށް ރަށާ ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރު ފްލެކްސިން ކުންފުނީގެ އެމްޑީ ނަޖާހު ޝަރީފް ވިދާޅުވި ގޮތުގައި ފަޅު ހިއްކުމަށް ބޭނުންވާ ސާމާނު މިހާރު ވެސް ހުރީ ތައްޔާރަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.
މި މަޝްރޫއުގެ ތެރެއިން، ސީއެސްއާރުގެ ދަށުން ދިއްގަރަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



