ސްޓޭޝަނަށް ގެންދާ ސިނގިރޭޓު އެ ނަގަނީ ފުލުހުން; މި ދެން ބޮޑުވަރެއްނު!
ސައިފުﷲ އަލީ

ފުލުހުންތަކެއް ފޯލްއިންގައި -- ފޮޓޯ: ސަން
SHARE
މިދިޔަ މަހު ފަހުކޮޅު ސޯޝަލްމީޑިއާގައި ފެންމަތިވި މައްސަލައެކެވެ. ވިލިމާލޭ ފުލުސް އިސްޓޭޝަނުގައި ހުރި ސިނގިރޭޓްތަކެއް ގެއްލެނީޔޯލައެވެެ. ހަމަ ވާ އެއް ގޮތެއް ވެސް ނޭނގި ސިނގިރޭޓްތައް ގެއްލެނީއެވެ. މަދަކުން ވެސް ނޫނެވެ. ކާޓަން ކާޓަނުންނެވެ.

އެ ކަމުގެ ވާހަކަ ރަށުތެރޭގައި މާ ގަދަވެގެން ފުލުހުން ބަޔާނެއް ވެސް ނެރުނެވެ. އޭގައި ވެސް ބުނީ ހަމަ ސިނގިރޭޓް ގެއްލޭ ވާހަކައެވެ. 32 ކާޓަން އޮތް ތަނަކުން ހަ ކާޓަން މަދެވެ. އަދި މިދިޔަ އަހަރު ވަގަށް ނެގި 25 ކާޓަންއެއްގެ ވާހަކަ ވެސް އޭގައި އޮތެވެ. -- އެކަމަކު އެއަށްވަނީ ކިހިނެއްކަން އޭރަކު ފުލުހުންނަކަށް ވެސް ނޭނގެއެވެ.
މި ކާޓަންތަކެއް ނެގި މީހަކު, 32 ކާޓަން އޮތްތަނަކުން ހަ ކާޓަން ނެގީ ފަޅާ ނާރާނެކަމަށް ބާވައެވެ. ނޫނީ ރަނގަޅުވެލާން ވެގެން ބާކީ 26 ކާޓަން ބާއްވައިފައި ދިޔައީ ބާވައެެވެ.
އޭރު ވެސް ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރާ ވާހަކައެވެ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަދްސް ކޮމާންޑުން އެ މައްސަލަ ބަލާ ވާހަކައެވެ. އަދި ޖިނާއީ ތަހުގީގެއް ވެސް ހިންގާ ވާހަކައެވެ.
ފުލުހުންގެ ބަޔާނުގައި ސާފު އިބާރާތުން ލިޔެފައި އޮތެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. -- އެ ކަން އެ ގޮތަށް އޮތް ނަމަ މި ފަދަ ކަންކަން އަބަދާއި އަބަދު ތަކުރާރު ވަނީ ކީއްވެގެން ހެއްޔެވެ?

މިރޭ ފުލުހުން އަނެއްކާ ވެސް މި މައްސަލައިގެ އަޕްޑޭޓެއް ދީފިއެވެ. ހައްޔަރުކުރީ ފުލުހުގެ ސީނިއާ ސާޖަންޓެކެވެ. މިއީ ދެން ބޮޑުވަރެއް ނޫންހެއްޔެވެ.
މި ވަރު ވީމާ ދެން ރައްޔިތުން ފުލުހުންނަށް އިތުބާރު ކުރާނެކަމަށް އުންމީދުކުރާނެ ކަމެއް ނެތެވެ. ފުލުހުންގެ ތެރެއިން އެންމެން މިހެން ނޫޅުނު ނަމަވެސް, ފުލުހުންގެ ތެރޭގައި މި ފަދަ މައްސަލައެއް މިހާރު ފެންމަތި ނުވާ އިރެއް ނުދެއެވެ. އެއިން ކޮންމެ ވާހަކައަކީ މީޑިއާއަށް ތިލަވާ ވާހަކަތަކެއް ވެސް ނޫން ވިއްޔާއެވެެ.
ދައުލަތުގެ ބަޖެޓުން ފުލުހުންނަށް އިންތިހާ ހަރަދު ކުރެއެވެ. މުސާރައިގެ ކުރިއެރުން ކޮންމެ ވެރިކަމެއްގައި ހެން ދެއެވެ. އެ ވަރުން ނުވެގެން ބޭސްފަރުވާއާއި ކޮއްތު ވެސް ހިލޭ ލިބެއެވެ. މައިންބަފައިންނަށާއި އަނބިދަރީންނަށް ވެސް ބޭސްފަރުވާ ހިލެއެވެ. މި ވަރު ދިވެހި ދައުލަތުން ފުލުހުންނަށް ކޮށްދޭއިރު, އެ ވަރު ނުދަންނަނީ ކީއްވެގެން ހެއްޔެވެ?
ފަހަރުގައި ސިނގިރޭޓް ކާޓަންއެއް ވަގަށް ނަގާ ފުލުސް މީހާއަށް އެއީ މާ ބޮޑު ކަމެއްހެން ހީނުވެދާނެއެވެ. އެކަމަކު, ތިޔަ ގެއްލުވައިލަނީ ލައިގެން ހުރި ނޫ ޔުނީފޯމުގެ އަބުރާއި އިއްޒަތެވެ. ތިޔަ ހުޅުވައިލަދެނީ ފުލުހުންނާ ދިމާއަށް ރައްޔިތުންނަށް އިނގިލި ދިއްކުރެވޭނޭ ދޮރެކެވެ. ތިޔަ ޚިލާފުވަނީ الله ގަންދީ ކުރި ހުވައާއެވެ.

