ޕެންޝަންގައި ހުރި ފައިސާ ބޭނުން ކުރެވޭ ހާލަތްތައް އިތުރު ކުރަނީ

ފާޠިމަތު ހިބާ

ރައީސް ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
SHARE
އަމިއްލަ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ހާލަތްތަށް އިތުރު ކުރަން ގާނޫނު އިސްލާހުކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ރޭ ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ވަނީ އެތައް އަހަރުތަކެއް ވަޒީފައިގައި އުޅުމަށްފަހު ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ މަހުން މަހަށް ކުދި އަދަދުން ލިބޭތީ އެކަމުގެ ޝަކުވާ ރައީސްއަށް ދަންނަވާފައެވެ.
މިކަމާއި ގުޅިގެން އޭނާ އެދިފައި ވަނީ އާމްދަނީ ހޯދުމަށްޓަކައި އަމިއްލަ މަސައްކަތް ފެށުމަށް އެ ފައިސާއިން މިފަދަ ބޭނުންތަށް ކުރެވޭނެ މަގެއް ހޯދައިދެއްވުމަށެވެ.
އެ ކަންބޮޑުވުމަށް އިޝާރަތްކުރައްވަމުން ރައީސް ވިދާޅުވީ މިހާރުވެސް ހާއްސަ ހާލަތްތަކުގައި އަމިއްލަ ޕެންޝަނުން ފައިސާ ބޭނުން ކުރެވޭއިރު މި ހާލަތްތައް އިތުރުކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައިމަށް ވިސްނާފައިވާނެ ކަމަށެވެ.
އިތުރު ހާއްސަ ހާލަތްތަކެއްގައި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން އެބަ ހުށަހަޅަން، - ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މި އިސްލާހު ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ އަހަރުގެ ފެބްރުއަރީ މަހު ރައްޔިތުން މަޖިލީހުގެ އައު ދައުރު ފެށޭ އިރު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މި ގާނޫނަށް ގެންނަން ވިސްނަވާފައިވާ އިސްލާހުތަކުގެ އެއްވެސް ތަފްސީލެއް އެމަނިކުފާނު، ރޭ ދެއްވާފައެއް ނުވެއެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




