ޓޫރިޒަމް ޤާނޫނުގެ އިސްލާޙު: ލައިސެންސް ނުނަގައި ޚިދުމަތް ދީފިނަމަ މިލިއަނުން ޖޫރިމަނާ އަންނާނެ

އަޙްމަދު ސަދޫފް މޫސާ

ފަތުރުވެރިން -- ފޮޓޯ/ އަވަސް
SHARE
ޓޫރިޒަމްގެ ޚިދުމަތްތައް ދިނުމަށް ލާޒިމްކުރާ ލައިސެންސް ނުނަގައި އެފަދަ ޚިދުމަތެއް ދީފިނަމަ އެއް މިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ލިބިދޭ ގޮތަށް ޓޫރިޒަމް ޤާނޫނުގައި ހިމަަނައިފިއެވެ.

އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި ޓޫރިޒަމާއި ބެހޭ ޤާނޫނުގެ 16 ވަނަ އިސްލާޙުގެ ދަށުން، ސައްޚަ ލައިސެންސް ނުނަގައި ޓޫރިޒަމްގެ ޚިދުމަތެއް ދިނުމަކީ މާލީ ބޮޑު އަދަބެއް ލިބޭނެ ކަމެއްކަން ބަޔާންކޮށްފައެވެ.
އެގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުން ކުރާ ކުށުގެ ބާވަތާއި، ޤާނޫނާ ޚިލާފަށް އެ ޚިދުމަތް ދިން މުއްދަތަށް ބަލައި، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވެއެވެ.
މި ޤާނޫނުގެ އިސްލާޙުގެ މުހިންމު އެއް ބަޔަކީ ދަތުރުފަތުރުގެ ކަންކަން ރާވައި، ޓުއާ އޮޕަރޭޝަންސް ހިންގުމާ ބެހޭ ގަވާއިދުތަކެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ތެރޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރުފަތުރުގެ ކަންކަން އިންތިޒާމުކޮށް ހިންގުމުގެ ޚިދުމަތް ދެވޭނީ ހަމައެކަނި ޓޫރިޒަމް ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ޞައްޙަ ޓުއަރ އޮޕަރޭޓަރ ލައިސެންސެއް އޮންނަ ފަރާތްތަކަށެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ޓުއާ އޮޕަރޭޓަރުން ރާއްޖޭގައި ޢަމަލުކުރަން ބޭނުންނަމަ، 'ފޮރިން ޓުއާ އޮޕަރޭޓާ ލައިސެންސް' ހޯދަން ޖެހެއެވެ.

މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ލައިސެންސް އޮންނަ ބޭރުގެ އޮޕަރޭޓަރުން ޚިދުމަތް ދޭންވާނީ ދިވެހި ޓުއާ އޮޕަރޭޓަރެއް މެދުވެރިކޮށް، އަދި އެ ދިވެހި އޮޕަރޭޓަރަކީ ލޯކަލް ލައިސެންސް އޮންނަ ފަރާތަކަށް ވާންޖެހެއެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




