
އަންނިއާ އަބަދުވެސް ދެބަސްވޭ، ގާތްނުވެވޭ ވަރަށް ދުރެއް ނުވަން: އިބޫ

އަޙްމަދު ސަދޫފް މޫސާ
ކުރީގެ ރައީސް ނަޝީދު އަދި ރައީސް ސޯލިޙް -- ފޮޓޯ: އެމްޑީޕީ
SHARE
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު، ސިޔާސީ ކަންކަމުގައި ދެބަސްވިޔަސް، ދުރުނުވާ ހިސާބަކަށް ދުވަހަކުވެސް ނުދާ ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް މިއަދު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ފަހު، ދެ ބޭފުޅުން އެކުގައި މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ކުރީގެ ރައީސް ސޯލިޙް ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނާއި ދެމެދު އޮތް ގުޅުމަކީ އިއްޔެއަކު މިއަދަކު އޮތް ގުޅުމެއް ނޫން ކަމަަށާއި، ސިޔާސީ ކަންކަމުގައި އަބަދުވެސް ޚިޔާލު ތަފާތުވާ ފަހަރުތައް އަންނަ ކަމަށެވެ.
އަޅުގަނޑުމެންގެ ގުޅުމަކީ އިއްޔެއަކު އޭގެ ކުރީދުވަހަކު އޮތް ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ޚިޔާލު ތަފާތުވުން. އަދި ސިޔާސީ ކަންތައްތަކުގައި. އެކަމަކު އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކީގައި ކުރިޔަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މިއާދެވުނީ، - ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް
ރައީސް ސޯލިޙް އިތުރަށް ވިދާޅުވީ، ސިޔާސީ ކަންކަމުގައި ދެބަސްވި ނަމަވެސް، ދުވަހަކު ވެސް ގާތްނުވެވޭ ވަރަށް ދުރަށް އެ ދެބޭފުޅުން ނުދާ ކަމަށެވެ.
އަދި މިއަދު އެގޮތަށް ބައްދަލުކުރެވި ވާހަކަދެކެވެނީ ވެސް އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުރުނުވާ ހިސާބަކަށް އަޅުގަނޑުމެން ނުދަން އެއް އިރެއްގަވެސް. އެހެންވެ މިތާ މިއަދު އައިސް މިތިބީ، - ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް
އެ ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިޙުއަކީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި، މާ ގިނަ ދުވަހަކު އެހެން ތިބެވޭނެ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަޅުގަނޑުމެން ކުޑަ ދުވަސްކޮޅަކަށް ދެބަސްވެ ތިއްބެއް ކަމަކު އަޅުގަނޑު ހިތެއް ނުބުނޭ އަޅުގަނޑުމެންނަކަށް މާގިނަ ދުވަސްތަކު ހުރެވޭނޭ އެހެން މާާބޮޑު ދެބަސްވުންތަކެއްގެ ތެރޭގައި. އުނދަގޫކަމަކަށް އަޅުގަނޑުމެންނަށް ވާނެ އެކަން، - ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު، އެމަނިކުފާނާއި ރައީސް ސޯލިޙްގެ ގުޅުން ބޮޑަށް ހީނަރުވީ ނިމުނު ރިޔާސީ އިންތިހާބުގެ އެ ޕާޓީގެ ޕްރައިމަރީގައި އެ ދެބޭފުޅުން ވާދަކުރެއްވި ހިސާބުންނެވެ. އޭގެ ކުރިން ވެސް މަޑުމަޑުން އެ ދެބޭފުޅުންގެ ގުޅުން ހީނަރުވަމުން އައި ނަމަވެސް، ރިޔާސީ އިންތިހާބުގެ ޕްރައިމަރީގެ ކެމްޕެއިނުން ފެށިގެން ރައީސް ނަޝީދު ގެންދެވީ، އެ ޕްރައިމެރީން ބަލިވި ނަމަވެސް، ރައީސް ސޯލިހުގެ ފަހަތަށް ނާރުއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެ ނުތަނަވަސްކަމާއި އެކު، އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވައިގެން ރައީސް ނަޝީދު އެ ޕާޓީއާ ގުޅިވަޑައިގެންނެވިއެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ވެސް ވާދަކުރެއްވިއެވެ. އެ ޕާޓީ ދޫކުރައްވައި އެނބުރި އެމްޑީޕީއަށް ރައީސް ނަޝީދު ވަޑައިގެންނެވީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ރައީސް ނަޝީދާއި އެކު އޭރު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ގުޅުނު ވަރަށް ގިނަ ބަޔަކު ވަނީ އެމްޑީޕީއާ ގުޅިފައެވެ.





