
އިންތިހާބަކާ ނުލައި ޕީއެންސީއަށް 28 ގޮނޑި، އެމްޑީޕީއަށް އެއް ގޮނޑި

އަޙްމަދު ޝާބިން

ޕީއެންސީގެ ހަރުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ޕީއެންސީ
SHARE
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި، އެކަށީގެންވާ އަދަދަށް ކެންޑިޑޭޓުން ކުރިމަތިނުލުމުގެ ސަބަބުންނާއި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން، ވޯޓަކާ ނުލައި ވެރިކަން ކުރާ ޕީއެންސީއަށް 28 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00 އަށް ވަނީ ހަމަވެފައެވެ.
މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުލުން ބޭއްވުމުގެ ކުރިން ބައެއް ފަރާތްތަކުން ނަން އަނބުރާ ގެންދިއުމުން ގޮނޑިތައް ވަނީ ކަށަވަރުވެފައެވެ.
ކައުންސިލް ގޮނޑިތަކުގެ ތެރެއިން ޕީއެންސީއަށް 28 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑިއެކެވެ. މީގެ އިތުރުން އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓަކަށް ވެސް ވަނީ ގޮނޑި ކަށަވަރުވެފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިތަކަށް ބަލާއިރު، ޕީއެންސީން ވަނީ 42 ގޮނޑި ކާމިޔާބުކޮށްފައެވެ. މި ބައިން އެމްޑީޕީއަށް ކަށަވަރުވީ ފަސް ގޮނޑިއެވެ. އަދި އަދާލަތު ޕާޓީއަށް އެއް ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ކުރިމަތިލީ ދެ ކެންޑިޑޭޓަކަށް ވެސް ވަނީ ގޮނޑި ކަށަވަރުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިޚާބަކާ ނުލައި ހޮވުނު ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށްފައެވެ. އޭޕްރިލް 4 ގައި ވޯޓުލުން ކުރިއަށްދާނީ ކެންޑިޑޭޓުންގެ މެދުގައި މުބާރާތް އޮތް ދާއިރާތަކުގައެވެ.





