ޓޫރިސްޓް އެރައިވަލްގެ އަމާޒަށް ބަދަލު ގެނައުމާ މެދު ސަރުކާރުން މަޝްވަރާ ކުރަނީ

އަޙްމަދު ސަދޫފް މޫސާ

SHARE
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދު ނުވަތަ ޓޫރިސްޓް އެރައިވަލްގެ އަމާޒަށް ބަދަލު ގެނައުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިއަހަރަށް ކަނޑައަޅާފައިވާ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ބަދަލެއް އަތުވެދާނެތޯ "ނުކުތާ"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އެސެސްމަންޓުތަކާއި ސްޓަޑީތަކެއް ހަދަމުންދާ ކަމަށެވެ. އަދި މިހާރުވެސް ތިން ސިނާރިއޯއެއް ދެނެގަނެފައިވާ ކަމަށާއި، ނަމަވެސް ކުޑަ މުއްދަތެއްގެ ތެރޭގައި މުޅި އެތެރޭގެ ހިސާބުތައް ރިވައިސް ކުރުމަކީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އެއީ، 2.5 މިލިއަން އަށް ބަލައިގެން 2.36 މިލިއަން އަށް ދެއްތޯ ބަޖެޓު ވެސް ރޭވިފައި އޮތީ. މި ޤައުމުގެ ޓެކްސްގެ ނިޒާމުގެ ބަޖެޓު ވެސް އޮތީ. އެހެންވީމާ، އަޅުގަނޑުމެން އަދި ޓައިމް ނަގާނަން އިނގޭތޯ. ވަގުތު ނަގާނެ ގޮތެއް ނިންމަން، ރިވިޝަނެއް ނަގާފައި އަޅުގަނޑުމެންގެ ރިވައިސް ނަންބާސްއަށް، ބަދަލުވާން ޖެހިއްޖެއްޔާ ބަދަލުވާން ވެސް ޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިފަދަ ކަންކަމުގައި ޕޮޒިޓިވް ބައިވަރު ކަންތައްތަކެއް ވެސް ހުންނަ ކަމަށާއި، އެންމެ ބުއްދިވެރި ގޮތަކީ މުޅި ރިވިޝަނަކަށް ގޮސް ސަރުކާރުން ނިންމުމެއް ނިންމުމަށް ވަގުތުކޮޅެއް ނެގުން ކަމަށެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުގެ އެތެރޭގައި މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 859،087 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެއް ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
އެހެން ނަމަވެސް މި އަހަރަށް ސަރުކާރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


.jpg&w=3840&q=75)
