
ތަރައްގީއާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިމަނަންޖެހޭ: އަލައިކާ

އަޙްމަދު ސަދޫފް މޫސާ

SHARE
މުޅި މުޖުތަމައުގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ނިންމާ ނިންމުންތަކުގައި އަންހެނުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހިމެނުން ކަށަވަރުކުރަންޖެހޭ ކަމަށް މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކެންޑިޑޭޓް އާޝިޔަތު އަލައިކާ އަދުނާނު ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އާޝިޔަތު ވިދާޅުވީ، އަންހެނުންނަކީ އާއިލާތަކުގެ މައިބަދަ ކަމަށާއި، އަންހެނުން ބާރުވެރިވުމަކީ މުޅި މުޖުތަމައުގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެއް ކަމަށެވެ.
އަދި އަންހެނުންގެ ދުވަހަކީ އަންހެނުންގެ ކަރާމާތް ރައްކާތެރިކޮށް، ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް އައު އަޒުމެއް ކަނޑައަޅަންވީ ދުވަސްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހަށް އދ. އިން ކަނޑައަޅާފައިވާ "ޙައްޤުތައް، އިންސާފު، ޢަމަލު – ހުރިހާ އަންހެނުން އަދި އަންހެން ކުދިންނަށް" މި ޝިއާރަށް އަލިއަޅުއްވާލައްވަމުން އާޝިޔަތު ވިދާޅުވީ، މި ޝިއާރުގެ ބޭނުމަކީ އަންހެނުންގެ ޙައްޤުތަކަކީ ހަމައެކަނި ލިޔެފައި އޮންނަ ފޮޅުވަތްތަކަކަށްވުމުގެ ބަދަލުގައި، ޢަމަލީގޮތުން އިންސާފު ހޯދައިދިނުމަށް ފިޔަވަޅު އެޅުން ކަމަށެވެ.
"އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދީ، މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވާންޖެހޭ. އެކަނިވެރި މައިންނާއި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއައްސަސާތައް އެއްބާރުލައިގެން މަސައްކަތްކުރަންޖެހޭ"، އަލައިކާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަންހެނުންގެ ޞިއްޙަތާއި، ރައްކާތެރިކަމާއި، ޒަރޫރީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތައް ކަށަވަރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.




