ޖެހިޖެހިގެން ހަވަނަ ފަހަރަށް ރާއްޖެއަށް އެންމެ މަގްބޫލު މަންޒިލުގެ މަގާމު

ފާޠިމަތު ހިބާ

ވޯލްޑް ލީޑިން ޑެސްޓިނޭޗަން އެވާޑް ދިން ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/އެމްއެމްޕީއާރްސީ
SHARE
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ޝަރަފުވެރި މަގާމު، ޖެހިޖެހިގެން ހަވަނަ ފަހަރަށް ރާއްޖެއިން ހޯދައިފިއެވެ.

ވޯލްޑް ޓެރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)އިން ދޭ މި ޝަރަފުވެރި އެވޯޑް ރާއްޖެއަށް ދީފައިވަނީ ރޭ، ބަހްރެއިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި. އާންމުކޮށް ވޯޓު ދެވޭ ގޮތަށް ހުޅުވާލައިގެން ވެސް ދޭ މި އެވޯޑު ރާއްޖެއަށް ލިބުނު މިއީ ޝަރަފުވެރި ހަވަނަ ފަހަރެވެ.
ބަހްރެއިންގެ ޚާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގެންނެވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުﷲ ޤިޔާސް އާއި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝިއުރީއެވެ. މި ޝަރަފުވެރި އެވޯޑުގެ އިތުރުން ވެސް، އިތުރު ތިން އެވޯޑު ރާއްޖެއިން ވަނީ ޙާސިލްކޮށްފައެވެ.
އެމްއެމްޕީއާރްސީން ބުނި ގޮތުގައި، ރާއްޖެއިން ޖެހިޖެހިގެން ހަވަނަ ފަހަރަށް ހޯދި މި ކާމިޔާބީއާއެކު ފާހަގަވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ކުރިއަރައިގެން ދިއުމަށްޓަކައި ކުރަމުންދާ ތަފަތު ކަންތައްތަކާއި ރައްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތް ކޮށް ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއެވެ.
ރާއްޖެއިން މި އެވޯޑު އެންމެ ފުރަތަމަ ހާސިލްކުރީ 2020 ވަނަ އަހަރު، ކޮވިޑުގެ ތެރޭގައެވެ. އެ އަހަރު ކޮވިޑުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ.

އެހެން ނަމަވެސް ކޮވިޑު ކޮންޓްރޯލުކުރުމުގައި ރާއްޖެއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއި އެކު، ޖެހިގެން އައި 2021 ވަނަ އަހަރުން ފެށިގެން ސޭފް އައިލެންޑް ޑެސްޓިނޭޝަނެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ރާއްޖެ މަޝްހޫރުވިއެވެ. އަދި އެމްއެމްޕީއާރްސީ އާއި ސަރުކާރުތަކުން ކުރި މަސައްކަތްތަކުން އަހަރަކުން އަހަރެއް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަން ފާހަގަކުރެވެއެވެ.
މި އަންނަ އަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމެވެ. އަދި އަންނަ އަހަރު އެ އަދަދު 2.5 މިލިއަނަށް އިތުރުކުރުމަށް ރާއްޖެއިން ވަނީ އަމާޒުހިފާފައެވެ.

ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





