
ޒުވާން ނޫސްވެރިންނާއި ހަގު މީޑިއާތަކަށް ބިލުގެ ސަބަބުން ފުރުސަތެއް ނެތް: ޔަމީން

މަރްޔަމް މާޙީ
ނުކުތާގެ ސީއޯއޯ މުހައްމަދު ޔަމީން ވާހަކަ ދައްކަނީ. -- ފޮޓޯ: މިހާރު
SHARE
"މީޑިއާ ކޮންޓްރޯލް ކުރާ ބިލު"ގެ ސަބަބުން ޒުވާން ނޫސްވެރިންނާއި ހަގު މީޑިއާތަކަށް ފުރުސަތެއް ނެތްކަމަށް ނުކުތާގެ ސީއޯއޯ މުހައްމަދު ޔަމީން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އިން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ޓަކައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔަމީން ވިދާޅުވީ މި ބިލު އޮތީ ޔޫތު ރެޕްރެޒެންޓޭޝަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެ. އަދި މި ބިލުގައި ކޮމިޝަންގެ މެންބަރަކަށް ވުމަށް 30 އަހަރު ވާންޖެހޭނެ ކަމާއި, އެއާ ވިދިގެން ޝަރުތުތަކުގެ ތެރޭގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ޑިގްރީ އެއް އޮތުމަށް ލާޒިމް ކުރާ ކަމަށް ޔަމީން ވިދާޅުވިއެވެ.
"އެހެންވީމާ ތަޖުރިބާގެ ބޭނުމަކަށް ނޫނޭ 30 އަހަރުން މަތިވާން ޖެހޭނެ ކަމަށް ބުނެފަ މިވަނީ. ހަމަ 30 އަހަރުން މަތީގެ މީހެއް ހޯދަން ހަމަ މިއުޅެނީ'" ޔަމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔަމީން ވިދާޅުވީ މި ބިލު ފާސްކޮށްފިނަމަ ޒުވާން ނޫސްވެރިންގެ ރެޕްރެޒެންޓޭޝަން އެއްކޮށް ގެއްލުނީ ކަމަށެވެ. އަދި ކިތަންމެ ތަޖުރިބާކާރު ނޫސްވެރިއެއް ވެސް އަލަށް މީޑިއާ އެއް އުފައްދައި ނުވަތަ ހަގު ނޫހަކާ ގުޅޭ ހިސާބުން އޭނާގެ ވޯޓުލުމުގެ ހައްގާއި ކޮމިޓީ މެންބަރަކަށް ވުމުގެ ހައްގު ގެއްލޭކަން ޔަމީން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑަކަށް ނެތް ބަސްބުނެވޭކަށް. އަޅުގަނޑަކަށް ނެތް ވޯޓު ލުމުގެ ހައްގެއް. މަގާމަކަށް ކުރިމަތިލެވޭކަށް ވެސް ނެތް," ޔަމީން ވިދާޅުވިއެވެ.

މި ބިލުގައި ކަންކަން ބަޔާންވެފައިވަނީ ވަރަށް ވޭގްކޮށްކަމަށް ވިދާޅުވެ ޔަމީން ވަނީ މިސާލެއް ފާހަގަކޮށްފައެވެ.
"މިސާލަކަށް ގްރޭޑް 7, 8ގެ ދަރިވަރުން ވެސް މިހާރު އެއްކޮޅަށް ވާހަކަދައްކާ ލިޔުން ލިޔޭ. ދެން ގްރޭޑް 8ގެ ކުއްޖާގެ ޓޭސްޓު ޕޭޕަރުގައި މިސާލަކަށް ލިޔުނީ ރޮނާލްޑޯއާ މެސީއާ ތެރެއިން މެސީ މާ މޮޅޭ. މި ބިލުގެ 60ވަނަ މަާއްދާގެ ދަށުން މި އަންނަނީ 'ނޫސްތަކަށް ހުރި އުސޫލް އިލެކްޓްރޯނިކް ވަސީލަތްތަކަށް ހިނގުން' މި ކޮންޓެކްސްޓުގައި ވިސްނާއިރު މި ލިޔުން އަޕްލޯޑް ކުރާ ހިސާބުން އެ ކުއްޖާ ކުއްވެރިވޭތޯ? މިއީ އުފެދޭ ސުވާލެއް," ޔަމީން ވިދާޅުވިއެވެ.
މިއީ މުޖްތަމައުގައި ހިޔާލުތަފާތުވާ މައްސަލައެއްކަން ފާހަގަކޮށް ޔަމީން ވިދާޅުވީ މި ބިލުގައި އެތައް ހަނި ފުށުއެރުންތައް އެބަހުރިކަމަށެވެ.
ނިންމާލަމުން ޔަމީން ވަނީ މި ބިލު ބޭރުކޮށް އަލުން ޑްރާފްޓް ކުރުމަށް ކަމުގެ ތަޖުރިބާކާރުންގެ ލަަފަޔާއެއްކޮށް ކުރިއަށް ދިއުމަށް ގޮވައިލައްވައިފައެވެ.




