މަސްވެރިންގެ މުޒާހަރާގައި ފެރީތައް ނެރުން ނުކުންނަން ހުރަސް އަޅަނީ

އަޙްމަދު ސަދޫފް މޫސާ

ބޮޑުކަންނެލި މަސްވެރިން ފެރީއަށް ހުރަސް އަޅަނީ -- ފޮޓޯ: ނުކުތާ
SHARE
ސަރުކާރަށް ޑިމާންޑްތަކަކާއި އެކު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރިޔަށްގެންދާ މުޒާހަރާގައި މާލޭގެ ހެންވޭރު ފެރީ ޓާމިނަލުން ނުކުންނަ ފެރީތަކަށް ހުރަސްއަޅަން ފަށައިފިއެވެ.

ހެންވޭރު ފެރީ ޓާމިނަލް ސަރަޙައްދުގައި ހުރި "ނުކުތާ"ގެ ނޫސްވެރިޔާ ބުނީ، ހެންވޭރު ފެރީ ޓާމިނަލާއި ދިމާ ނެރުން ނުކުންނަން މަސައްކަތްކުރި އެމްއޭސީއެލްގެ ފެރީއަކަށް ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގެ ބައިވެރިން ހުރަސް އަޅަމުންދާ ކަމަށެވެ.
އަދި މަސްވެރިންގެ ޕާކަށް އެއާޕޯޓުން ދަތުރުކުރި ފެރީތައް މަޑުކޮށް، މީހުން ބާލަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ސަރަޙައްދުގައި ފުލުހުންގެ ލޯންޗެއްވެސް ހަރަކާތްތެރިވަމުންދެއެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ވަރަށް ގިނަ ދޯނިތައް އިހްތިޖާޖުކުރަމުންދެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން ކުރިޔަށްގެންދާ މި އިހްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިން އިހްތިޖާޖުކުރަމުންދަނީ މާލޭގެ ހަ ނަންބަރު ފާލަމުގެ ސަރަހައްދުގައެވެ. "ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ" މި ޝިއާރުގެ ދަށުން ކުރާ އިހުތިޖާޖުގައި އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ދޯނިތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ދޯނިތަކުން މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރާ ޑިމާންޑްތަކަކީ:
- މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ ސަރުކާރުން މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމާއި
- ތެޔޮ ލިބުމުގައި ފަސޭހެ ގޮތްތަކެއް ހޯދައިދިނުން
- ކަނޑުއޮތްގިރީގައު ހުރި ސްޓޯރޭޖާއި ޕެކިން ފެސިލިޓީ ބޭނުންކުރުން ނުވަތަ ގޮތެއް މަސް ޕެކުކުރަން ހޯދައިދިނުން
އެ ޔޫނިއަނުން ވަނީ އެ ޑިމާންޑުތަކަކީ ސަރުކާރަށް ނުފުއްދޭނެ ވަރުގެ ޑިމާންޑުތަކެއް ނޫންކަން ފާހަގަކޮށްފައެވެ.