ގައުމަށް ޣައްދާރުވުމަކީ ހަމައެކަނި ބަގާވާތްކޮށްގެން ވެރިކަން ވައްޓައިލުންކަމަށް ފުލުސް އޮފިސަރުންނަށް ހީވަންޏާ ދުވަހަކު ވެސް އެ މުއައްސަސާ ރަނގަޅެއް ނުވާނެއެވެ. ފުލުހުންނަކީ ރައްޔިތުންގެ ހިމާޔަތުގައި ތިބޭ ބައެކެވެ. ރައްޔިތުންގެ ހިމާޔަތުގައި ސަރުކާރުން ހަދާ ގާނޫނުތައް ތަންފީޒުކުރުމުގެ އެންމެ ބޮޑު ބާރު ވެސް އޮތީ ފުލުހުންގެ އަތުގައެވެ.
ސަރުކާރުން ސިނގިރޭޓު އަގުބޮޑުކުރީމާ ފުލުހުން ވީ ނުގަވައިދުން ވައްދާ ސިނގިރޭޓް ސްޓޭޝަނަށް ގެންދިޔައީމާ ވަގަށް ނަގައިގެން އެ ބޯން ހެއްޔެވެ. ނޫނީ އެ ނަގައިގެން އާއްމުންނަށް ވިއްކަން ހެއްޔެވެ. ސަރުކާރުން ވޭޕް މަނާކުރީމާ ވޭޕް ގެންގުޅޭ މީހުން އަތުން ވޭޕް އަތުލައިގެން ގޮސް ވީ އާއްމުންނަށް ވިއްކަން ހެއްޔެވެ.
ދެން ޝަރީއަތަށް ގެންގޮސް އެހީމާ ތިމަންނާ ހުވައެއް ނުކުރަމޭ ބުނީމާ ނިމުނީއެވެ. އެ ހިސާބުން ދެން އަނެއްކާ ވެސް ރައްޔިތުން ވީ ފުލުހުންނާ ދިމާއަށް އެއްޗެހި ކިޔާށެވެ. ކިތަންމެ ހިތް ނޭދުނަސް މިހިރަ މިހަރަ ކަންތައްތަކާ ހެދި ރައްޔިތުން ފުލުހުންނަށް އެތިވަރު ގޮވާނެއެވެ.
ފުލުހަށް މިހާރު ވައްދާ ބައެއް އޮފިސަރުންގެ ގޮތެއް ފޮތެއް ނުހުންނަ ވާހަކައަކީ އެ ތަނުގެ ގަދަރުވެރި މީހުން ވެސް ދައްކާ ވާހަކައެެކެވެ. އެ މީހުންގެ އޮންނަ ކަންބޮޑުވުމެއް ވެސް މެއެވެ. މާ ބޮޑު ބެކްގްރައުންޑް ޗެކެއް ނުހަދާ ފުލުހުންގެ އިދާރާއަށް ވަދެވޭ ގޮތަށް އޮންނަ އޮތުމެވެ. ތައުލީމީ ގޮތުން މާ ރަނގަޅު ނޫނަސް އެ ތަނަށް ވަދެވުމެވެ.
އޭގެ ނަތީޖާ ވެސް ހިއްޗެވެ. ގިނަ ކުށްތަކެއްގައި ފުލުހުން ޝާމިލުވާ މިންވަރު މި ވަނީ އިތުރުވެފައެވެ. އޭގެ ސަބަބުން ވެއްޓެނީ ހަމަ ފުލުހުންގެ އަގެވެ. ގައިމު އެ ސިނގިރޭޓް ކާޓަން ވަގަށް ނުނެގިޔަސް ކައިގެން ބޮއެގެން އެ އޮފިސަރަށް އުޅެވުނީސް ތާއެވެ.
ރައްޔިތުން ފުލުހުންނަށް އިހްތިރާމް ނުކުރާ ވާހަކަ ވަރަށް ދެރަވެފައި ފުލުހުން ދައްކާނެއެވެެ. އިހްތިރާމް ލިބޭނީ އިހްތިރާމް ލިބޭ ގޮތަށް މުޅި ފުލުސް މުއައްސަސާ ވެސް މަސައްކަތްކޮށްގެންނެވެ. ވަފާދާރު އޮފިސަރުންގެ އަގު ވެސް ހިފެހެއްޓޭނީ ކާމުޗޯރު ފުލުހުން ބޭރުކޮށްގެންނެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




