މާލޭގެ އައު މަސްމާރުކޭޓު އަޅާނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި: ރައީސް

އަޙްމަދު ސަދޫފް މޫސާ

މާލޭގެ މަސް މާރުކޭޓު -- ފޮޓޯ: ސޯޝަލް މީޑިޔާ
SHARE
އެންމެ ޒަމާނީ ޚިދުމަތްތަކާއި އެކު މާލޭގެ އައު މަސް މާރުކޭޓު އަޅާނީ ޖަޕާނު ސަރުކާރުގެ އެހީގައި، މިކްސް ޔޫސް މާކެޓެއް ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާނު ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި އާ މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުއްޓިފައިވާ ކަމަށާއި، މި މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވުނު މަޝްވަރާތަކަށް ފަހު، ޖަޕާން ސަރުކާރުން އެ މަސައްކަތް ކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކުގައި ވެސް ވާހަކަދެކެވި، މަސައްކަތްތަކެއް ފެށިފައި، - ރައީސް ޑރ. މުޙައްމަދު މުޢިއްޒު
މި މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ ކަމުގެ މައުލޫމާތު ވެސް ރައީސް ދެއްވިއެވެ.


އައު މަސްމާރުކޭޓު އަޅާނީ ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް، މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެތަން ހިއްކި އިރުގައި ވެސް އެކަން ކުރަން ރާވާފައި އޮތް އޮރިޖިނަލް ޕްލޭން ކަމަށެވެ.
އައު ޕްލޭނުގެ ދަށުން، ލޯކަލް މާރުކޭޓު ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓު ހިމެނޭ މިކްސްޑް ޔޫސް މާކެޓެއް ހަދައި، މޮޑާން އިމާރާތެއް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އިމާރާތެއް އަޅަން ވެސް އަންނަނީ ރާވަމުންނެވެ.
ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު، ލޯކަލް މާރުކޭޓު ހިންގާ ބިން ހުސްކޮށް، އެ ތަނުގައި ހަތަރު ބުރީގެ އިމާރާތެއް އަޅާ، ދަތުރުވެރިންގެ މާރުކޭޓާއި މަސްމާރުކޭޓު ވެސް އާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވެއެވެ.

ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!



